ދަނޑުމަތީގެ ނަމަކީ ޓޫކިލޯއެވެ. އއ. ތޮއްޑޫއަށް އުފަން މުހުތާރު ނަސީރަށް އެ ނަން ދިނީ ވެލެންސިއާގައި ހޭދަކުރި ދުވަސްވަރު، އޭރު ޓީމުގެ ކޯޗު ލާޒްލޯ ކިސްއެވެ. އޭނާގެ ހަލުވި ކުޅުމާއި، މޮޅު ކޮއްޓުންތަކަކީ ގަލޮޅު ދަނޑުމަތިން ފެނުނު ހާއްސަ ހުނަރެކެވެ. ހާއްސަކޮށް ދިވެހިން ފުޓުބޯޅައިގައި ހޯދި އެންމެ ފުރިހަމަ ކާމިޔާބީ، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި "އެއައް ބޮޑު އިންޑިއާ ކޮޅަށް" ޖެހި ރަން ގޯލްގެ ބާނީއަކީ އޭނައެވެ.

ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު ރަށުގައި ދިރިއުޅުން ހޭދަކުރަމުންދާ ޓޫކިލީއަށް އަދިވެސް ގައުމީ ޓީމު ހާއްސައެވެ. ގައުމީ ދަނޑުގައި ގައުމީ ޓީމުގެ މެޗެއް ކުޅޭ ނަމަ، ޓިކެޓް ނަގައިލައިގެން އައިސް ގައުމީ ދަނޑަށް ވަދެވެނީ އެހެންވެއެވެ. ރަށުގައި "ބިޒީ"ކޮށް އުޅުނަސް، ގައުމީ ޓީމު މެޗެއް ދޫ ނުކޮށްލެވެނީ އެހެންވެއެވެ.

ރާއްޖޭގެ ގައުމީ ޓީމުން 2007 ވަނަ އަހަރު ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުން ގައުމީ ޓީމުގެ ކެރިއަރު ފެށި ޓޫކިލޯ، ގައުމީ ޓީމަށް ޖަހައިދިނީ ތިން ގޯލެވެ. އޭގެ ތެރެއިން ދެ ގޯލަކީ އިންޑިއާ ކޮޅަށް ޖެހި ގޯލްތަކެވެ. ކެރިއަރުގައި ދެ ސާފް ޗެމްޕިއަންޝިޕެއް ކުޅެފައިވާ އިރު، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ މުޅި ރާއްޖެއަށް ހާއްސަވި މުބާރަތެއް ފަދައިން، ޓޫކިލޯގެ ކެރިއަރުގެވެސް އެންމެ މުހިއްމު މުބާރާތެވެ.

"ކުޅުންތެރިއެއްގެ ކެރިއަރުގައި ލިބޭނެ އެންމެ ބޮޑު އުފާވެރިކަން އެއީ. ގައުމީ ޓީމާއެކު ތަށްޓެއް އުފުލާލުމަށް ކުރެވުނު މަސައްކަތާ، އެ ދަތުރުގެ ހަނދާންތައް އަދިވެސް އެބަހުރި. އެއީ ހަނދާނުން ފޮހެވޭނެ ކަންތައްތަކެއްވެސް ނޫން،" "ވަގުތު" އާއި ވާހަކަ ދައްކަމުން ޓޫކިލޯ ބުންޏެވެ.

ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް އުފުލާލަނީ ---

ސާފް ޗެމްޕިއަންޝިޕްގެ ހަނދާންތައް އާކުރަމުން ޓޫކިލޯ ބުނީ، ގައުމީ ރޫހަކީ އޭނާއަށް ފުޓުބޯޅަ ކަމަށެވެ. ޓީމަށް ހަދާ ފޯރިގަދަ ލަވަތަކުން ގައުމީ ޖޯޝު، އަދިވެސް ކައްކުވާލާ ކަމަށް ޓޫކިލޯ ބުންޏެވެ. ވަތަނަށް ދެވޭ ލޯބި، އޭނާ ދިން ގޮތަކީވެސް ފުޓުބޯޅައިންނެވެ. ސާފް ޗެމްޕިއަންޝިޕް ފައިނަލްގައި އިންޑިިއާ ކޮޅަށް ޖެހި ގޯލަކީ ދިވެހިންގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ގެނުވި ގޯލެކެވެ. ކުޑެއް ބޮޑެއް ނެތި، ފިކުރެއް ވިސްނުމެއް ނެތި، މުޅި ގައުމު އެކުވެރިކޮށްދިން ގޯލެކެވެ.

"އިންޑިއާ ކޮޅަށް ޖެހި ގޯލް ޖެހުމާއެކު އުފާފާޅުކުރަން ދެވުނީ ނުބައި ދިމަލަކަށް ކަންނޭނގެ. އަހަރެން ދަންނަ ދިވެހި ސަޕޯޓަރުންތަކެއް ކައިރިއަށް ދާން އަސްލު ދިޔައީ. އެކަމަކު ދަގަނޑޭ ގޮވާލީމަ އޭނަ ކައިރިއަށް މި ދެވުނީ. ދެން އެގަނޑީގައި ނޭނގޭނެ ދެވޭ ދިމާއެއްވެސް ދޯ. އެންމެންނަށްވެސް އެހިސާބުން އެނގިއްޖެ މިއީ ރަން މެޑަލް ލިބުނީކަން،" ޓޫކިލޯ އޭނާގެ ހަނދާންތައް ހިއްސާ ކުރިއެވެ.

