އަންނަމަހު ސިންގަޕޫރުގައި އޮންނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އަންހެން ނެޓްބޯޅަ ޓީމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ހިތްވަރު ދެއްވައިފިއެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޔޫތު މިނިސްޓަރުގެ އިތުރުން ޔޫތު މިނިސްޓްރީގެ އިސްވެރިންނާއި ސްޕޯޓްސް ކޮމިޝަނަރު އަލީ އުމަރުވެސް ވަނީ ނެޓްބޯޅަ ޓީމާ ބައްދަލުކޮށް، ގައުމަށް ރީތި ނަން ހޯދައިދިނުމަށް އެދިފައެވެ.

މުބާރާތަށް ދާ ސްކޮޑުގައި 16 ކުޅުންތެރިއަކު ހިމެނިފައިވާ އިރު، ޓީމުގެ ކޯޗަކީ އައިމިނަތު ހަލީމެވެ. ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ދަތުރު ކުރާނީ ސަލްމާ އިސްމާއީލެވެ. މުބާރާތަށްދާ ބައިވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ރާއްޖެ ތަމްސީލު ކުރަން މިފަދަ ބޮޑު މުބާރާތެއްގައި ޒުވާން އަންހެން ކުޅުންތެރިންދާތީ ފަހުރުވެރިވެ ވަޑަގަންނަވާ ކަމަށާއި، ކުޅުންތެރިންނާއި މެދު ވަރަށް ބޮޑު އުންމީދެއް ކުރައްވާ ކަމަށެވެ.

އޭގެ އިތުރުންވެސް އެފަދަ މުބާރާތްތަކުގައި ރާއްޖެއިން ވާދަކުރާ ކުޅުންތެރިންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވާ އިރު، މިނިސްޓަރު އިތުރަށް ވިދާޅުވީ އުންމީދަކީ މުބާރާތުން ރާއްޖެއަށް ރަން މެޑަލް އެއް ލިބުން ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި 2020 ވަނަ އަހަރު ޖަޕާންގެ ޓޯކިޔޯގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްއަށްވެސް ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން އިރުތިޝާމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ކުޅިވަރު ޓީމުތައް އޮލިމްޕިކްސްއަށް ތައްޔާރުކުރުމަށް މިހާރު މަސައްކަތްތައް ފަށާފައިވާ ކަމަށާއި ނެޓްބޯޅަ ޓީމުވެސް އޮލިމްޕިކްސްގައި ބައިވެރިވެ ފުރިހަމަ ނަތީޖާއެއް ހޯދުމަކީ އުންމީދެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސިންގަޕޫރުގައި އަންނަ މަހު އެކަކުން ނުވަޔަކަށް ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ޖުމްލަ 16 ގައުމަކުން ވާދަކުރެއެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. ރާއްޖޭގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ މެލީޝިއާ އަދި ޖަޕާނެވެ.

ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި ސެޕްޓެންބަރު ދެވަނަ ދުވަހު ނުކުންނާނީ މެލޭޝިއާއާ ދެކޮޅަށެވެ.