އަންނަ އޮކްޓޯބަރު އަދި ނޮވެންބަރު މަހުގައި އޮންނަ (އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް) އައިސީސީ ވެސްޓާން ރީޖަނަލް މުބާރާތަށް ފަރިތަކުރުމުގެ ގޮތުން އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ރާއްޖޭގެ ކްރިކެޓް ޓީމު މިއަދު ސްރީލަންކާއަށް ފުރައިފިއެވެ.

ޓީމުން ސްރީލަންކާއަށް ފުރާފައި ވަނީ ދެ ހަފްތާކުރިން ޓީމުގެ ކޯޗުކަމާ ހަވާލުވި ދެކުނު އެފްރިކާގެ ކޯޗު، އާސިފް ހާންއާއެކުގައެވެ. އާސިފް ހާންއަކީ މީގެ ކުރިން ސިންގަޕޫރާއި ގަތަރުގެ ގައުމީ ކްރިކެޓް ޓީމުތަކަށްވެސް ކޯޗުކަން ކޮށްދީފައިވާ އައިސީސީ ލެވެލް ތިނެއްގެ ކޯޗެކެވެ.

މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްފަހު ޓީމު ސްރީލަންކާއަށް ގޮސްފައި ވަނީ އެކުވެރިކަމުގެ ރަނގަޅު މެޗުތަކެއް ކުޅުމަށް ކަމަށް މޯލްޑިވްސް ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް "ވަގުތަށް" ވިދާޅުވިއެވެ.

އަފްލާހު ވިދާޅުވީ ޓީމު ސްރީލަންކާއަށް ގޮސް އެގައުމުގެ ފަސްޓް ކްލާސް ޓީމުތަކާއެކު މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއ، މިއީ ހަމަކަނި ކުޅުމުގެ ތަޖުރިބާއަށްވުރެ ބޮޑަށް، މޮޅުވުމުގެ ތަތުޖިރބާ ހޯދުމަށް ކުރާ ދަތުރެއް ކަމަށެވެ. އެގޮތުން ޓީމަށް މިހާރު އެންމެ މުހިއްމު ކަމަކީ މެޗުތަކުން މޮޅުވާން ދަސްކުރަން ކަމަށާއި، އޭސީސީ މުބާރާތަކީ ގައުމީ ޓީމަށް ކޮށިފައިވާ ފަހި މަގެއްގެ ގޮތުގައި އަފްލާހު ސިފަކުރެއްވިއެވެ.

އަފްލާހު ބުނީ ޓީމުގެ ޓާގެޓަކީ ވެސްޓާން ރީޖަނަލް މުބާރާތުގެ ފައިނަލް ކުޅުން ކަމަށާއި، އެކަމަށް އުންމީދު ބޮޑު ކަމަށެވެ. އަދި އެ މުބާރާތުގެ ފައިނަލް ގޮސް އޭޝިއަން ކްރިކެޓް މުބާރާތުގެ ކޮލިފިކޭޝަންގައި ރާއްޖެއަށް ކުޅެން ބޮޑު ފުރުސަތެއް އެބައޮތް ކަމަށްވެސް އަފްލާހު އިތުރަށް ވިދާޅުވިއެވެ.

ކްރިކެޓް ކުރިއެރުވުމަށް ކްރިކެޓް ބޯޑުން ކުރައްވަމުން ގެންދަވާ މަސައްކަތާއެކު ރާއްޖޭގެ ކްރިކެޓަށް ވަނީ އިންގިލާބީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މިއަހަރު ތެރޭގައި ރާއްޖެއިން ވަނީ ކްރިކެޓުގެ ތާރީހުގައި މިހާތަނަށް ވާދަކުރާ އެންމެ މަތީ ފެންވަރުގެ މުބާރާތް ކަމަށްވާ ޓްވެންޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ޕްރިލިމިނަރީ ކޮލިފައިންގައި ކުޅެ މުހިއްމު ތަޖުރިބާއެއް ކޮށްފައެވެ.

އެ މުބާރާތަކީ ރާއްޖެއިން ވާދަކުރި ފުރަތަމަ އައިސީސީ މުބާރާތެވެ.