ސާފް ޗެމްޕިއަންޝިޕަކީ ދިވެހިންނަށް އަންނަ އެންމެ ވާދަވެރި ފުޓުބޯޅަ މުބާރާތެވެ. މީގެ އަހަރުތަކެއް ކުރިންސުރެވެސް، ދިވެހި ފުޓުބޯޅައިގައި އަންނަ އެންމެ ބޮޑު އެއް މުބާރާތަކީ ސާފް ޗެމްޕިއަންޝިޕެވެ.

އެތައް އަހަރެއް ފަހުންވެސް އެކަން ބަދަލެއް ނުވެއެވެ. ސާފް ޗެމްޕިއަންޝިޕަކީ ދިވެހިންނަށް ހާއްސަ މުބާރާތެކެވެ. 1997 ވަނަ އަހަރަކީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އެ އަހަރުވެސް ރިހި މެޑަލްއާއެކު ރާއްޖެއިން ނިންމާލި އިރު، ކެހި ދިނީ އިންޑިއާއެވެ. އެ ހިސާބުންވެސް އިންޑިއާއާއި ރާއްޖޭގެ ފުޓުބޯޅަ ވާދަވެރިކަން އިތުރުވެ، ސާފް މުބާރާތަކީ ރާއްޖެއިން ހޯދަން ބޭނުންވި މުބާރާތަކަށް ވިއެވެ. ރާއްޖެއަށް ސަރަހައްދީ ރަސްކަމުގެ އުންމީދު ގެނުވިއެވެ.

އޭގެ ފަހުން 2003 ވަނަ އަހަރުވެސް ފައިނަލްގައި ރާއްޖެ ބަލިވެފައިވާ އިރު، މުޅި ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކުގައި ގައުމީ، ރަތް ކުލަ ޖައްސުވާލީ 2008 ވަނަ އަހަރުގެ މުބާރާތެވެ. "މިއީ އަހަރެމެންގެ ފަހަރޭ" ބުނެ، ރާއްޖޭ ޓީމުން މުޅި ގައުމު ހެއްވާލީ ރަން މެޑަލްއާ އެކުގައެވެ.

އެ ހަނދާންތަކަކީ މީގެ 10 އަހަރު ކުރިއެވެ. އޭރާއި މިހާރުގެ ފުޓުބޯޅަ ހާލަތު ބަދަލުވެއްޖެއެވެ. އަނެއްކާވެސް އާ ޖީލެއް ބިނާ ކުރުމަށް މަސައްކަތް ކުރަން ޖެހިއްޖެއެވެ. މިފަހަރުގެ މުބާރާތަށް ދިވެހި ޓީމު ދާނީ އެ ވިސްނުމުގައި ކަމަށް އެފްއޭއެމްއިން ވެސް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ފުރިހަމަ ފަރިތަކުރުންތަކަކާއެކު ޒުވާން ޖީލަށްވެސް އިތުބާރު އެބައޮތެވެ.

ގަތަރުގައި ކުރިއަށް ގެންދިޔަ ތަމްރީނު ކޭމްޕަށް ފުރަމުން އޮގަސްޓް ހަވަނަ ދުވަހު ކޯޗު ބުނީ، މިހާރު އޮތް ޒުވާން ޓީމަށް އިތުބާރުކޮށް، ޓީމަށް ފުރުސަތު ދިނުމަށެވެ. އެ ކުޅުންތެރިން، ގައުމު ފަހުރުވެރި ކޮށްދޭނެ ކަމަށެވެ.

ގަތަރުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ޒުވާން ޓީމަށް ގަތަރުގައި ފުރިހަމަ ތަމްރީނުތަކެއް

ކޯޗު ޕީޓާ ސެގަޓާއެކު ރާއްޖޭގެ ގައުމީ ޓީމަށް ގިނަ ބަދަލުތަކެއް އައިސްފައިވެއެވެ. ހާއްސަކޮށް ކުޅުމުގެ ވައްޓަފާޅިއާއި، ޓެކްނިކަލް ވިސްނުމެވެ. ކޯޗުގެ މައިގަނޑު ފިލޯސަފީއަކީ އެޓޭކެވެ. އާއްމުކޮށް ރާއްޖެއިން ނުކުޅޭ، ހައި ޕްރެސިންގް ގޭމެއް، ޓީމަށް ބައްޓަން ކުރުމަށް ކޯޗު ސެގަޓް ބޭނުންވާ އިރު، އެކަމަށް ކުޅުންތެރިން ހޭނުވުމަކީ އުނދަގޫ ކަމަކެވެ.

