ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނާއި ޖަޕާނުގެ ފުޓުބޯޅަ ފެޑެރޭޝަނާ ގުޅިގެން ކުރިޔަށް ގެންދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިިއަންޝިޕްގައި ރޭ ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް ކްލަބު އެންޑް ރެކްރިއޭޝަން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ނިއުއިން ކާމިޔާބުކުރީ 1-0ގެ ހަނި މޮޅަކާއެކުގައެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ނިއުއިން ކުޅުނު ފުރަތަމަ މެޗުގައި އީގަލްސް އަތުން ބަލިވެފައި އޮތް އިރު، މާޒިޔާއިންވެސް ފުރަތަމަ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއާ ވާދަކޮށް އެއްވަރުވެފައި އޮތުމުން ރޭގެ މެޗުގައި ދެޓީމުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

ރޭގެ މެޗުގެ ދެޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ 10 ވަނަ މިނެޓުގައި ނިއުއިން ވަނީ ލީޑު ނަގައިފައެވެ. އެޓީމަށް ގޯލް ޖަހައިދިނީ ޔަޒްދާން އިބްރާހީމެވެ. މެޗަށް އެނބުރި އައުމަށް މާޒިޔާއިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސ،ް ނިއުއިން ވަނީ ވަރުގަދައަށް ޑިފެންސްކޮށް، މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްފައެވެ.

މިފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ހަތަރު ޓީމަކުންނެވެ. މުބާރާތް ލީގު އުސޫލުން ކުރިއަށްދާ އިރު، ފައިނަލް ދަތުރުކުރާނީ ލީގުގެ ދެ ބުރު ނިމޭއިރު، އެންމެ ގިނައިން ޕޮއިންޓް ހޯދައިފައިވާ ދެޓީމެވެ.

މީގެ ކުރިން 23 އަހަރުން ދަށަށް އަމާޒުކޮށް ޔޫތު ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައިވާ އިރު، މިއަހަރަކީ އެ މުބާރާތް 19 އަހަރުން ދަށަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ފުރަތަމަ އަހަރެވެ. މުބާރާތުގައި މިހަތާނަށް އެންމެ ކާމިޔާބު ޓީމަކީ އީގަލްސްއެވެ. އެންމެފަހުން ތިން އަހަރުންވެސް ޗެމްޕިއަންކަން ހޯދީ އީގަލްސްއެވެ.