ޕްރިމިއާ ލީގުގައި މިރޭ އުނދަގޫތަކަކަށްފަހު 2-3 އިން ކާޑިފް ސިޓީގެ މައްޗަށް އާސެނަލް އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު އާސެނަލް އޮތީ ހަ ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގައެވެ. ކާޑިފް އޮތީ ދެ ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 12 ވަނައިގައި އޮތީ ލިވަޕޫލްއެވެ.

ކާޑިފްގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އާސެނަލްގެ ގޯލްކީޕަރު ޗެކް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލީޑު ނަގަން ކާޑިފް އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ކާޑިފް ހެރީ އާޓާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މި ފުރުސަތުގެ ބޭނުން ކާޑިފް އަށް ނުހިފުނުއިރު މެޗުގެ 11 ވަނަ މިނެޓްގައި މުސްތާފީ ވަނީ އާސެނަލް އަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ވެސް އާސެނަލް އަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައިވެއެވެ. އެގޮތުން މޮންރެއާލް ފޮނުވާލި ހަމަލާ ކާޑިފްގެ ކީޕަރު ދިފާއުކުރިއިރު ލަކަޒެޓް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެންދަނިކޮށް، ހާފްގެ ފަހު މިނެޓްގައި ކަމަރާސާ ވަނީ ކާޑިފް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 62 ވަނަ މިނެޓްގައި އޮބަމަޔަންގް ވަނީ އާސެނަލް އަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ކާޑިފްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ކަމަށްވާއިރު، މިއީ މި ސީޒަނުގައި އޮބަމަޔަންގް ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

އާސެނަލް އިން ދެވަނަ ފަހަރަށް ލީޑު ނެގިތާ އަށް މިނެޓްފަހުން ޑެނީ ވޯޑް ވަނީ ކާޑިފް އަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން އާސެނަލް މޮޅުވި ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލަކަޒެޓްއެވެ.

ލީގުގައި އާސެނަލް އިން ހަތަރު މެޗު ކުޅެފައިވާއިރު މިއީ އެޓީމުން ހޯދި ދެވަނަ މޮޅެވެ. އަނެއް ދެ މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާއެވެ.