ޖަރުމަނު ގައުމީ ޓީމު ރަޝިއާގެ ވޯލްޑް ކަޕްގައި ފެއިލްވީ ކޯޗު ޔޯކިމް ލޯއަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށް އޭނާ އިއުތިރާފް ވެއްޖެއެވެ.

ރަޝިއާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކަޓާފައިވާ އިރު، މިފަހަރުގެ ވޯލްޑް ކަޕަކީ 80 އަހަރަށްފަހު ޖަރުމަނަށް އެންމެ ދަށް ވޯލްޑް ކަޕެވެ. ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ވޯލްޑް ކަޕަށް ނުކުތް ޖަރުމަނުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން މެކްސިކޯ އަދި ދެކުނު ކޮރެއާ އަތުންވެސް ވަނީ ބަލިވެފައެވެ.

ޖަރުމަނަށް ވޯލްޑް ކަޕްގައި ހެދުނު ގޯސްތަކާ ގުޅިގެން ވާހަކަ ދައްކަމުން ކޯޗު ލޯ ބުނެފައި ވަނީ އޭނާއަށް ހެދުނު އެންމެ ބޮޑު ގޯހަކީ ކުރިއަށް ޖެހިގެން އެޓޭކް ކުރާ ސްޓައިލަށް ކުޅެގެން މޮޅުވާނެ ކަމަށް ގަބޫލުކުރުން ކަމަށެވެ.

"އަހަންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ އެޓޭކިން ކުޅުމެއް ކުޅެ، އެގޮތަށް ކުޅެވޭނެ ކަމަށް ގަބޫލުކުރުން. އަހަރެން ވިސްނީ އެ ކުޅުން ފުރިހަމަ ކުރަން. އެކަން އެކަމެއް ނުވި،" ލޯ ބުންޏެވެ.

ލޯ ބުނެފައި ވަނީ މުބާރާތަށް ތައްޔާރުވުމުގައިވެސް ޖަރުމަނަށް ގޯސްތަކެއް ހެދުނު ކަމަށާއި، މާ ބޮޑަށް ހުޅުވާލެވިގެން ފަރިތަކުރުންތައް ކުރިއަށް ގެންދެވުމުގެ އިތުރުން ވޯލްޑް ކަޕްގެ ކުރިން މާ ފަސޭހަ މެޗުތައް ކުޅެވުން އެއީވެސް ހެދުނު ގޯސްތައް ކަމަށެވެ.

ޖަރުމަނުގެ ކޯޗުކަމުގައި ލޯ ވަނީ 12 އަހަރު ހޭދަކޮށްފައެވެ. އެ 12 އަހަރު ދުވަހުގެ ތެރޭގައި ވޯލްޑް ކަޕެއް ކާމިޔާބުކުރުމުގެ އިތުރުން މިދިޔަ ވޯލްޑް ކަޕް ފިޔަވާ އޭނާގެ ކޯޗު ކަމުގައި ޖަރުމަނުން ކުޅުނު ބޮޑެތި ހުރިހާ މުބާރާތެއްގައިވެސް ސެމީ ފައިނަލަށް ދަތުރުކޮށްފައިވެއެވެ.