ދުނިޔޭގެ އެންމެ މޮޅު ޤައުމު ތަކުގެ މެދުގައި ކުޅެވޭ ފީފާ ވޯލްޑް ކަޕަށް 100 ދުވަހަށް ވެފައި ވާއިރުގައި ވޯލްޑް ކަޕާއި ބެހޭ ގޮތުން ޓީމްތައް ވެފައިވާ ތައްޔާރީ ތަކާއި ކުޅުންތެރިންގެ ހާލަތު އެނގެނީ ކިތައް މީހުންނަށް ބާވައެވެ.

ދާދި ފަހުން ބްރެޒިލްގެ ސަޕޯޓަރުންގެ ހިތައް ނުތަނަވަސް ކަމެއް ގެނުވި ހަބަރަކީ އެ ޓީމުގެ ތަރި ނޭމާ އަނިޔާވެ އޮޕަރޭޝަނެއް ކުރަން ޖެހުނު ޙަބަރެވެ. ފަޔަށް ލިބުނު ބޮޑު އަނިޔާ އަކާއި ގުޅިގެން ނޭމާ މިހާރު އޮޕަރޭޝަން ކޮށްފައި ވީ ނަމަވެސް، ނޭމާގެ އޮޕަރޭޝަން ކުރި ބްރެޒިލްގެ ޤައުމީ ޓީމުގެ ޑޮކްޓަރު ނޭމާ ފިޓުވާން 3 މަސް ވަރު ނަގާނޭ ކަމަށް ބުނުމުން ވޯލްޑް ކަޕުން ނޭމާ ފެނުމާއި މެދު ސުވާލު އުފައްދާ މީހުން މަދެއް ނޫނެވެ.

މިއީ ބްރެޒިލް އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައި ވާއިރު އާޖެންޓީނާގެ ކުޅުންތެރިން އަންނަނީ ޤައުމީ ސްކޮޑުން ޖާގަ އެއް ހޯދުމަށް މެދު ނުކެނޑި މަސައްކަތް ކުރަމުންނެވެ. މިގޮތުން އެ ޤައުމަށް ނިސްބަތްވާ މުހިއްމު ދެ ކުޅުންތެރިން ކަމުގައިވާ މައުރޯ އިކާޑީ އާއި ޕައުލޯ ދީބަލާ އާޖެންޓީނާގެ އެންމެ ފަހުގެ ސްކޮޑުން ބާކީ ކޮށްފައި ވާއިރުގައި އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޯލީ އަންނަނީ ޓީމު އެކުލަވާލާނޭ ވަކި ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.

އަނެއްކޮޅުން އިންގްލޭންޑަށް ނަޒަރު ހިންގާލާ އިރުގައި ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެ ޓީމުގެ އެއް ނަމްބަރު ކީޕަރު ޖޮއެ ހާޓް ޕްރިމިއާ ލީގުގައި އޭނާ ކުޅެމުން އަންނަ ވެސްޓް ހަމް އިން ފެނިފައި ވަނީ އެ ކްލަބުން ކުޅުނު މަދު މެޗުތަކެއްގައި ކަމެވެ. މިކަމުގެ ސަބަބުން އެ ޓީމުގެ އެއް ނަމްބަރު ކީޕަރަށް ވާދަ ކުރަން ތިބި ދެ ކީޕަރުންގެ ފަރާތުންވެސް އެންމެ އެދެވޭ ކުޅުމެއް ފެނިފައި ނުވުމުން އެ ޓީމުގައި މިވަގުތު އެއް ނަމްބަރު ކީޕަރެއް ނެތެވެ.

މިއީ ވޯލްޑް ކަޕުގައި ދިވެހިން ގިނަ އަދަދަކަށް ސަޕޯޓު ކުރާ 3 ޓީމު ކަމުގައި ވާއިރު، މި މުބާރާތާއި ގުޅުން ހުރި ބޮޑު ނިންމުމެއް މި މަހުގެ 16 ވަނަ ދުވަހު ފީފާ އިން އިއުލާން ކުރަން ނިންމާފައި ވުމުން އެތައް ބަޔަކު ތިބީ މިކަމަށް ނެތް މަދު ވެފައެވެ. އެހެނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މި މުބާރާތުގައި ބޭނުން ކުރުމަށް ފީފާ އިން ކުރަމުން އަންނަ މަޝްވަރާތައް ކޮޅެއްގައި ޖައްސާނެތީއެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހު ރަޝިޔާގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތައް އެ ޤައުމަށް ޒިޔާރަތް ކުރާ މީހުންނަށ ޑޮކްޓަރެއްގެ ލިޔުމަކާއި އެކު ހެރޮއިން، ކެނަބިސް އަދި ކޮކެއިން ފަދަ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތްތައް އެތެރެ ކުރުމުގެ ހުއްދަ އެ ޤައުމުން ދީފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙައްގު

    ނޭމާ 3 ހަފްތާއިން ރަނގަޅު ވާނެ ކަމަށް ބައެއް ޙަބަރު ތައް ބުނޭ

  2. ޔަހުޔާ

    ވަގުތު މީހުންނަށް ވާނުވާ އެނގޭތަ.. ޔާމީނުގެ ފަހަތުން އަޅައިގަނެގެންނެތްޓެން ނޭންގިގެން ތުއުޅެނީ

  3. ޑިބާލާ

    ޕައުލޯ ދީބަލާ އެއް ނޫން. ޑިބާލާ . ގޫގުލް ގަ ލިޔެބަލަ ޕްރޮނައުންސް ކުރާ ގޮތް

  4. މެސީ

    ނޭމާ ވޯލްޑް ކަޕް ކުޅޭނެ.
    އެ ށައްކެށް ވެސް އޮތް ކަމެއް ނޫން