ދިހަ ދުވަހުގެ ތަމްރީނު ކޭމްޕަކަށް ގައުމީ އަންހެން ވޮލީ ޓީމު ތައިލެންޑަށް ފުރައިފިއެވެ.

ގައުމީ ޓީމު މިއަދު ތައިލެންޑަށް ފުރާފައިވާ އިރު، ޓީމުގައި ހިމެނެނީ 14 ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންނެވެ. ޓީމު ތައިލެންޑުގައި ހާއްސަ ފަރިތަކުރުންތަކެއް ހެދުމަށް ހަމެޖެހިފައިވާ އިރު، އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެ ކަމަށް ކޯޗު އަހުމަދު އަދީލް ވިދާޅުވިއެވެ.

"ވަގުތަށް" ވާހަކަ ދައްކަމުން އަދީލް ވިދާޅުވީ އަންނަ އަހަރު އޮތް ސައުތު އޭޝިއަން ވޮލީބޯލް ޗެމްޕިއަންޝިޕަށް ޓީމު ތައްޔާރުކުރުމަށް މިހާރު މާލޭގައި ގިނަ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ނުލިބި އޮތީ އެކުވެރިކަމުގެ މެޗުތަކެއް ކަމަށެވެ.

"ޓީމު ފަރިތަކުރަމުންދާތާ ވަރަށް ދުވަސް ވެއްޖެ. މިހާރު ބޭނުން ވަނީ ޓީމަށް ލިބިފައިވާ ކުރިއެރުންތައް ބަލާލުމަށް އެކުވެރިކަމުގެ މެޗެތަކެއް. ތައިލެންޑްގެ ގައުމީ ލެވެލް ނޫނަސް. ކްލަބު ލެވެލްގައި އަދި ޔުނިވާސިޓީ ލެވެލްގައި ފާހަގަކޮށްލެވޭ ޓީމުތަކާއެކު މެޗުތައް ކުޅުމަށް އުންމީދު މިކުރަނީ،" އަދީލް ވިދާޅުވިއެވެ.

ރާއްޖޭގެ އަންހެން ގައުމީ ޓީމުން އަނެއްކާވެސް ސަރަހައްދީ ލެވެލްގެ މުބާރާތަކަށް ތައްޔާރުވަމުންދާ އިރު، ޓީމުން ވަނީ މިއަހަރު ފިލިޕީންސްގައި ކުރިއަށްދިޔަ އޭޝިއަން ވުމަންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައިވެސް ވާދަކޮށްފައެވެ. އަދި މިދިޔަ އަހަރު އިންޑިއާގައި ބޭއްވި އޭޝިއަން ގޭމްސްގައިވެސް ރާއްޖޭގެ އަންހެން ޓީމުން ވާދަކޮށްފައިވާ އިރު، އަމިއްލަ ގައުމުގައި ބޭއްވި އޭވީސީ ކޮލިފިކޭޝަން މުބާރާތުގައިވެސް ރާއްޖޭގެ ޓީމު ވަނީ ކުޅެފައެވެ.