1-2 އިން ޕާމާ ބަލިކޮށް އިޓާލިއަން ލީގުގެ އެއްވަނަ މަގާމު ޔުވެންޓަސް އިން ދަމަހައްޓައިފިއެވެ.

މި މޮޅާއެކު ޔުވެންޓަސް އެއްވަނައިގައި އޮތީ 9 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ޔުވެންޓަސް އަށް ވުރެ އެއް މެޗު މަދުން ކުޅެ ހަ ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ޕާމާ އޮތީ އެންމެ ޕޮއިންޓަކާ އެކު ލީގުގެ 16 ވަނައިގައެވެ.

ޕާމާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ދެވަނަ މިނެޓްގައި މާރިއޯ މަންޒުކިޗް ވަނީ ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 33 ވަނަ މިނެޓްގައި ކުރިން އާސެނަލް އަށް ކުޅުނު ޖާވީނިއޯ ވަނީ ޕާމާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ ޖަވީނިއޯ ޕާމާ އަށް ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.

ފުރަތަމަ ހާފްގެ ފަހުވަގުތުކޮޅުތެރޭ ލީޑު ނަގަން ވެސް ޕާމާ އަށް ރަނގަޅު ފުރުސަތެއް ލިބުނުއިރު އެޓީމުގެ ރިގޯނީ ފޮނުވާލި އެ ހަމަލާ ޔުވެންޓަސްގެ ކީޕަރު ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މަންޒުކިޗް ދިން ޕާހަކުން މެޗުގެ 58 ވަނަ މިނެޓްގައި މަޓުއިިޑީ ވަނީ ޔުވެންޓަސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ލީޑު ފުޅާކޮށްލަން ޔުވެންޓަސްގެ ޑަގްލަސް ކޮސްޓާ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނުއިރު އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ރޭގެ މެޗުން ޔުވެންޓަސް މޮޅުވިއިރު އެޓީމުން 99 މިލިއަން ޕައުންޑުގެ އަގަކަށް މިދިޔަ ޓްރާންސްފާ މާކެޓުގައި ގެނައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މިހާތަނަށް ޔުވެންޓަސް އިން ލީގުގައި ކުޅުނު ތިން މެޗުގައި ވެސް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ލީގުގައި ޔުވެންޓަސް ދެން ބައްދަލުކުރާނީ ސަސުއޯލޯއާއެވެ.

ޔުވެންޓަސްގެ އިތުރުން އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން އިންޓަ މިލާން ވެސް ވަނީ މޮޅުވެފައެވެ. އިންޓަ މޮޅުވީ ބޮލޯންޔާއާ ބައްދަލުކޮށް 0-3 އިން ކަމަށްވާއިރު މި މެޗުގައި އިންޓަގެ ގޯލުތައް ކާމިޔާބުކޮށްދިނީ ނައިންގޮލާން އާއި ޕެރިސިޗްގެ އިތުރުން ކަންދްރޭވާއެވެ.