ސްޕެނިޝް ލަލީގާގައި ވާދަވެރި އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ބާސެލޯނާއިން އަށް ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

ލަލީގާގައި މިރޭ އެދެޓީމު ބައްދަލުކުރި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ގިނައިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ބާސެލޯނާއަށް މެޗުގެ ލީޑު ނަގައިދިނީ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. ހިލޭ ޖެހުމަކުން މެސީ އެލަނޑު ކާމިޔާބުކުރީ މެޗުގެ 26 ވަނަ މިނެޓްގައެވެ. އެ ލަނޑަކީ މެސީގެ ކެރިއަރުގައި ކާމިޔާބުކުރި 600 ވަނަ ލަނޑެވެ. ލަނޑަށް ފަހުވެސް މެސީއަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ނާކާމިޔާބު ވެފައެވެ. ރޭގެ މެޗުގައި ކުޓީނިއޯއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ކުޓީނިއޯ ފޮނުވާލި ދެހަމަލާވެސް އެތުލެޓިކޯގެ ކީޕަރު ޖޭން އޮބްލަކް ވަނީ ދިފާއުކޮށްފައެވެ. މެސީ 600 ލަނޑު ކާމިޔާބުކޮށްފައި ވަނީ 747 މެޗުންނެވެ. އެއީ ވާދަވެރި ރޮނާލްޑޯއަށް ވުރެއް 108 މެޗު މަދުން ކުޅެގެންނެވެ.

ދެވަނަ ހާފުގައި އެތްލެޓިކޯއިން ވަނީ އެމީހުންގެ ކުޅުން ރަނގަޅު ކޮށް ބާސާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައެވެ.

މިރޭގެ މޮޅާއި މެކު ސްޕެނިޝް ލަލީގާގެ އެއްވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 27 މެޗުން 69 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި 61 ޕޮއިންޓާއި އެކު މިރޭގެ މެޗުން ބަލިވި އެތްލެޓިކޯ މެޑްރިޑް އޮތް އިރު ރެއާލް މެޑްރިޑް ތިން ވަނައިގައި އޮތީ 54 ޕޮއިންޓާއެކުގައެވެ.