އަންގާރަ ދުވަހު ބަންގްލަދޭޝްގެ ޑާކާގައި ފެށުމަށް ތައްޔާރުވަމުންދާ ސާފް ޗެމްޕިއަންޝިޕްގައި ވިދާލުމަށް ހުރިހާ ކުޅުންތެރިންވެސް ތައްޔާރުކަމަށް ޕާކިސްތާން ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗު ޖޯޝް އެންޓޯނިއޯ ނޮގުއޭރާ ބުނެފިއެވެ.

ބްރެޒިލްގެ ކޯޗު ނޮގުއޭރާ ޕާކިސްތާނުގެ ކޯޗުކަމާ ހަވާލުވި އިރު، އެގައުމުގެ ފުޓުބޯޅަ އޮތީ ވަރަށް ދަށް ހާލަތެއްގައެވެ. އެގޮތުން އެގައުމުގެ ފުޓުބޯޅަ ޓީމުން ސަރަހައްދީ ލެވެލްގެ މުބާރާތެއް ނުކުޅޭތާ ތިން އަހަރު ވެފައިވާ އިރު، މިއަހަރުގެ ވަނީ އޭޝިއަން ގޭމްސްގައިވެސް ކުޅެ، ތާރީހީ ނަތީޖާއެއްވެސް ހޯދައިފައެވެ. އެގޮތުން ޕާކިސްތާނުން ވަނީ 44 އަހަރަށްފަހު އޭޝިއަން ގޭމްސްގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފައެވެ.

އޭޝިއަން ގޭމްސްގައި ޖަޕާނާއި ވިއެޓްނާމްގެ އިތުރުން ނޭޕާލާ އެއް ގްރޫޕެއްގައި ޕާކިސްތާން ހިމެނުނު އިރު، އެ ހުރިހާ ޓީމަކީވެސް ޕާކިސްތާނަށްވުރެ ފީފާ ރޭންކިން މަތި ގައުމުތަކެވެ. އެހެން ނަމަވެސް ޕާކިސްތާނުން ވަނީ އެ ގައުމަށްވުރެ ރޭންކިންގެ ގޮތުން 40 ދަރަޖަ މަތި ނޭޕާލް ބަލިކޮށް، ޖަޕާނާއި ވިއެޓްނާމް ކައިރީގައިވެސް ހިތްވަރު ގަދަ ކުޅުމެއް ދައްކައިފައެވެ. ޕާކިސްތާން މުބާރާތުން ކެޓީ ވަރުގަދަ ޖަޕާނާ ވިއެޓްނާމް އަތުން ބަލިވެގެންނެވެ.

ކާމިޔާބު އޭޝިއަން ގޭމްސްއަކަށްފަހު ޕާކިސްތާނުން ސާފް ޗެމްޕިއަންޝިޕަށް ކުރިމަތިލަނީ އުންމީދުތަކަކާއެކުގައެވެ. އެގޮތުން ކޯޗު ނޮގުއޭރާ ބުނެފައި ވަނީ ޕާކިސްތާނުން ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ތެރެއަށް ވަނުމަށް މިހާރު ކުރަމުންދާ މަސައްކަތަށް ސާފް ޗެމްޕިއަންޝިޕް މުހިއްމުވާނެ ކަމަށެވެ.

"ވަރުގަދަ މުބާރާތަކާއެކު އަނެއްކާވެސް ބައިނަލްއަގުވާމީ ފުޓުބޯޅައަށް ޕާކިސްތާނުގެ ނަން ގެންނަން އެބަ ޖެހޭ. ހުރިހާ ކުޅުންތެރިންވެސް ތިބީ ސާފް ޗެމްޕިއަންޝިޕްގައި ވިދާލުމަށް ތައްޔާރަށް. މި ގައުމުގެ ފުޓުބޯޅައިގެ ކުރިމަގަށް ވަރަށް މުހިއްމު ސާފް ޗެމްޕިއަންޝިޕް،" ނޮގުއޭރާ ބުންޏެވެ.

ކޯޗު ބުނެފައި ވަނީ ޕާކިސްތާނުގައި ރަނގަޅު ފެންވަރުގެ ލީގެއް ކުޅުމުން ނުދިއުމުގެ ސަބަބުން ޓީމުގެ ކުޅުންތެރިންނަށް ފިޓްނަސް މައްސަލަ ކުރިމަތިވާ ކަމަށާއި، މިފަހަރުގެ މުބާރާތަށް ނުކުންނަ އިރުވެސް ޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއީ ކަމަށެވެ. އެހެން ނަމަވެސް، މިހާތަނަށް ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުން ފިޓްނަސްއަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވިފައިވާ ކަމަށާއި، އެކަން ހައްލުވާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ނޮގުއޭރާ ބުންޏެވެ.

ޕާކިސްތާނުން ސާފް ޗެމްޕިއަންޝިޕަށްދާ ފައިނަލް ސްކޮޑު އިއްޔެ އިއުލާން ކޮށްފައިވާ އިރު، ޓީމުގައި ދިވެހި ޕްރިމިއާ ލީގުގައި ށ. ފޯކައިދޫއަށް ކުޅޭ ގޯލްކީޕަރު ސާގިބު ހަނީފްވެސް ހިމަނާފައިވެއެވެ. ސާގިބް ހަނީފް ވަނީ އޭޝިއަން ގޭމްސްގައިވެސް މޮޅު ކުޅުމެއް ދައްކައިފައެވެ.

ޕާކިސްތާން ހިމެނެނީ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝާއި، ބޫޓާންގެ އިތުރުން ނޭޕާލެވެ. މުބާރާތުގެ ކުރިން ޕާކިސްތާނުން ރާއްޖެއާއެކު އެކުވެރިކަމުގެ މެޗެއް ކުޅެން ރޭވި ނަމަވެސް، އެގައުމަށް ގަތަރަށް ނުދެވުމުން ފަހުވަގުތު މެޗު ވަނީ ކެންސަލްކޮށްފައެވެ.

ޕާކިސްތާނުން ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.