ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރާއި އީގަލްސްއަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް ހަސަން ރާއިފް އަހުމަދު (ހަންނަ)ގެ އިތުރުން ތިން ކުޅުންތެރިއަކު ބާކީކޮށް، ސާފް ޗެމްޕިއަންޝިޕަށް ދާ ފައިނަލް ސްކޮޑު އިއުލާންކޮށްްފިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ހަތަރު ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން ގަތަރުގައި ފަރިތަކުރަމުންދަނީ 27 ކުޅުންތެރިންގެ ސްކޮޑަކާއެކުގައެވެ. ކޯޗު ޕީޓާ ސެގަޓް އިއްޔެ ވަނީ އެ 27 ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިންއަކު ބާކީކޮށް، ބަންގްލަދޭޝްއަށްދާ ފައިނަލް ސްކޮޑު އިއުލާން ކޮށްފައެވެ.

ކޯޗު ބާކީ ކުރި ކުޅުންތެރިންނަކީ އުމެއިރާއި ހަންނަގެ އިތުރުން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފާއި ޓީސީ ސްޕޯޓްސް ކްލަބުގެ ޒުވާން ދެކުޅުންތެރިން ކަމަށްވާ މުހައްމަދު ސާމިރާއި އައްޒާމް އަބްދުﷲއެވެ.

ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކު މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމައިރަކީ މި ފަހަކަށް އައިސް ރާއްޖެއިން ކުޅުނު މުހިއްމު ހުރިހާ މުބާރާތެއްގެވެސް ސްކޮޑުގައި ހިމެނި، ގައުމީ ޓީމަށް މުހިއްމު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. އަދި މި ސީޒަންގެ ކުރީކޮޅުގައި އޭނާ އަނިޔާގައި ހުރި ނަމަވެސް، އޭނާ ވަނީ ފަހުން ކުޅުނު މެޗުގައި ނިއުއަށް މޮޅު ކުޅުމެއް ދައްކައިފައެވެ.

އުމެއިރުގެ އިތުރުން ދެން ސްކޮޑުން ބާކީ ކުރި ޒުވާން ކުޅުންތެރިޔާ ހަންނައަކީ ރާއްޖޭގައި ހުރި އެންމެ އުންމީދީ އެއް ކުޅުންތެރިޔާއެވެ. އޭނާ އަންނަނީ ލީގުގައިވެސް އީގަލްސްއާއެކު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސާފް ޗެމްޕިއަންޝިޕަށް އިއުލާން ކުރި ފައިނަލް ސްކޮޑް:

ނިއު ރޭޑިއަންޓް: މުހައްމަދު ފައިސަލް، އަކްރަމް އަބްދުލްގަނީ، ހަމްޒާ މުހައްމަދު، އަލީ ފާސިރު، ރިހާމް އަބްދުލްގަނީ (ބޮބީ)

މާޒިޔާ: މުހައްމަދު މުޖުތާޒް (މުޖޭ)، ހުސެއިން ޝަރީފް، އަލީ ސަމޫހު (ސަމުއްޓޭ)، މުހައްމަދު އިރުފާން (އިރޭ)، އަސަދުﷲ އަބްދުﷲ، ހަސަން ނާއިޒް (ދާދު)، އަހުމަދު އިމާޒް (އާއްކޮ)

އީގަލްސް: ހުސެއިން ސިފާއު ޔޫސުފް، މުހައްމަދު ނާއިމް، އަހުމަދު ނޫމާން، މުހައްމަދު އާރިފް (ބަކާ)

ޓީސީ: އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ)، މުހައްމަދު އައްޒާމް

ވިކްޓަރީ: ހުސެއިން ނިހާން (ނިހާޓް)

ޔުނައިޓެޑް ވިކްޓަރީ: ހުސެއިން ތޮލާލް

ގްރީންސްޓްރީޓްސް: އަބްދުﷲ ޔާމީން، މުހައްމަދު ސަމްދޫހު