ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން އިން މި މަހު ކުޅޭ ދެ މެޗަށް ނެގި ސްކޮޑުން ބާސެލޯނާ އަށް ކުޅެމުން އަންނަ ޑިފެންޑަރު ޖޯޑީ އަލްބާ ބާކީކޮށްފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި މި މަހު ސްޕެއިން ބައްދަލުކުރާނީ އިންގްލޭންޑާއި ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދި ކްރޮއޭޝިޔާއާ ދެކޮޅަށެވެ.

ސްޕެއިންގެ އާ ކޯޗު ލުއިސް އެންރީކޭ މި ދެ މެޗަށް ނެގި ސްކޮޑުން އަލްބާ ބާކީކޮށްފައިވާއިރު އޭނާ އަކީ ސްޕެއިންގެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރަމުން އައި ކުޅުންތެރިއެކެވެ. އެގޮތުން އަލްބާ އަކީ 2012 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ސްޕެއިންގެ ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ.

އަލްބާގެ އިތުރުން އެތްލެޓިކޯގެ މެޑްރިޑްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކޮކޭ ވެސް ވަނީ ސްކޮޑުން ބާކީކޮށްފައެވެ.

ސްކޮޑުން މުޅިން އަލަށް ފުރުސަތުދިން ކުޅުންތެރިންގެ ތެރޭގައި ރެއާލް ބެޓިސްގެ ގޯލްކީޕަރު ޕައު ލޮޕޭޒް އާއި ވެލެންސިޔާގެ ޑިފެންޑަރު ހޯޒޭ ގަޔާގެ އިތުރުން ރެއާލް މެޑްރިޑްގެ ޒުވާން މިޑްފީލްޑަރު ޑެނީ ސެބާޔޯސް ހިމެނެއެވެ.

މީގެއިތުރުން ވޯލްޑް ކަޕަށްދިޔަ ސްޕެއިންގެ ސްކޮޑުން ޖާގަ ނުލިބުނު ޗެލްސީގެ ފޯވާޑް އަލްވަރޯ މޮރާޓާ އަށް ވަނީ އަލުން ސްކޮޑުން މިފަހަރު ޖާގަ ދީފައެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން އިން މި މަހުގެ އަށްވަނަ ދުވަހު ނިކުންނާނީ އިންގްލޭންޑާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ކްރޮއޭޝިޔާއާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ސްޕެއިންގެ 24 ކުޅުންތެރިންގެ ސްކޮޑު:

ކީޕަރުން: ޑޭވިޑް ޑެހެޔާ (މެންޗެސްޓަރ ޔުނައިޓެޑް)، ޕައު ލޮޕޭޒް (ރެއާލް ބެޓިސް) ކެޕާ އަރިޒަބަލަގާ (ޗެލްސީ)

ޑިފެންޑަރުން: ސާޖިއޯ ރާމޯސް (ރެއާލް މެޑްރިޑް)، ޑެނީ ކަވަހާލް (ރެއާލް މެޑްރިޑް) ނާޗޯ (ރެއާލް މެޑްރިޑް)، ޑިއޭގޯ ލޮރެންޓޭ (ރެއާލް ސޮސިއެޑާޑް)، އިނީގޯ މާޓިނޭޒް (އެތްލެޓިކް ބިލްބާއޯ)، ހޯޒޭ ގަޔާ (ވެލެންސިޔާ)، ސެޒާ އަޒްޕިލިކުއެޓާ (ޗެލްސީ) މާކޮސް އޮލޮންސޯ (ޗެލްސީ)، ރައުލް އަލްބިއޯލް (ނަޕޯލީ)

މިޑްފީލްޑަރުން: ސާޖިއޯ ބުސްކެޓްސް (ބާސެލޯނާ)، ސާޖީ ރޮބާޓޯ (ބާސެލޯނާ)، ރޮޑްރިގޯ (އެތްލެޓިކޯ މެޑްރިޑް)، ސައުލް (އެތްލެޓިކޯ މެޑްރިޑް)، ޑެނީ ސެބާޔޯސް (ރެއަލް މެޑްރިޑް)، ތިއާގޯ (ބަޔާން މިއުނިކް)

ފޯވާޑުން: ޑިއޭގޯ ކޮސްޓާ (އެތްލެޓިކޯ މެޑްރިޑް)، އިސްކޯ (ރެއާލް މެޑްރިޑް)، މާކޯ އެސެންސިއޯ (ރެއާލް މެޑްރިޑް)، އަލްވަރޯ މޮރާޓާ (ޗެލްސީ)، ރޮޑްރިގޯ މޮރޭނޯ (ވެލެންސިޔާ) ސޫސޯ (އޭސީ މިލާން)