މެންޗެސްޓާ ސިޓީއާއި ބާސެލޯނާއަށްވެސް ކުޅެފައިވާ އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ އެނބުރ އޭނާގެ ކުރީގެ ކްލަބު އޮލިމްޕިއާކޯސްއާ ގުޅިއްޖެއެވެ.

ޓޫރޭ އެނބުރި އޮލިމްޕިއާކޯސްއާ ގުޅިފައި ވަނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. މެންޗެސްޓާ ސިޓީގައި އަށް އަހަރު ހޭދަކުރުމަށްފަހު އޭނާ ކްލަބު ދޫކޮށްލީ މިދިޔަ ސީޒަން ނިމުމުންނެވެ. ކޯޗު ޕެޕް ގާޑިއޯލާއާ ޖެހުނު މައްސަލަތަކަކާވެސް ގުޅިގެން ޓޫރޭ ކްލަބު ދޫކޮށްލުމަށްފަހު ޕްރިމިއާ ލީގު ކްލަބަކަށް ދާން އުޅޭ ކަމަށް އަޑުތައް ފެތުރުނު ނަމަވެސް، އިއްޔެ ގްރީސްގެ އޮލިމްޕިއާކޯސްއިން ވަނީ ޓޫރޭ އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލައިފައެވެ.

އުމުރުން 35 އަހަރުގެ ޓޫރޭ ވަނީ 2005-06 ވަނަ އަހަރުގެ ސީޒަންގައި އޮލިމްޕިއާކޯސްއަށް 20 މެޗު ކުޅެދީފައެވެ. އޭގެ ފަހުން މޮނާކޯއިން ވިދާލި ޓޫރޭ ވަނީ ބާސެލޯނާގައިވެސް މުހިއްމު ކުޅުމެއް ދައްކައިފައެވެ. އަދި ސިޓީގައި އޭނާ ހޭދަކުރި އަށް އަހަރުގައި 230 މެޗު، ޓޫރޭ އެ ކްލަބާއެކު ކުޅެފައިވެއެވެ.

ޓޫރޭ ގްރީސްއަށް ދިއުމާއެކު ކްލަބުގެ ސަޕޯޓަރުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. ކްލަބުން އިއްޔެ ޖިއާނާއާ ދެކޮޅަށް ކުޅުނު މެޗުން 5-0ގެ ނަތީޖާއަކުން މޮޅުވެފައިވާ އިރު، މެޗަށްފަހު ޓޫރޭ ވަނީ ދަނޑު މައްޗަށްއަރައި، ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ޓޫރޭ ބުނެފައި ވަނީ ޔޫރަޕާއި، އޭޝިއާގެ އިތުރުން އެމެރިކާގެ ކްލަބުތަކުންވެސް އޭނާއަށް ހުށަހެޅުންތައް ލިބުނު ނަމަވެސް، އޮލިމްޕިއާކޯސްއަށް ދިއުމަށް ނިންމީ ކްލަބާއެކު އެނާ އޮންނަ ހާއްސަ ގުޅުމެއްގެ ސަބަބުން ކަމަށެވެ. ވަކިން ހާއްސަކޮށް، 2006 ވަނަ އަހަރު އެ ކްލަބު ދޫކޮށްލަމުން އޭނާ އެނބުރި އަންނާނެ ކަމަށް ވައުދުވި ކަމަށާއި، މިއަދު އެ ވައުދު ފުއްދޭތީ އުފާކުރާ ކަމަށްވެސް ޓޫރޭ ބުންޏެވެ.

ގައުމީ ޓީމަށްވެސް 100 އަށްވުރެ ގިނަ މެޗު ކުޅެދިނުމަށްފަހު ރިޓަޔާކޮށްފައިވާ ޓޫރޭ ވަނީ މީގެ ކުރިން އޮލިމްޕިއާކޯސްއަށް ކުޅުނު ސީޒަންގައި ކްލަބާއެކު ލީގާއި ކަޕްވެސް ކާމިޔާބުކޮށްފައެވެ.