ފަނަރަސަތޭކަ މީޓަރު އަންހެން ދުވުމުގެ ރެކޯޑު، އައިމިނަތު ޖައިޝާ ޖުނީޒް މުގުރާލައިފިއެވެ.

ޖައިޝާ ރެކޯޑު މުގުރާލައިފައި ވަނީ މިހާރު އިންޑޮނޭޝިއާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 1500 މީޓަރު އަންހެން ފައިނަލް ހީޓުގައި ދުވެގެންނެވެ. އޭނާ ރޭސް ނިންމާފައި ވަނީ ފަސް މިނެޓާ 14.38 ސިކުންތުންނެވެ.

މީގެ ކުރިން 1500 މީޓަރު އަންހެން ގައުމީ ރެކޯޑު އޮތީ މަރިޔަމް އިނާޔާ ފާރޫގު އަތުގައެވެ. އިޔާޔާ ރެކޯޑު ހަދާފައި ވަނީ 2010 ވަނަ އަހަރު ޖުލައި މަހު ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ދުވެގެންނެވެ. އިނާޔާ ރޭސް ނިންމާފައި ވަނީ ފަސް މިނެޓާ 16.29 ސިކުތުންނެވެ.

ޖައިޝާއަކީ އަންހެން އެތުލީޓުންގެ ތެރެއިން ފާހަގަ ކޮށްލެވޭ އުންމީދީ އެތުލީޓެކެވެ. އޭނާ ވަނީ 2016 ވަނަ އަހަރު އިންޑިއަން ގްރޭންޑް ޕްރިކްސްގައި ވާދަކޮށް ލޯ މެޑަލް ހޯދުމުގެ އިތުރުން މިދިޔަ އަހަރު ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައިވެސް ތިން ލޯ މެޑަލް ހޯދައިފައެވެ. އޭގެ އިތުރުންވެސް މިއަހަރު ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް މުބާރާތުގައިވެސް ޖައިޝާ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.

އިންޑިނޯޝިއާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ހަތަރު ދުވުންތެރިއަކު ވާދަކޮށްފައިވެއެވެ. އެ ހަތަރު ދުވުންތެރިންނަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ގައުމީ ހާފް މެރެތަން ރެކޯޑު އޮންނަ ދުވުންތެރިއާ މުހައްމަދު ޝިފާޒާއި ޒުވާން އަންހެން ދެ ދުވުންތެރިން ކަމަށްވާ ޖާއިޝާގެ އިތުރުން އައިޝަތު ހިމްނާ ހަސަނެވެ.