ތަށި އުފުލާލި ހަނދާން ފަނޑެއް ނުވެއެވެ. ގައުމަށް އެނބުރި އައި ދުވަހު މުޅި ދިވެހި ގައުމު ދިން ލޯބި މާ ބޮޑަށް ހަނދާނުގައި އެބަހުއްޓެވެ.

"ހީވެސް ނުކުރަން އަސްލު.. ދުވަހުވެސް ކޯޓު ފަޓުލޫނުގައި، ރަން މެޑަލް އަޅައިގެން ގައުމީ ޓީމާއެކު އާދެވިދާނެ ކަމަކަމަށް. އެކަމަކު އެކަން ހަގީގަތަކަށްވި. މާލެ އައިއިރު މުޅި ރާއްޖެ އެކަމަށް ސެލިއުޓް ކުރި. ގައުމީ ރޫހި ހިތުގައި އޮތީ. ލޮލުން ކަރުނަ އައި ވަގުތުކޮޅެއް އެއީ. ހިތަށް ގެނެވުނު ދިވެހިންނަށް ކޮށްދެވުނު ހިދުމަށް،" ޓޫކިލޯ ބުންޏެވެ.

ގައުމީ ޓީމު ތަށްޓާއެކު މާލެ އައުމުން ދިވެހިން މަރުހަބާ ކިޔަނީ ---

ޓޫކިލޯ ގައުމީ ފުޓުބޯޅައަށް ކޮށްދިން ހިދުމަތަށް ސަރުކާރުން ހަނދާނީ ފިލައެއްވެސް އަރުވާފައިވާ އިރު، އޭނާއަށް ފުޓުބޯޅައިން ލިބުނު އެންމެ ބޮޑު އުފާވެރިކަމަކީ ގައުމު ހެއްވާލުމެވެ. ދިވެހީންގެ އުންމީދުތަކެއްގައި ކުލަޖައްސައި ދެވުމެވެ. 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްފަހު 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައިވެސް ޓޫކިލޯ ކުޅެފައިވާ އިރު، އެފަހަރު ބަންގާޅުގައި އޮތް މުބާރާތުން ރާއްޖެ ރިހި މެޑަލް ގެނެސްފައިވާ އިރު، ފައިނަލްގައި ބަލިވީ އިންޑިއާ އަތުންނެވެ.

ގައުމީ ޓީމުން ޒުވާން ޓީމަކާއެކު އަނެއްކާވެސް ސާފަށް ނުކުންނަ އިރު، ޓީމާ ދޭތެރޭ ޓޫކިލޯގެ އުންމީދު ފޮންޏެވެ. ޓޫކިލޯގެ ނަޒަރުގައި ދިވެހި ޓީމަށް ކާމިޔާބަށް ވާސިލްވާން ބޭނުންވާ އެންމެ މުހިއްމު ކަމަކީ ކުޑަ ހިތްވަރެކެވެ.

"ނެގޭނެ.. ނެގެން ޖެހޭނެ މިހާރު އޮތް ޓީމަށް. ދަގަނޑޭ ޓީމަށް ނުނެގުމުން ދެރަވި. އެކަމަކު މިހާރު ތިބި ކުޅުންތެރިން ދަށްކޮށްލަނީ އެއް ނޫން މިއީ. އެ ކުޅުންތެރިން ކުޑަ ހިތްވަރެއް ކޮށްލައިގެން މުބާރާތް ނެގޭނެ. ހުނަރުވެރި ވަރަށް ގާބިލް ކުޅުންތެރިން ތިބީ. ދަގަނޑޭއަކީ އެކަމަކު ރާއްޖޭގެ އެއްވަނަ. އޭނާ ރިޕްލޭސްއެއް ނުކުރެވޭނެ. އަހަރެން ކުޅުނު އިރުވެސް، އަބަދުވެސް ބޭނުންވާނީ ދަގަނޑޭއާއެކު ކުޅެން. އެއީ ވަރަށް ފަސޭހަ ކަމެއް،" ޓޫކިލޯ ބުންޏެވެ.

ރާއްޖޭއިން ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރުގެ މުބާރާތުން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ކުޅުނު ހަނދާނީ މެޗުގެ ތެރެއިން --- ފޮޓޯ؟ ނިޝާން އަލީ، މިހާރު

"ރަން ގޯލް"ގެ މޭސްތެރިޔާ، ޓޫކިލޯގެ އުންމީދުތަކާ އެއްވަރަށް މުޅި ދިވެހިންގެވެސް އުންމީދުތައް ފޮންޏެވެ. އެންމެފަހުން ސަރަހައްދީ މުބާރާތެއް ކާމިޔާބުކުރިތާ 10 އަހަރު ވެގެންދާ އިރު، ދިވެހީން ތިބީ ކާމިޔާބަށް ފެން ބޮވައިގެންފައެވެ. ޓީމަށް ނުރުހުމުގެ ބަސްތައް ބައެއް ފަހަރު ރައްދުވާ ކަމަކީވެސް އެއީ ކަމަށް ވެދާނެއެވެ. ކާމިޔާބަށް އެދި ކުރެވޭ އުންމީދެވެ. އެހެން ނަމަވެސް، އެ އުންމީދު ހާސިލް ކޮށްދިނުމަށް ޓީމަށް ދޭންވީ ހިތްވަރެވެ.