ޅޮހީ ޕީސް ކުލަބުގެ ފަރާތުން އިސްނަގައިގެން ބާއްވާ ޕީސީ ސޮކާ ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ބޯއީޒް ހޯދައިފިއެވެ.

ބޯއީޒް ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ މިއަދު ކުޅުނު މެޗުގައި 3-0ގެ ނަތީޖާއަކުން އީ ސްޕޯޓްސް ބަލިކޮށްގެންނެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ބޯއީޒްގެ މުހައްމަދު ނައީމް ދެ ގޯލް ޖަހާފައިވާ އިރު، އެޓީމުގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ ހުސައިން ހަމީޒެވެ. މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރާ އިރު، ފައިނަލްގެ ޖާގަ ލިބޭނީ ލީގު ބުރު ނިމޭ އިރު، އެންމެ ކުރީގައި އޮންނަ ދެޓީމަށެވެ.

މުބާރާތް ފެށުމުގެ ގޮތުން ބޯއީޒްއިން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން އެކްސީޑު އެފްސީ ބަލިކުރި އިރު، އިއްޔެ ކުޅުނު މެޗުގައި ވާދަކުރީ އެފްސީ ނަރުކަނޑާއާއި ޑަބްލިއު ސްޕޯޓްސްއެވެ. އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްސީ ނަރުކަނޑާއެވެ.

ޕީސް ކްލަބުގެ ފަރާތުން ބާއްވާ ޕީސީ ކަޕް ޅޮހީގައި ބާއްވަނީ ޅޮއްސަކީ ހުނަރުވެރި ކުޅުންތެރިން އުފެދޭނެ ރަށަކަށް ހެދުމުގެ އިތުރަށް ޒުވާނުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރުކުރުމުގެ މަގުސަދުގައި ކަމަށް މުބާރާތް އިންތިޒާމުކުރާ ފީސް ކުލަބުން ބުނެފައިވެއެވެ.

ޅޮހީ ޕީސް ކުލަބަކީ އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ އެކި މުބާރާތްތަށް ބާއްވަމުން އަންނަ ކުލަބެކެވެ. އެގޮތުން ފާއިތުވި ތިން އަހަރު ވަނީ ކާމިޔާބު ކަމާއި އެކު ތިން ވޮލީ މުބާރާތް ކުރިއަށް ގެންގޮސްފައެވެ.

ޕީސީ ސޮކާ ކަޕްގެ މެއިން ސްޕޮންސަރަކީ ޅޮހީ ކައުންސިލްއެވެ. އަދި ކޯ ސްޕޮންސަރުންނަކީ އޭވީއީ، ނޯތް ރީފްއެވެ. އަދި އިތުރު ސްޕޮންސަަރުންގެ ތެރޭގައި ހިމެނެނީ އެކްސީޑް، ރިއަލް އިންވެސްޓްމެންޓް، އަރޯމާ ކެފޭ، ނިއު ވިއު މަނަދޫއެވެ. މި މުބާރާތުގެ ޑިޒައިން ޕާޓްނަރަކީ ޑިޒައިނާސްއެެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަގުތު އެމްވީ" އެވެ،

މުބާރާތުގެ މެޗެއް މާދަމާވެސް އޮންނާނެއެވެ. މާދަމާ އޮންނަ މެޗުގައި ވާދަކުރާނީ އެކްސީޑާއި އެފްސީ ނަރުކަނޑާއެވެ.