އިންޑޮނޭޝިއާގެ ޖަކާޓާ އަދި ޕަލެމްބަންގައި މިހާރު ކުރިއަށްދާ 18 ވަނަ އޭޝިއަން ގޭމްސްގައި ބައިވެރިވި ރާއްޖޭގެ ޝޫޓިންގ ޓީމުން ޤައުމީ ދެ ރިކޯޑެއް އާކޮށްފިއެވެ.

އެ މުބާރާތުގައި ބައިވެރިވި ސިފައިންގެ ޝޫޓަރުން އާކޮށްފައިވާ ޤައުމީ ދެ ރެކޯޑަކީ 50 މީޓަ ތުރީ ޕޮޒިޝަން އަދި 10 މީޓަރ އެއަރ ޕިސްޓަލް އިވެންޓުގެ ގައުމީ ރެކޯޑެވެ.

ފަންސާސް މީޓަރ ތުރީ ޕޮޒިޝަން ޤައުމީ ރެކޯޑް އާކޮށްފައިވަނީ ސާޖަންޓް ފަސްޓް ކުލާސް ޢަބްދުﷲ މުޙައްމަދު އެވެ. ސާޖަންޓް ފަސްޓް ކުލާސް ޢަބްދުﷲ މުޙައްމަދު ވަނީ ޖުމްލަ 1116 ޕޮއިންޓް ހޯދާފައެވެ. އޭނާއަށް އެވަރެޖް ސްކޯރ އަކަށް ލިބިފައިވަނީ 9.300އެވެ. ޓޯޓަލް އިނަރ ޓެންސްގެ ގޮތުގައި 33 ޕޮއިންޓް ވަނީ ލިބިފައެވެ.

އެ އިވެންޓުގައި ރާއްޖެއިން ދެން ބައިވެރިވި، ކޯޕްރަލް އަޙްމަދު އިބްރާހީމް ވަނީ ޖުމްލަ 1060 ޕޮއިންޓް ހޯދާފައެވެ. އެވަރެޖް ސްކޯރ އަކަށް ލިބިފައިވަނީ 8.833 އެވެ. ޓޯޓަލް އިނަރ ޓެންސް ގެ ގޮތުގައި 22 ޕޮއިންޓް ވަނީ ލިބިފައެވެ.

ރާއްޖޭގެ ޝޫޓިން ޓީމު އޭޝިއަން ގޭމްސްގައި --- ފޮޓޯ/ އެމްއޯސީ

މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޝޫޓިންގ ޓީމުން ވަނީ 10 މީޓަރު އެއަރ ރައިފަލް އިވެންޓުގައި އަލަށް ބައިވެރިވެފައެވެ. އެ އިވެންޓުގައިވެސް ވަނީ 595.2 ޕޮއިންޓު ހޯދާ މުޅިން އައު ރިކޯޑެއް ގާއިމް ކޮށްފައެވެ.

ދިހަ މީޓަރ އެއަރ ޕިސްޓަލް އިން ޤައުމީ ރެކޯރޑް އާކޮށްފައިވަނީ ކޯޕްރަލް ރިއުޝާ މުޙައްމަދެވެ. ކޯޕްރަލް ރިއުޝާ މުޙައްމަދު ވަނީ ޖުމްލަ 531 ޕޮއިންޓް ހޯދާފައެވެ. އެވަރެޖް ސްކޯރ އަކަށް ލިބިފައިވަނީ 8.850 އެވެ. ޓޯޓަލް އިނަރ ޓެންސް ގެ ގޮތުގައި 4 ޕޮއިންޓް ލިބިފައިވެއެވެ.

އިންޑޮނޭޝިއާގެ ޖަކާޓާ އަދި ޕަލެމްބަންގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް މިއަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ. މި އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޝޫޓިންގ ޓީމް ބައިވެރިވެފައިވަނީ ފިރިހެނުންގެ 10 މީޓަރު އެއަރ ރައިފަލް އިވެންޓާއި ފިރިހެނުންގެ 50 މީޓަރު ތުރީ ޕޮޒިޝަން އިވެންޓުގެ އިތުރުން އަންހެނުންގެ 10 މީޓަރު އެއަރ ޕިސްޓަލް އިވެންޓާއި އަންހެނުންގެ 25 މީޓަރު ޕިސްޓަލް އިވެންޓުގައެވެ