މިސްރުގެ ފުޓުބޯޅަ ތަރި، މުހައްމަދު ސަލާހާއި އޭނާގެ ގާނޫނީ ވަކީލުގެ ސިޓީތަކަށް އެގައުމުގެ ފުޓުބޯޅަ ފެޑަރޭޝަނުން ބީރު ކަންފަތެއް ދެމުން ދާތީ ސަލާހް ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

ސަލާހްގެ ރަސްމީ ޓްވިޓާ އެކައުންޓުގައި އޭނާ ކޮށްފައި ޓްވީޓެއްގައި ބުނެފައި ވަނީ އާންމުކޮށް ފުޓުބޯޅަ އިދާރާތަކުގެ މަސައްކަތަކީ އެގައުމެއްގެ ފުޓުބޯޅަ ކުޅުންތެރިންނާ ދެމެދު ޖެހޭ މައްސަލަތައް ވީހާވެސް އަވަހަށް ހައްލުކުރުން ނަމަވެސް، މިސްރުގެ އިދާރާއިން އޭނާއަށް ކަން ކުރަމުންދަނީ މުޅިން ތަފާތުކޮށް ކަމަށެވެ.

ގާނޫނީ ވަކީލު މެދުވެރިކޮށް ގިނަ ސިޓީތަކެއް ފޮނުވި ނަމަވެސް، އެއްވެސް ސިޓީއަކަށް ފެޑަރޭޝަނުން ޖަވާބުދާރީވެފައި ނުވާކަމަށް ސަލާހް ބުނެފައިވާ އިރު، އޭނާ އިތުރަށް ބުނެފައި ވަނީ މިސްރުގެ އިދާރާއަށް އޭނާއަށް ވަގުތު ދެވެން ނެތް ނަމަވެސް އެކަން އަންގާލުމަށެވެ.

ވޯލްޑް ކަޕްގެ ކުރިން މިސްރުން ސަލާހްގެ ފޮޓޯ، އޭނާގެ ހުއްދައާ ނުލާ ބޭނުން ކުރުމާ ގުޅިގެން ސަލާހްގެ ގާނޫނީ ޓީމުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި ވޯލްޑް ކަޕްގައި މިސްރުން ކޭމްޕް ކުރި ރަޝިއާގެ ޗެޗެންގެ ލީޑާރު ރަމަޒާން ކަދީރޯވާއެކު ސަލާހް ލައްވާ ނެގި ފޮޓޯތަކެއްގެ ސަބަބުންވެސް މިސްރުގެ އެފްއޭއާއި ސަލާހާ ދެމެދު ދެބަސްވުންތަކެއް އުފެދުނު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކަދީރޯވަކީ އަނިޔާވެރި ލީޑަރެއްގެ ގޮތުގައި މީޑިއާތަކުގައި އަޑު ފެތުރިފައި އޮތް އިރު، ސަލާހް ފަދަ ކުޅުންތެރިއަކު ބޭނުންކޮށްގެން އޭނާ ޕްރޮމޯޓް ކުރުމަށް މިސްރުގެ ފުޓުބޯޅަ އިދާރާއިން މަސައްކަތް ކުރި ކަމަށް ގިނަބަޔަކު ބުނެފައިވާ އިރު، އެފްއޭއިން ވަނީ އެކަން ކަމަށް އިންކާރު ކޮށްފައެވެ.

ވޯލްޑް ކަޕަށް މިސްރު ދިޔަ އިރު، ސަލާހް އަނިޔާގައި ހުރި ނަމަވެސް އޭނާ ވަނީ ގްރޫޕް ސްޓޭޖުގެ ދެ މެޗެއްގައި ފެނިފައެވެ. މިސްރުން ވޯލްޑް ކަޕްގައި ކުޅުނު ތިން މެޗުންވެސް ބަލިވެފައިވާ އިރު، އެޓީމުގެ ކޯޗު ކަމުގައި އޭރު ހުރި ހެކްޓާ ކޫޕާ ވަނީ މިހާރު މަގާމުން ވަކިކޮށްފައެވެ. އޭނާގެ ބަދަލުގައި މިސްރުގެ ޓީމަށް ގެނެސްފައި ވަނީ ހާވިއާ އަގުއޭރީއެވެ.

އަގުއޭރީގެ އިރުޝާދުގެ ދަށުން މިސްރުގެ ގައުމީ ޓީމުން އަދި މެޗެއް ކުޅެފައި ނުވާ އިރު، 2019 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތައްޔާރީތައް މިސްރުން ވަނީ ފަށާފައެވެ. އެ މުބާރާތަށް މިސްރަށް އެންމެ މުހިއްމު ވާނެ ކުޅުންތެރިއަކީވެސް ސަލާހް ކަމަށްވީ އިރު، އޭނާއާ އެފްއޭއާ ދެމެދު މައްސަލަތަކެއް އުޅުމަކީ މިސްރުގެ ގައުމީ ޓީމަށް ލިބޭނެ ގެއްލުމެކެވެ.

ފުޓުބޯޅަ ފެޑަރޭޝަނުން ސަލާހާ މެދު ކަންކުރާ ގޮތާ ގުޅިގެން އޭނާގެ އެޖެންޓް ރަމީ އައްބާސް އީސާވެސް ވަނީ ޓްވީޓް ކޮށްފައެވެ. އޭނާގެ ޓްވީޓްގައި ބުނެފައި ވަނީ މިސްރުގެ ފުޓުބޯޅަ އިދާރާއިން ސާފް ކުރަން އެދިފައިވާ ހަމައެކަނި ކަމަކީ ސަލާހްގެ ހުއްދައާ ނުލާ އޭނާގެ ފޮޓޯ ފަދަ ތަކެތި ދެން ބޭނުން ނުކުރާނެ ކަމުގެ ޔަގީން ކަން ކަމަށެވެ. އެހެން ނަމަވެސް އެ ފަދަ ކުޑަ ކަމަކަށް އިދާރާއިން ޔަގީންކަން ނުދެވި ލަސްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އޭނާގެ ޓްވީޓުގައި ބުނެފަިވެއެވެ.

މި އަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވީ 29 އަހަރަށްފަހުގައެވެ. އެތާރީހީ ކާމިޔާބީގެ އެންމެ މުހިއްމު ރޯލެއް ކުޅުންތެރިއަކީ ލިވަޕޫލަށް ކުޅެމުން އަންނަ ސަލާހެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައިނީ

    ސަލާހުގެ ސައިޒް އޮޅެނީ ދޯ ކޮންމެ ގައުމެއްގަވެސް ކުޅުންތެރިޔަކަށް ގައުމީ ފެޑެރޭސަން ނުވަތަ އޮލިޕިކް ކޮމެޓީއަށް ވުރެ ގަދައެއް ނުވެވޭނެ އަދި އެމީހުން ބުނާހާކަމެް ކުރަން ޖެހޭނީ އަދި ގަބޫލް ކުރަން ޖެހޭނީ މިސާލު ދަގޭ