އިއްޔެގެ ވަގުތެއްގައި އިޓަލީ އަދި ފިއޮރެންޓީނާގެ ޑިފެންޑަރ ޑޭވިޑް އެސްޓޯރީގެ މަރުގެ ޚަބަރުން މުޅި ފުޓްބޯޅައިގެ ދުނިޔެއަށް ސިހުން ގެނުވާފައި ވާއިރު، އޭނާ ނިދީގައި މަރުވީ ނޫން ކަމަށް ބަލައި ތަހުގީގް ފަށައިފިއެވެ.

އިއްޔެ ފިއޮރެންޓީނާ ކުޅެން ހަމަޖެހިފައި އޮތް މެޗެއްގެ ކުރިން އެ ކްލަބުގެ ހުރިހާ ކުޅުންތެރިން ތިބި ހޮޓެލުގައި އެސްޓޯރީ ވެސް ނިދި އިރު، ހެނދުނު ގަޑީ އޭނާގެ ޚަބަރެއް ނުވެގެން ގޮސް ބެލި އިރު އޮތީ މަރުވެފައެވެ.

އެސްޓޯރީގެ މަރާއި ގުޅިގެން ފުރަތަމަ އަޑު އަރާފައި ވަނީ އޭނާ މަރުވީ ކާޑިއެކް އެރެސްޓެއްގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް، ކޮންމެވެސް މީހަކު ގަސްތުގައި އެސްޓޯރީ މަރާލި ކަމަށް ތުހުމަތު ކުރެވުމުން ކަމާ ބެހޭ ފަރާތްތަކުން ވަނީ މި މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފަށާފައެވެ.

މީގެ ހަފްތާ އެއް ކުރިން ބައްޕަ އަކަށްވި އެސްޓޯރީ 31 އަހަރުގައި މަރުވެފައި ވާއިރު، އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ޓެސްޓެއް ހަދާނޭ ކަމަށް އެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިޓަލީގެ ގާނޫނުތައް އޮތް ގޮތުން އެސްޓޯރީގެ މަރަށް މިފަދަ ޓެސްޓެއް ހެދުމުގެ ހަމަ އެކަނި ފުރުސަތު އޮތީވެސް އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވި، ތަހުގީގު ފެށުމުންނެވެ.

އެސްޓޯރީގެ މަރާއި ގުޅިގެން ފިއޮރެންޓީނާގެ ކުޅުންތެރިން މާޔޫސްވެފައި ތިބި އިރުގައި ޔޫއެފާ އިން ވަނީ އެސްޓޯރީ އަށް އިޙްތިރާމް އަދާ ކުރުމުގެ ގޮތުން މި ހަފްތާގައި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި ކުޅޭ ހުރިހާ މެޗެއްގެ ކުރިން 1 މިނެޓުގެ ސުކޫތެއް ބޭއްވުމަށް ނިންމާފައެވެ.

އެސްޓޯރީ އަކީ އަހްލާގް ރަނގަޅު، ނަމޫނާ ކުޅުންތެރިއެއް ކަން ފާހަގަ ކޮށްލެވެއެވެ.