އާޖެންޓީނާގެ ފޯވަޑް ގޮންޒާލޯ ހިގުއައިން ފޮނުވާލާ، ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދިއުމަކީ ޔުވެންޓަސްއިން ހެދި ގޯހެއް ކަމަށް ޔުވެންޓަސްގެ ކުރީގެ ޖެނެރަލް މެނޭޖަރު ލޫސިއާނޯ މޮގީ ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ޓްރާންސްފާ ސީޒަންގައި ޔުވެންޓަސްއިން، އުމުރުން 33 އަހަރުގެ ރޮނާލްޑޯ ގެންދިޔައީ ކްލަބު ރެކޯޑު އަގެއް ކަމަށްވާ 117.34 މިލިއަން ޕައުންޑަށެވެ. ރޮނާލްޑޯގެ ސޮއިއާއެކު ޔުވެންޓަސްއިން ވަނީ އުމުރުން 30 އަހަރުގެ ހިގުއައިން ލޯން އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ފޮނުވާލައިފައެވެ. މި ސީޒަން ނިމުމާއެކު ހުގައައިންގެ ޓްރާންސްފާ ދާއިމީވާނެ ކަމަށްވެސް ގިނަ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

"މާކެޓިންގެ ފަޅިން ވިސްނާ އިރު، ރޮނާލްޑޯ ގެންދިއުމަކީ ވަރަށް ރަނގަޅު ނިންމުމެއް. އެކަމަކު އަހަރެން ޔުވެންޓަސްގައި ހުރި ނަމަ، އުމުރުން 33 އަހަރުގެ ކުޅުންތެރިއަކަށް އެހާ ބޮޑު އަގެއް ދީފައި ނުގެންދާނަން. އަދި މިދިޔަ ސީޒަންގައިވެސް 20 ގޯލް ޖެހި ފޯވަޑަކު ޓީމުން ބޭރުކޮށް، އެކަން ނުކުރާނަން،" ރޮނާލްޑޯގެ ޓްރާންސްފާއާ ގުޅިގެން ލޫސިއާނޯ ވިދާޅުވިއެވެ.

ޔުވެންޓަސްގެ ވެރިއެއްގެ ގޮތުގައި 1994އިން 2004 ވަނަ އަހަރާ ހަމައަށް ހޭދަކުރި ލޫސިއާނޯ ވިދާޅުވެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑުން 2003 ވަނަ އަހަރު ރޮނާލްޑޯގެ ސޮއި ހޯދުމުގެ ކުރިން އޭނާ ރޮނާލްޑޯގެ ސޮއި ހޯދި ކަމަށެވެ. އެހެން ނަމަވެސް އެ ޓްރާންސްފާ ފްލޮޕްވީ ޔުވެންޓަސްއަށް އޭރު ކުޅުނު މާސެލޯ ސަލާސް، ރޮނާލްޑޯގެ ކުރީގެ ކްލަބު ސްޕޯޓިން ލިޒްބަންއަށް ދާން ދެކޮޅު ހެދުމުން ކަމަށްވެސް ލޫސިއާނޯ ވިދާޅުވިއެވެ.

"ރޮނާލްޑޯގެ އުމުރުން 18 އަހަރުގައި އަހަރެން އޭނާގެ ސޮއި ހޯދިން. އޭރު އޭނާ ކުޅުނީ ސްޕޯޓިން ލިޒްބަންއަށް. އަހަރެން ރޮނާލްޑޯ ފެނިގެން އޭނާގެ ސޮއި ހޯދީ 2.3 މިލިއަން ޕައުންޑަށް. ސަލާސްވެސް ދޭ ގޮތަށް، ސަލާސްއަށް ލޯޔަލްޓީ ބޯނަސްގެ ގޮތުގައި 4،70،000 ޕައުންޑްވެސް ހުށަހެޅިން. އެކަމަކު ސަލާސް ބޭނުންވީ ރިވާ ޕްލޭޓަށް ދާން. އެހިސާބުން މެންޗެސްޓާ ޔުނައިޓެޑް އައީ،" ލޫސިއާނޯ ވިދާޅުވިއެވެ.

ރޮނާލްޑޯ މިހާތަނަށް ޔުވެންޓަސްއާއެކު ކުޅެފައި ވަނީ ވާދަވެރި ދެ މެޗެވެ. ސެރެއާއޭގައި ކުޅުނު އެ ދެމެޗުންވެސް ޔުވެންޓަސް މޮޅުވެފައިވީ ނަމަވެސް، ރޮނާލްޑޯއަށް ގޯލެއް ޖެހިފައެއް ނުވެއެވެ. އެހެން ނަމަވެސް ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ދެ މެޗުގައިވެސް ފެނިފައިވެއެވެ.