އިންގްލެންޑްގެ ފޯވަޑް ޖޭމީ ވާޑީއާއި ޑިފެންޑަރު ގެރީ ކޭހިލްވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ވާޑީއާއި ކޭހިލްވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައިވާ އިރު، އެ ދެކުޅުންތެރިންވެސް ބުނެފައި ވަނީ މިވަގުތަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމީ، ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓްގެ ޕްލޭނާ އެއްގޮތަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.

ގައުމީ ޓީމަށް 26 މެޗު ކުޅެދީފައިވާ އުމުރުން 31 އަހަރުގެ ވާޑީ، ވޯލްޑް ކަޕަށް ދިއުމުގެ ކުރިންވެސް ގައުމީ ޓީމުން ރިޓަޔާކުރުމުގެ ވިސްނުން ކޯޗާ ހިއްސާ ކުރިކަމަށް އޭނާ ބުނެފައިވެއެވެ. ވާޑީ ބުނެފައި ވަނީ ވޯލްޑް ކަޕުންވެސް އެނގިގެން ދިޔައީ އިންގްލެންޑަށް ކާމިޔާބު އޮތީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ކަމަށާއި، ޒުވާން ޓީމަކަށް ފުރުސަތު ދޭން ބޭނުންވާ ކަމަށެވެ.

ގައުމީ ޓީމަށް ހަތް ގޯލް ޖަހައިދީފައިވާ ވާޑީ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅެފައި ވަނީ ރިޕަބްލިކް އޮފް އަޔަލޭންޑާ ދެކޮޅަށް އިންގްލެންޑުން 2015 ވަނަ އަހަރު ޖޫން މަހު ކުޅުނު މެޗެއްގައެވެ. އޭނާ ވަނީ އިންގްލެންޑާއެކު ޔޫރޯގެ އިތުރުން ނިމިދިޔަ ވޯލްޑް ކަޕްގައިވެސް ކުޅެފައެވެ.

ވާޑީ ބުނެފައި ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، ހާލަތު ދިމާކުރާ ގޮތުން ގައުމީ ޓީމަށް ކޮންމެހެން ކުޅެން ޖެހިއްޖެ ހާލަތެއްގައި އޭނާ އަދިވެސް ފަހަށް ނުޖެހޭނެ ކަމަށެވެ. އަދި ކޯޗު ސައުތުގޭޓަށްވެސް އެ ޔަގީންކަން ދީފާވާނެ ކަމަށްވެސް ވާޑީ ބުންޏެވެ.

ޗެލްސީގެ ކެޕްޓަން ކޭހިލް ގައުމީ ޓީމުން ރިޓަޔާ ކޮށްފައި ވަނީ އުމުރުން 32 އަހަރުގައެވެ. އޭނާ ވަނީ ގައުމީ ޓީމަށް 61 މެޗު ކުޅެދީ، ގިނަ މެޗުތަކެއްގައި ކެޕްޓަން ބޭންޑް އަޅައިގެންވެސް ކުޅެފައެވެ. 2010 ވަނަ އަހަރު އިންގްލެންޑް ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިން ކޭހިލް، މިދިޔަ ވޯލްޑް ކަޕްގައި ކުޅެފައި ވަނީ އެންމެ މެޗެކެވެ.

ރިޓަޔާމެންޓާ ގުޅިގެން ކޭހިލް ބުނެފައި ވަނީ ޒުވާން ޖީލެއް ބިނާވަމުންދާ ކަމަށާއި، މިއީ އޭނާ ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށެވެ. އިންގްލެންޑްގެ ގައުމީ ޓީމު ރަމްޒު ކޮށްދެވުމަކީ ލިބުނު ފަހުރެއް ކަމަށް ކޭހިލް ބުނެފައިވާ އިރު، އޭނާވެސް ބުނެފައި ވަނީ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެ، ޓީމަށް ބޭނުން ޖެހިއްޖެ ހާލަތެއްގައި ކުޅެން ތައްޔާރަށް ހުރި ކަމަށެވެ.

ރަޝިއާގައި މިއަހަރު ބޭއްވި ވޯލްޑް ކަޕަށް އިންގްލެންޑުން ދިޔައީ ޒުވާން ސްކޮޑަކާ އެކުގައެވެ. ސެމީ ފައިނަލް ކުޅެ، އިންގްލެންޑު ކަޓައިގެން ދިޔަ ނަމަވެސް، ނިމިދިޔަ ވޯލްޑް ކަޕަކީ އެގައުމަށް އުންމީދީ ވޯލްޑް ކަޕެކެވެ.