ސާފް ސުޒުކީ ކަޕް އަންނަ އަންގާރު ދުވަހު ބަންގްލަދޭޝްގެ ޑާކާގައި ފެށުމަށް ސަރަހައްދުގެ ގައުމުތަކުން އެންމެފަހުގެ ތައްޔާރީތައް ވަމުންދާ އިރު، ބޫޓާނުންވެސް ވަނީ އެގައުމުގެ ފައިނަލް ސްކޮޑު އިއުލާން ކޮށްފައެވެ.

އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ޓްރެވާ މޯގަންއާއެކު ބޫޓާނުން ސާފް ޗެމްޕިއަންޝިޕަށް ނުކުންނާނީ ޒުވާން އަދި ތަޖުރިބާ މަދު ސްކޮޑަކާއެކުގައެވެ. އެގޮތުން އެންމެފަހުން ބޫޓާނުން ކުޅުނު މެޗުގެ ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރެއިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ސްކޮޑުގައި ކޯޗު ހިމަނާފައި ވަނީ އެންމެ ހަ ކުޅުންތެރިންނެވެ. އަދި މިފަހަރުގެ ސްކޮޑުން ތަޖުރިބާކާރު ބައެއް ކުޅުންތެރިންނަށް ޖާގަވެސް ދީފައެއް ނުވެއެވެ.

ބޫޓާންގެ ގައުމީ ޓީމުން އެންމެ ފަހުން މެޗަކުން މޮޅުވެފައި ވަނީ 2015 ވަނަ އަހަރުގައެވެ. މީގެ ތިން އަހަރު ކުރިން ބޫޓާނުން ސްރީލަންކާ ބަލިކޮށްފައިވާ އިރު، މިފަހަރުގެ މުބާރާތަށް އެގައުމު ނުކުންނާނީ އެންމެފަހުން ކުޅުނު ހަތް މެޗުންވެސް މޮޅެއް ނުލިބި އޮވެގެންނެވެ.

ޓްރެވާ މޯގަން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އިއުލާން ކުރި ސްކޮޑުގައި ގައުމުގެ އެންމެ ތަޖުރިބާކާރު ގޯލްކީޕަރު ހަރީ ގުރުންގްވެސް ޓީމުގައި ހިމަނާފައި ނުވާ އިރު، އެގައުމުގެ ލީގުގައި ކުޅޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިއާ ކަމަށްވާ ތިމްޕޫ ސިޓީގެ ޝެރިން ޑޯޖީވެސް މިފަހަރު ޓީމުގައި ހިމަނާފައެއް ނުވެއެވެ. އޭގެ އިތުރުންވެސް މިދިޔަ އަހަރުތަކު ތެރޭގައި ބޫޓާން ގައުމީ ޓީމަށް މުހިއްމު ކުޅުމެއް ދެއްކި ޑާވާ ޝެރިންވެސް މިފަހަރުގެ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ.

އޯގަސްޓް 25އިން ފެށިގެން ބޫޓާން ޓީމުން ތައިލެންޑްގައި ކޭމްޕް ކޮށްފައިވާ އިރު، އެކުވެރިކަމުގެ ދެ މެޗެއް ވަނީ ކުޅެފައެވެ. ތައިލެންޑް ލީގުގެ ދެ ކްލަބު ކަމަށްވާ ބެންގްކޮކް ގްލާސް އެފްސީއާއި ބުރިރާމް ޔުނައިޓެޑްގެ ބީ ޓީމާއެކު ބޫޓާނުން އެކުވެރިކަމުގެ މެޗުތައް ކުޅެފައިވާ އިރު، އެ ދެމެޗުންވެސް ވަނީ ބަލިވެފައެވެ.

ޓީމާ ގުޅިގެން ކެޕްޓަން ކަރުމާ ޝެޑްރަޕް ބުނެފައި ވަނީ ޓީމަކީ ޒުވާން، އަދި މުބާރާތަށް މުޅިން އާ ޓީމެއް ކަމަށެވެ. އޭގެ އިތުރުންވެސް ބޫޓާންގެ ލީގަކީ އަދިވެސް އެންމެ އާދައިގެ ލީގެއް ކަމަށްވުމުން ކުޅުންތެރިންނަށް ބޭނުންވާ ތަޖުރިބާ ލީގުން ނުހޯދޭ ކަމަށްވެސް ކެޕްޓަން ޝެޑްރަފް ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާންގެ ތަރިއަކަށްވާނީ މިހާރު އިންޑިއާގެ ބެންގަލޫރު އެފްސީއަށް ކުޅެމުން އަންނަ ޗެންޗޯ ޔެލްޓްޝެންއެވެ. މީގެ ހަފްތާއެއް ކުރިން ބޫޓާން ގައުމީ ޓީމުގެ ފަރިތަކުރުންތަކާ ގުޅުނު ޗެންޗޯ ވަނީ މިދިޔަ ސީޒަންގެ އައިލީގާއި އިންޑިއާ ސުޕަ ލީގުގައިވެސް ވިދާލާފައެވެ. ޗެންޗޯ ވަނީ މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައިވެސް ދެ ގޯލް ޖަހައިފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި ހަތް ގައުމަކުން ވާދަކުރާ އިރު، ބޫޓާން ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕްގައި ބޫޓާންގެ އިތުރުން ހިމެނެނީ ޕާކިސްތާން، މުބާރާތް ބާއްވާ ބަންގްލަދޭޝް އަދި ނޭޕާލެވެ. ބޫޓާނުން މުބާރާތުގެ ފުރަތަމަ މެޗުގައި، މުބާރާތް ފަށާ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

ބޫޓާނުން ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ފެށީ 2003 ވަނަ އަހަރުން ފެށިގެންނެވެ. ބޫޓާނަށް އެންމެ ކާމިޔާބު މުބާރާތަކީ 2008 ވަނަ އަހަރުގެ މުބާރާތެކެވެ. އެ މުބާރާތުގައި ބޫޓާން ވަނީ ސެމީ ފައިނަލް ކުޅެފައެވެ.