ފްރެންޗް ލީގުގައި ރޭ ނިމްސްގެ މައްޗަށް 2-4 އިން ޕީއެސްޖީ ކުރި ހޯދިއިރު، އެ ޓީމުގެ ފޯވާޑް ކިލިއަން އެމްބާޕޭ އަށް ރަތް ކާޑު ދައްކައިފިއެވެ.

މި މޮޅާއެކު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާ އެކު ޕީއެސްޖީ އޮތީ ލީގުގެ އެއްވަނައިގައެވެ. ލީގުގެ ދެވަނައިގައި 9 ޕޮއިންޓާ އެކު ޑިޖޯން އޮތްއިރު ނިމްސް އޮތީ ހަ ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގައެވެ.

ނިމްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 36 ވަނަ މިނެޓްގައި ޕީއެސްޖީން ވަނީ ލީޑު ނަގާފައެވެ. މެއުނިޔޭ ހުރަސްކޮށްލި ބޯޅަ އަކުން މި ގޯލު ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ ނޭމާއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އެންހެލް ޑިމަރިޔާ ވަނީ ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ޑިމަރިޔާ މި ގޯލު ކާމިޔާބުކުރީ ޕީއެސްޖީ އަށް ލިބުނު ކޯނަރެއް ސީދާ ގޯލަށް ފޮނުވާލައިގެންނެވެ.

ޕީއެސްޖީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ނިމްސް އިން ވަނީ ދެ ގޯލު ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. މި ދެ ގޯލު ނިމްސް އަށް ކާމިޔާބުކޮށްދިނީ ބޮބިޗޮން އާއި ސަވަނިޔޭއެވެ. ނަމަވެސް މެޗުގެ 77 ވަނަ މިނެޓްގައި އެމްބާޕޭ ޕީއެސްޖީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ.

މި މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ރެފްރީ ވަނީ ޕީއެސްޖީގެ އެމްބާޕޭ އަށާއި ނިމްސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން ސަވަނިޔޭ އަށް ރަތްކާޑު ދައްކާފައެވެ. އެމްބާޕޭ އަށް ރަތްކާޑު ދެއްކީ ސަވަނިޔޭ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރުޅި އައިސްގެން އޭނާ ކޮއްޕާލުމާ ގުޅިގެންނެވެ.

ފްރެންޗް ލީގުގައި ކުޅުނު ހަތަރުވަނަ މެޗުން ވެސް ޕީއެސްޖީ މޮޅުވެފައިވާއިރު، ފާއިތުވި ފަސް އަހަރުގެ ތެރެއިން ހަތަރު އަހަރު ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ ޕީއެސްޖީންނެވެ.