އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެއެވެ.

ޗެލްސީ އާއި ލިވަޕޫލް މުބާރާތުގެ ތިންވަނަ ބުރުގައި ބައްދަލުކުރަން ޖެހުނުއިރު، މި ދެ ޓީމު އެންމެފަހުން މި މުބާރާތުގައި ބައްދަލުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އެފަހަރު މުބާރާތުގެ ސެމީގައި މި ދެ ޓީމު ބައްދަލުކުރިއިރު އެ މެޗު 2-1 ގެ އެގްރިގޭޓް ނަތީޖާ އަކުން ކާމިޔާބުކޮށްފައިވަނީ ޗެލްސީންނެވެ.

ލިވަޕޫލް އަކީ ލީގު ކަޕް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމެވެ. އެގޮތުން އެޓީމު ވަނީ މުބާރާތް 8 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗު އޮންނާނީ އަންނަ މަހުގެ 25 ވަނަ ދުވަހުއެވެ.

މި މުބާރާތް އެންމެފަހުން ކާމިޔާބުކޮށްފައިވާ މެންޗެސްޓަރ ސިޓީ ތިންވަނަ ބުރުގައި ބައްދަލުކުރާނީ އޮކްސްފޯޑް ޔުނައިޓެޑާއެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑް ތިންވަނަ ބުރުގައި ނިކުންނާނީ ފްރޭންކް ލަމްޕާޑް ކޯޗުކޮށް ދެމުން އަންނަ ޑާބީ ކައުންޓީއާ ދެކޮޅަށެވެ. މީގެއިތުރުން އާސެނަލް އިން ބްރެންޓްފޯޑްއާ ބައްދަލުކުރަން ޖެހުނުއިރު ޓޮޓެންހަމް ނިކުންނާނީ ވޮޓްފޯޑްއާ ދެކޮޅަށެވެ.

ތިންވަނަ ބުރުގައި އެވަޓަން އާއި ސައުތްހެމްޓަން ބައްދަލުކުރަން ޖެހުނުއިރު، ވުލްވްސް ނިކުންނާނީ ލެސްޓަ ސިޓީއާ ދެކޮޅަށެވެ.