މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔުވެންޓަސް އާއި އެޓީމަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑް އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.

ޔުނައިޓެޑަށް ކުޅެ އެޓީމާއެކު ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ، ޔުނައިޓެޑާއި ދެކޮޅަށް ނުކުންނަ މެޗު ވެގެންދާނީ ގްރޫޕް ސްޓޭޖުގެ އެންމެ ފޯރިގަދަ އެއް މެޗަށެވެ. މި ދެ ޓީމުގެ އިތުރުން ގްރޫޕް އެޗް ގައި ދެން ހިމެނެނީ ސްޕެއިންގެ ވެލެންސިޔާ އާއި ސްވިޑެންގެ ކްލަބެއް ކަމަށްވާ ޔަންގް ބޯއީސް އެވެ.

ޖުމްލަކޮށް މި ފަހަރު ހުރިހާ ގްރޫޕެއް ވެސް ހަމަހަމަކޮށް ފެންނައިރު ދެން އެންމެ ވަރުގަދަ އެއް ގްރޫޕަކީ ގްރޫޕް ބީއެވެ. މި ގްރޫޕްގައި ހިމެނެނީ ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ އިންޓަ މިލާން އާއި އިނގިރޭސިވިލާތުގެ ޓޮޓެންހަމްގެ އިތުރުން ނެދަލޭންޑްސްގެ ޕީއެސްވީއެވެ.

ޗެމްޕިއަންސް ލީގު ފާއިތުވި ތިން އަހަރު ވެސް ހޯދި ރެއާލް މެޑްރިޑް ލައްވާލާފައިވަނީ ގްރޫޕް ޖީގައެވެ، މި ގްރޫޕްގައި ދެން ހިމެނެނީ ރޯމާ އާއި ސީއެސްކޭއޭ މޮސްކޯގެ އިތުރުން ވިކްޓޯރިއާ ޕްލެޒެންއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ރަނަރަޕްކަން ހޯދި ލިވަޕޫލް ވެސް ލައްވާލާފައިވަނީ ވަރުގަދަ ގްރޫޕެއްގައެވެ. އެގޮތުން ގްރޫޕް ސީގައި ލިވަޕޫލް އާއެކު ދެން ހިމެނެނީ ޕީއެސްޖީ އާއި ނަޕޯލީގެ އިތުރުން ރެޑް ސްޓާ ބެލްގްރޭޑެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓަރ ސިޓީ ލައްވާލާފައިވަނީ ޝަހްތަރު ޑޮނެޓްސްކާއި ހޮފެންހެއިމްގެ އިތުރުން ލިޔޯން އާއެކު ގްރޫޕް އެފްގައެވެ. ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދި ބަޔާން މިއުނިކް ލައްވާލާފައިވަނީ ގްރޫޕް އީގައި ކަމަށްވާއިރު މި ގްރޫޕްގައި ދެން ހިމެނެނީ ބެންފީކާ އާއި އަޔެކްސްގެ އިތުރުން ގްރީސްގެ އޭއީކޭ އެތެންސްއެވެ.

ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ލައްވާލާފައިވަނީ ގްރޫޕް އޭގައި ކަމަށްވާއިރު މި ގްރޫޕްގައި ދެން ހިމެނެނީ ބްރޫޝިއާ ޑޯޓްމަންޑާއި މޮނާކޯގެ އިތުރުން ކްލަބު ބްރޫޖްއާއެވެ. އަދި ޕޯޗުގަލް ލީގުގެ ޗެމްޕިއަންކަން މިދިޔަ ސީޒަނުގައި ހޯދި ޕޯޓޯ ލައްވާލާފައިވަނީ ގްރޫޕް ޑީގައި ކަމަށްވާއިރު މި ގްރޫޕްގައި ދެން ހިމެނެނީ ލޮކޮމޯޓިވް މޮސްކޯ އާއި ޝާލްކޭގެ އިތުރުން ގަލަތަސަރާއީއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެރެ އެވެ. ދެ ވަނަ ބުރު އަންނަ އަހަރުގެ ފެބްރުއަރީ 12 ގައި ފަށާއިރު، ފައިނަލް މެޗު އޮންނާނީ ސްޕެއިންގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމުގައި އަންނަ އަހަރުގެ ޖޫން އެއްވަނަ ދުވަހުއެވެ.

ގްރޫޕް އޭ: އެތްލެޓިކޯ މެޑްރިޑް، ބްރޫޝިއާ ޑޯޓްމަންޑް، މޮނާކޯ، ކްލަބު ބްރޫޖް

ގްރޫޕް ބީ: ބާސެލޯނާ، ޓޮޓެންހަމް، އިންޓަ މިލާން، ޕީއެސްވީ

ގްރޫޕް ސީ: ޕީއެސްޖީ، ލިވަޕޫލް، ނަޕޯލީ، ރެޑް ސްޓާ ބެލްގްރޭޑް

ގްރޫޕް ޑީ: ޕޯޓޯ، ޝާލްކޭ، ގަލަތަސަރާއީ، ލޮކޮމޯޓިވް މޮސްކޯ

ގްރޫޕް އީ: ބަޔާން މިއުނިކް، ބެންފީކާ، އަޔެކްސް، އޭއީކޭ އެތެންސް

ގްރޫޕް އެފް: މެންޗެސްޓަރ ސިޓީ، ޝަހްތަރު ޑޮނެޓްސްކް، ލިޔޯން، ހޮފެންހެއިމް

ގްރޫޕް ޖީ: ރެއާލް މެޑްރިޑް، ރޯމާ، ސީއެސްކޭއޭ މޮސްކޯ، ވިކްޓޯރިއާ ޕްލެޒެން

ގްރޫޕް އެޗް: ޔުވެންޓަސް، މެންޗެސްޓަރ ޔުނައިޓެޑް، ވެލެންސިޔާ، ޔަންގް ބޯއީސް