ކަރީމް ބެންޒެމާގެ ދެ ގޯލާއެކު 1-4 އިން ލެގަނޭސްގެ މައްޗަށް ރެއާލް މެޑްރިޑުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު މިހާތަނަށް ކުޅުނު ތިން މޮޅުވެ ލިބުނު ނުވަ ޕޮއިންޓާއެކު ރެއާލް އޮތީ ސްޕެނިޝް ލީގުގެ އެއްވަނައިގައެވެ. ރޭގެ މެޗުން ބަލިވި ލެގަނޭސް އޮތީ އެއް ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގައެވެ.

ރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ދާދިފަހުން ޗެލްސީން ރެއާލް އަށް ބަދަލުވި ގޯލްކީޕަރު ތިބޯ ކޯޓުއާ ފުރަތަމަ ފަހަރަށް އެޓީމަށް ކުޅެފައިވާއިރު މެޗުގެ 17 ވަނަ މިނެޓްގައި ގެރެތް ބޭލް ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. މި ގޯލާ އެކު ބޭލް މިހާރު ވަނީ ލީގުގައި ރެއާލް އިން މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ގޯލު ކާމިޔާބުކޮށްފައެވެ.

މެޗުގެ 24 ވަނަ މިނެޓްގައި ލެގަނޭސް އަށް ލިބުނު ޕެނަލްޓީ އަކުން ކަރީލޯ އެޓީމަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ބެންޒެމާ ވަނީ ރެއާލް އަށް އަލުން ލީޑު ނަގާދީފައެވެ. އަދި މެޗުގެ 61 ވަނަ މިނެޓްގައި ރެއާލްގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ބެންޒެމާ ކަމަށްވާއިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ސާޖިއޯ ރާމޯސްއެވެ.

ރޭ ކުޅުނު މެޗުން ރެއާލް މޮޅުވިއިރު އެތްލެޓިކޯ މެޑްރިޑް ވަނީ ސެލްޓަވީގޯއާ ބައްދަލުކޮށް 2-0 އިން ބަލިވެފައެވެ. މި މެޗުގައި ސެލްޓާގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ގޮމޭޒް އާއި އަސްޕާސްއެވެ. މެޗުގެ 70 ވަނަ މިނެޓްގައި އެތްލެޓިކޯގެ ސަވިޗް އަށް ދެއްކި ރަތްކާޑާ އެކު މި މެޗު އެޓީމުން ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ.

ސްޕެނިޝް ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ބާސެލޯނާ ކުޅޭ މެޗު މިރޭ އޮންނައިރު އެ މެޗުގައި އެޓީމު ނިކުންނާނީ ހުއެސްކާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9:30 ގައެވެ.