އިޓާލިއަން ލީގުގައި ރޭ ރޯމާއާ ދެކޮޅަށް ކުޅުނު މެޗު 1-2 އިން އޭސީ މިލާނުން ކާމިޔާބުކޮށްފިއެވެ.

މިއީ އިޓާލިއަން ލީގުގައި މިލާނުން ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު ފުރަތަމަ މެޗުގައި އެޓީމު ވަނީ 3-2 އިން ނަޕޯލީ އަތުން ބަލިވެފައެވެ. އަނެއްކޮޅުން މިއީ ރޯމާ އިން ލީގުގައި ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު، އެ މެޗުތަކުގެ ތެރެއިން އެއް މެޗުން އެޓީމު މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ މިލާނުންނެވެ. ރިކާޑޯ ރޮޑްރިގޭޒް ހުރަސްކޮށްލި ބޯޅައަކުން މި ގޯލު މެޗުގެ 40 ވަނަ މިނެޓްގައި މިލާނަށް ކާމިޔާބުކޮށްދިނީ ފްރޭންކް ކެސީއެވެ.

މިލާން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ރޯމާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލު ރޯމާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ފެޑެރީކޯ ފާޒިޔޯއެވެ.

މި ގޯލަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިލާންގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އާއި ރޯމާގެ މިޑްފީލްޑަރު އެންޒޮންޒީގެ ފަރާތުން ވެސް ގޯލެއް ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ މި ދެ ކުޅުންތެރިން ކާމިޔާބުކުރި ދެ ގޯލުވެސް ކެންސަލް ކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗު ނިމެން ދަނިކޮށް މެޗުގެ އެންމެފަހު މިނެޓްގައި ހިގުއައިން ދިން ރީތި ޕާހަކުން މިލާންގެ ޒުވާން ފޯވާޑް ޕެޓްރިކް ކުޓްރޯނޭ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމު މޮޅުކޮށްދީފައެވެ. މިލާން މޮޅުވި ގޯލު ކުޓްރޯނޭ ކާމިޔާބުކޮށްދިންއިރު އޭނާ ކުޅެން އަރާފައިވަނީ މެޗުގެ ދެވަނަ ހާފްގައެވެ.

އިޓާލިއަން ލީގުގައި މިލާން ދެން ބައްދަލުކުރާނީ ކަގްލިއާރީއާއެވެ. ރޯމާ ނިކުންނާނީ ކިއޭވޯއާ ދެކޮޅަށެވެ.