ހާއްސަކޮށް ރާއްޖޭގައި ލީގު ކުރިއަށް ދަނިކޮށް، ޓީމު އެކުލަވާލައިގެން އެކަން ކުރަން ކޯޗަށް ލިބުނީ މަހެއްހާ ދުވަހެވެ. އެހެން ނަމަވެސް ގަތަރުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކާ ގުޅިގެން ކުޅުންތެރިންނާއި ކޯޗު ދެއްކި ވާހަކަތަކުން، ކޭމްޕްގެ މުހިއްމުކަން ވަރަށް ސާފެވެ.

"ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާ ދޭތެރޭ ވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި މިހުރީ. ހޮޓެލްގެ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅު. ފަރިތަކުރަން ލިބުނީ ވެސް ވަރަށް ރަނގަޅު ދަނޑެއް. އެންމެ މުހިއްމު އެއް ކަމަކީ ކެއުން. އެކަންވެސް ވަރަށް ރަނގަޅު. ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން މިދަނީ. އާއްމުކޮށް ދުވާލަކު ދެ ފަރިތަކުރުން މި ބާއްވަނީ. އެއީ ފަތިހު އެއް ފަރިތަކުރުން ބާއްވާފައި، ދެން ރޭގަނޑު މި ފަރިތަކުރަނީ. ކުޅުންތެރިންގެ ބުރަ މަސައްކަތަށް ވަރަށް ހިތްހަމަ ޖެހޭ،" ކުރިން އަފްގާނިސްތާނާއެކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާ ކޯޗު ސެގަޓް، ގަތަރުގައި ރާއްޖޭގެ ޓީމުން ކުރި ކޭމްޕްގެ ކަންކަމާ ގުޅޭގޮތުން ބުނެފައިވެއެވެ.

ގަތަރުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ކޯޗުގެ ސިސްޓަމަށް ކުޅުންތެރިން ހޭނުމަށް، ކުޅުންތެރިން އެންމެ ރަނގަޅު ފިޓްނަސްގައި ތިބެން ޖެހޭނެ ކަމަށް ކުރިންވެސް ކޯޗު ބުނެފައިވާ އިރު، އެކަމަށް ހާއްސަކޮށް އޭނާ ވަނީ ތަޖުރިބާކާރު ފިޓްނަސް ކޯޗެއް ކަމަށްވާ މޮންޓެނީގްރޯގެ ކްރުނިޗް ލަޑިމިއާވެސް ކޯޗިން ޓީމަށް ގެނެސްފައެވެ.

ޓީމުން ގަތަރުގައި ކުރަމުންދިޔަ ފަރިތަކުރުންތަކާ ގުޅިގެން ޓީމުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ، މުހައްމަދު އާރިފް (ބަކާ)ވެސް ވަނީ ހިތްހަމަ ޖެހުން ފާޅުކޮށްފައެވެ.

"ދެ އަހަރަށް ފަހު މިވަރު ޓްރެއިނިން އަކަށް މި އަންނަނީ. އަނެއްހެން ބުނަންޏާ މިހާވަރަށް އޯގަނައިޒްކޮށް އަދި ޓްރެއިނިންއެއް ނުވެސްދޭ. ވަަރަށް ރަނގަޅަށް ކެއުމާ ހުރިހާ އެއްޗެއް ދޭއިރު ޕްރެކްޓިސް މިދަނީ ވަރަށް ރަނގަޅަށޭ ބުނެވޭނީ،" ބަކާ ބުނެފައިވެއެވެ.

