މިދިޔަ ސީޒަންގެ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ނުދިނުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް އޭނާގެ އެޖެންޓް ޖޯޖު މެންޑޭޒް ބުނެފިއެވެ.

ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ އިއުލާން ކުރުމުގެ އިތުރުން މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގުރުއަތު ނެގުމަށް ރޭ ފްރާންސްގެ މޮނާކޯގައި ބޭއްވި ހަފްލާއަށް ރޮނާލްޑޯ ގޮސްފައި ނުވާ އިރު، އޭނާއަށް ލިބިފައި ވަނީ ޔޫރަޕްގެ ދެވަނަ ކުޅުންތެރިއާގެ މަގާމެވެ. ރޮނާލްޑޯއަށް ދެވަނަ ލިބުމާ ގުޅިގެން އެޖެންޓް މެންޑޭޒް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާ އިރު، އެވޯޑު ހަފްލާއަށް ރޮނާލްޑޯ ނުދިޔައީ ދެވަނަ ލިބުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

"ފުޓުބޯޅަ ކުޅެނީ ދަނޑުމަތީގައި. ރޮނާލްޑޯ މޮޅުވާނީވެސް ދަނޑުމަތީގައި. އެކަން ސާބިތުކޮށްދީފަ އޮތީވެސް. ރޭގެ އެވޯޑު ލިބެން ޖެހެނީ ރޮނާލްޑޯއަށް. އެކަމުގައި ޝައްކެއް ނެތް. ލަދުގަންނަން ޖެހޭ ކަމެއް ރޮނާލްޑޯއަށް އަވޯޑު ނުދިނުމަކީ،" ދުނިޔޭގެ އެންމެ ބާރުގަދަ އެއް އެޖެންޓް މެންޑޭޒް ބުންޏެވެ.

ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑަކީ ހަމައެކަނި ޔޫރަޕްގެ މުބާރާތްތަކަށް ބެލުމަށްފަހު ދޭ އެވޯޑެއް ކަމަށް މެންޑޭޒް ބުނެފައިވާ އިރު، އުމުރުން ރޮނާލްޑޯ އަކީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. ރޭގެ ހަފްލާގައި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނު ރެއާލްގެ ލޫކާ މޮޑްރިޗާއެކު ރޮނާލްޑޯ ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގުވެސް މިދިޔަ ސީޒަންގައި އުފުލާލައިފައެވެ.

"ފާޑު ކިޔަނީ ފާޑު ކިޔަން ޖެހުނީމަ. ޔޫރަޕްގެ މޮޅު ކުޅުންތެރިއާގެ އެވޯޑަކީ ވޯލްޑް ކަޕަށް ބަލާފައި ދޭ އެވޯޑެއް ނޫން. އެއީ ޗެމްޕިއަންސް ލީގަށް ބޮޑު ސަމާލުކަމެއް ދީގެއް ދެވޭ އެވޯޑެއް. ރޮނާލްޑޯއަކީ މުހިއްމު ގޯލްތައް ޖަހައިި، މުޅި ޗެމްޕިއަންސް ލީގު ޑޮމިނޭޓް ކުރި ކުޅުންތެރިއާ،" މެންޑޭޒް ބުންޏެވެ.

ޖުމްލަ 60 ކޯޗުންނާއި 55 ނޫސްވެރިންގެ ވޯޓުން ޕޮއިންޓް ދިން އެވޯޑުގައި މޮޑްރިޗަށް 313 ޕޮއިންޓް ލިބިފައިވެއެވެ. ރޮނާލްޑޯއަށް ލިބުނީ އެއަށްވުރެ 90 ޕޮއިންޓް މަދުންނެވެ. ރޮނާލްޑޯގެ އެޖެންޓް މެންޑޭޒް ބުނެފައި ވަނީ ރޭގެ އެވޯޑު ހަފްލާއަށް ރޮނާލްޑޯ ނުދިއުމަށް ނިންމީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި، އެކަމަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.

ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑު ހަފްލާގައި މިދިޔަ ސީޒަންގެ އެންމެ މޮޅު ފޯވަޑްގެ މަގާމު ރޮނާލްޑޯއަށް ލިބުނު އިރު، އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ލިބުނީ ރެއާލްގެ ކީޕަރު ކޭލޯ ނަވާސްއަށެވެ. އެންމެ މޮޅު ޑިފެންޑަރުގެ މަގާމުވެސް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ލިބިފައިވާ އިރު، ރާމޯސް ބުނެފައި ވަނީ ރޭގެ އެވޯޑު ހަފްލާއިން ރޮނާލްޑޯ ނުފެނުމަކީ ހައިރާންވި ކަމެއް ކަމަށެވެ.

ރޮނާލްޑޯއަށް އެވޯޑު ނުލިބުމުން އޭނާގެ މިހާރުގެ ކްލަބު ޔުވެންޓަސްއިންވެސް ނުރުހުންފާޅުކޮށްފައިވާ އިރު، މިފަހަރުގެ އެވޯޑުގެ ގަދަ ތިނެއްގައި ދެން ހިމެނުނީ ލިވަޕޫލްގެ މުހައްމަދު ސަލާހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. teddy

    ކަލެޔަށް މާބޮޑަށް އިނގިފަ ތިއޮތީ..ޔޫއެފާ އިން ތި އެވޯޑް ދޭއިރު ބަލާ ވޯލްޑް ކަޕް ގަ އަދާ ކުރި ރޯލަށްވެސް.. މޮޑްރިޗްއަށް ހަމަ ހައްގު އެވޯޑެއް ތީ

  2. ޑެނިސް

    ޜޮނާލްޑޯއަށް ހައްގު ވާންޖެހޭތަ ހުރިހާ އެވޯޑެއް