ޕްރިމިއާ ލީގުގައި މިރޭ ބޯންމަތްއާ ބައްދަލުކުރި މެޗު 0-2 އިން ޗެލްސީން ކާމިޔާބުކޮށްފިއެވެ.

މި މޮޅާއެކު ޗެލްސީ މިހާރު އޮތީ ކުޅުނު ހަތަރުން މެޗުން ވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައެވެ. ހަމަ މި އަދަދަށް ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އަށް ވެސް ޕޮއިންޓު ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ޗެލްސީ އަތުން މިރޭ ބަލިވި ބޯންމަތް އޮތީ ހަތް ޕޮއިންޓާއެކު ލީގުގެ ހަވަނަ މަގާމުގައެވެ.

ޗެލްސީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލްޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބޯންމަތްގެ ހެރީ ވިލްސަން އަށެވެ. ނަމަވެސް ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ވިލްސަން ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި ހާފުގައި ޗެލްސީން ވެސް ބޯންމަތްގެ ގޯލަށް ހަމަލާތަކެއް ފޮނުވާލާފައިވާއިރު އެ ހަމަލާތައް ދިފާއުކުރުމުގައި ބޯންމަތްގެ ޑިފެންޑަރުންނާއި އެ ޓީމުގެ ކީޕަރު ބެގޮވިޗްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ވެސް ބޯންމަތް އަށް ވަނީ ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ އަކޭ ފޮނުވާލި އެ ހަމަލާ ވެސް ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

ބޯންމަތްގެ ފަރާތުން ޑިފެންސިވް ގޭމެއް މި މެޗުގައި ފެނިގެންދިޔައިރު ދެވަނަ ހާފްގައި ޕެޑްރޯ އާއި ޖިރޫ ކުޅެން އެރުމާ އެކު ޗެލްސީގެ ނުރައްކާ އިތުރަށް ބޮޑުވެގެންދިޔަކަން ފާހަގަވިއެވެ. އެގޮތުން ޗެލްސީގެ ފުރަތަމަ ގޯލު މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ޕެޑްރޯއެވެ. އަދި އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑްއެވެ.

ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް ޗެލްސީ މޮޅުވެފައިވާއިރު އެޓީމު ދެން ނިކުންނާނީ ކާޑިފް ސިޓީއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަން

    0-1 ން މޮޅުވިޔަސް 3 ޕޮއިންޓް ކަށަވަރެއް ނުވޭތަ؟ 2 ގަޯލުން މޮޅުވީމަތަ 3 ޕޮއިންޓް ކަށަވަރު ވަނީ؟