އެކުވެރިކަމުގެ އެންމެ މެޗެއް - ޓީމު ޓެސްކޮށް ނުލެވުން، ގޮން ޖެހުމަކަށް؟

ގަތަރުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕަކީ ދިވެހިންނަށް މުހިއްމު މުބާރާތެކެވެ. ހާއްސަކޮށް 2008 ވަނަ އަހަރުގެ ކާމިޔާބީއަށްފަހު، އެ މުބާރާތުގެ ތަށި ފިޔަވާ އެހެން އެއްޗެއް ސަޕޯޓަރުން ބޭނުމެއް ނުވެއެވެ. ވަސީލަތްތަކުގެ ގޮތުންނާއި، ކާމިޔާބީތަކުގެ ގޮތުން ސަރަހައްދީ ލެވެލްގައި އިންޑިއާއިން ކުރިއަށް ޖެހިލި ނަމަވެސް، ދިވެހި ސަޕޯޓަރުންނަށް އިންޑިއާ ބަލިކުރުން އަދިވެސް މުހިއްމެވެ. އެކަން ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުވެސް ކުރެއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނުކުތުމުގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިހާރު ވިސްނުން ހުރީ ކުރިމަގަށް ކަމަށެވެ. ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ވަގުތީ ޓީމެއް ބިނާ ކުރުމަށްވުރެ ބޮޑަށް، މުސްތަގުބަލުގައި ދެމެހެއްޓެނިވި ކާމިޔާބީތަކަކަށް މިސްރާބު ޖެހުމަކީ ކުރަން ޖެހޭ ކަމެއް ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ރަނގަޅު ވިސްނުމެކެވެ. ދިވެހި ފުޓުބޯޅައަށް ހަގީގީ ލޯތްބެއް އޮތް މީހަކު ބޭނުންވާނީވެސް ސާފް ޗެމްޕިއަންޝިޕަކަށްވުރެ ބޮޑަށް މުސްތަަގުބަލެކެވެ. އެހެން ނަމަވެސް، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެކަމަށް ބިންގާ އެޅުމަށް މުހިއްމު މުބާރާތެކެވެ. ހާއްސަކޮށް ޒުވާން ޓީމަކަށް މުހިއްމު ތަޖުރިބާއެކެވެ. ސަރަހައްދީ ގައުމުތަކުގެ ފެންވަރު މިނެކިރާލުމަށް މުހިއްމު މުބާރާތެކެވެ.

ބޮޑެތި މުބާރާތްތަކަށް ތައްޔާރުވަމުންދާ އިރު، ޓީމުގެ ފެންވަރު ޓެސްޓްކޮށް، ތަޖުރިބާގެ މެޗުތަކެއް ދިނުމަކީ ޓީމު އެކުލަވާލުމަށް މުހިއްމު ކަމެކެވެ. ވާދަވެރި އިންޑިއާއިން އޮސްޓްރޭލިއާގައި ކޭމްޕް ކުރި އިރު، އެކުވެރިކަމުގެ ތިން މެޗެއް ކުޅެފައިވެއެވެ. ބަންގްލަދޭޝްއާއި ލަންކާއާވެސް އެކުވެރިކަމުގެ މެޗެއް ކުޅެފައިވާ އިރު، ރާއްޖެއިން ކުޅެފައި ވަނީ އެންމެ މެޗެކެވެ.

މިދިޔަ ސީޒަންގައި ގަތަރުގެ އެއްވަނަ ޑިވިޝަނަށް ކުޅެ، މިހާރު ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައިވާ އަލް މަރްޚިޔާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ގައުމީ ޓީމު މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު ކޯޗު ބުނެފައިިވަނީ އެޓޭކް ފުރިހަމަ ނަމަވެސް، ޑިފެންސަށް އަދި ތަޖުރިބާ ބޭނުންވާ ކަމަށެވެ.

ގަތަރުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އޭގެ ފަހުން ރާއްޖެއިން ރާވާފައި އޮތީ ޕާކިސްތާނާ ދެކޮޅަށް މެޗެއް ކުޅުމަށެވެ. އެހެން ނަމަވެސް ޕާކިސްތާން ޓީމަށް ދަތުރުކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން އެ މެޗު ކެންސަލްވިއެވެ. ފަހުވަގުތު ރާއްޖެއަށް އިތުރު މެޗެއް ހޯދުމަށް ވަގުތުވެސް ނެތުމުން، ކޯޗާއި ޓީމުން ވިސްނީ އިތުރު މެޗެއް ނުކުޅެ މުބާރާތަށް ދިއުމަށެވެ.

ސެގަޓް ބުނީ ޕާކިސްތާނާ ދެކޮޅަށް ކުޅެން އޮތް މެޗަކީ ސާފް ޗެމްޕިއަންޝިޕަށް ނުކުތުމަށް ކުޅެން އޮތް އެންމެ ފަހު މެޗު ކަމަށާއި، އެމެޗަށް ގައުމީ ޓީމެއް ގަތަރަށް ގެންދިއުމުގެ މަސައްކަތް ކުރީ މުހިއްމު ޓެސްޓަކަށް ވާތީ ކަމަށެވެ. މީގެ ކުރިން ގަތަރުގެ ކްލަބަކާ ދެކޮޅަށް ކުޅުމަކީ ޓީމަށް އެންމެ ރަނގަޅު ޓެސްޓަކަށް ނުވި ކަމަށާއި، މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ޓީމުން އައީ މުހިއްމު މައްސަލަތަކެއް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ކަމަށްވެސް ސެގަޓް ބުންޏެވެ.

އެހެންކަމުން އެކުވެރިކަމުގެ ރަނގަޅު މެޗެއް ނުލިބުމުން ކޯޗުގެ މާޔޫސްކަން ވަރަށް ބޮޑަށް ސާފްވިއެވެ. އަދި ޒުވާން ޓީމަކާއެކު މުހިއްމު މުބާރަތަކަށްދާ އިރު، ގައުމީ ޓީމަކާއެކު ކުޅެލުމަށް ކޯޗު ބޭނުންވި ވަރު ވަރަށް ސާފްކޮށް އެނގިގެން ދިޔައެވެ. ކޮންމެއަކަސް ކަން ދިމާކުރި ގޮތުން ރާއްޖެއަށް މިފަހަރުގެ މުބާރާތަށް ދާން ޖެހޭނީ އިތުރު މެޗެއް ނެތިއެވެ. އޭގެ ސަބަބުން ޓީމަށް އޭގެން އަސަރުތަކެއް ކުރާނެއެވެ.

"ޕާކިސްތާނަށް ދިމާވި މައްސަލައަކީ ދަތުރު ނުކުރެވުން. އެމީހުންގެ އެފްއޭއަށްވެސް އެކަމަށް ބްލޭމް ނުކުރެވޭނެ. ޓީމުގެ ތައްޔާރީތައް ގަތަރުގައި ވަރަށް ފުރިހަމަ. ދެން ޓެކްނިކަލް ގޮތަކަށް ވިސްނާ އިރު، މުހިއްމު މެޗެއް ގެއްލުމުން ކޯޗު ވަރަށް މާޔޫސްވި. އެކަމަކު އޭގައި ކުރާނެ ކަމެއް ނެތް. ދެން ކްލަބުތައް ލިބުނު ފަހުންވެސް މެޗުތައް ކުޅެން. އެކަމަކު ކޯޗާއި ހުރިހާ ސްޓާފުންވެސް ބޭނުންވީ ގައުމީ ޓީމަކާއެކު ކުޅެން. އެކަން ފަހުން ހަމަ ނުޖެހުނު. ކްލަބުތައް އެއީ އެންމެ ރަނގަޅު ޓެސްޓް ނޫން ކަމަށް ކޯޗު ބުނި. އެކަމަކު ހިތްހަމަ ޖެހޭ ޓީމުގެ ހުރިހާ ފަރިތަކުރުންތަކަށްވެސް،" އެކުވެރިކަމުގެ މެޗުތަކާ ގުޅޭގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރަޓަރީ ހުސައިން ޖަވާޒު "ވަގުތަށް" ވިދާޅުވިއެވެ.

ގަތަރުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ފައިނަލް ސްކޮޑުވެސް އިއުލާން ކޮށްފައިވާ އިރު، ޓީމުގެ ތައްޔާރީތަކަށް މުޅި ކޯޗިން ސްޓާފުންވެސް ހިތްހަމަ ޖެހުން ފާޅުކޮށްފައިވެއެވެ. ހާއްސަކޮށް ގަތަރުގެ އެފްއޭއިން ފޯރުކޮށްދިން ހިދުމަތަށް ކޯޗު ސެގަޓްވެސް ޝުކުރު އަދާކޮށްފައިވާ އިރު، ޓީމަށް ގެއްލުނު އެންމެ މުހިއްމު ކަމަކީ އެކުވެރިކަމުގެ މެޗުތަކުގެ ތަޖުރިބާއެވެ. ޒުވާން ޓީމަކަށް އެކުވެރިކަމުގެ މެޗުތައް މަދުވުން އެއީ ގޮން ޖެހުމަކަށްވެސް ވުން އެކަށީގެންވެއެވެ. އެހެން ނަމަވެސް ޓީމުގެ ތައްޔާރީތަކަށް ސުވާލު އުފެއްދޭކަށް ނެތެވެ. އުންމީދަކީ ރާއްޖެއިން ތާރިހު އިޔާދަކޮށް، ދިވެހިން ހެއްވާލުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނޯވޯޓް

    ބަލިވެގެން އަންނަދުވަހު ރިސީވް ކުރަން ދަނގަޑޭއާއި އޭނާގެ ސަޕޯޓަރުން އެއަރޕޯޓަށް ދާނެކަން ހަނދާންކުރަންވާނެ.

  2. ސަގޭޓް

    ޢުމީދުކުރަނީ ރަގަޅުވާނެކަމަ އެކަމަކު އަދި ދިވެހި
    ޓީމުގަޔެ ނެއް ފެންވަރެެއް، އަދިހާސަކޮ އަޝްފަގް ކަހަލަ މޮޅު މީހަކު ނުލާގޮސް އަޅުގަނޑު ކަހިޔެ ނުވޭ މުޅުވާނެހެންނެއް.

  3. އ

    ވެއިޓް އެންޑް ވޮޗް

  4. އަލީ

    ޝަމްއޫން ވަގުތުތަ؟

  5. ހަސަން

    ގައުމީ ޓީމަށް ސަލާމް