• އާޒީ ވަނީ ސްވިސް ރޭންކިންގެ ފަސްވަނަ ހޯދައިފި
  • މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ބްރޯންޒް މެޑަލް ހޯދައިފަ

ދެކުނު ކޮރެއާގައި ކުރިއަށްދިޔަ ދުނިޔޭގެ ކެރަމް ވޯލްޑް ކަޕްގެ ސްވިސް ރޭންކިންގެ ފަސްވަނަ ހޯދައި، އަލީ އާޒިމް (އާޒީ) ރާއްޖޭގެ ރެކޯޑެއް ހަދައިފިއެވެ.

މިދިޔަ އޮގަސްޓު މަހުގެ 23 އިން 26އަށް ކުރިއަށްދިޔަ މުބާރާތުގައި ނުވަ ގައުމަކުން ވާދަކޮށްފައިވެއެވެ. މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގައިވެސް ރާއްޖެއިން ވާދަކޮށްފައިވާ އިރު، ކޮންމެ ޑިވިޝަނަކުން ހަތަރު ކުޅުންތެރިން، ޖުމްލަ އަށް ކުޅުންތެރިން ރާއްޖެ ތަމްސީލު ކޮށްދީފައިވެއެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުން ރާއްޖެއަށް ބްރޯންޒް މެޑަލް ލިބިފައިވާ އިރު، ފިރިހެން ޓީމަށް ލިބުނީ ހަތަރުވަނައެވެ.

މުބާރާތުގައި ވާދަކުރާ ހުރިހާ ކުޅުންތެރިން މިކްސްކޮށް ވާދަކުރާ ސްވިސް ރޭންކިންގައި ރާއްޖޭގެ އާޒީ ކުޅުނު ހަތް މެޗުގެ ތެރެއިން އޭނާ ބަލިވީ އެންމެ މެޗަކުންނެވެ. އާޒީ ސްވިސް ރޭންކްގެ ފަސްވަނަ ހޯދައިފައި ވަނީ މިހާރު ދުނިޔޭގެ ޗެމްޕިއަން އިންޑިއާގެ ޕްރަޝާންތާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެންނެވެ.

އާޒީގެ ކާމިޔާބާ ގުޅިގެން އޭނާ "ވަގުތަށް" ބުނެފައި ވަނީ އޭނާގެ އެންމެ މުހިއްމު ޓާގެޓަކީ އިންޑިވިޖުއަލީ ވަނަތަކެއް ހޯދުމަށްވުރެ ބޮޑަށް ރާއްޖެއަށް ކެރަމްއިން ރަން މެޑަލްއެއް ގެނެސްދިނުން ކަމަށެވެ. އެ ފެންވަރަށް މަސައްކަތް ކޮށް، މުސްތަގުބަލުގައި ރާއްޖެއަށް ކެރަމްގެ ރަން މެޑައްޔެއް ގެނެސްދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށްވެސް އާޒީ ފާހަގަކުރިއެވެ.

އާޒީ ބުނީ އޭނާއަށް ކެރަމްގައި ކުރިއަށް ދިއުމަށް އެހީތެރިވެދޭ އެންމެނަށް ޝުކުރު އަދާކުރާ ކަމަށާއި، ކުރިއަށް ދިއުމުގައި ފަސް ބެލުމެއް ނެތް ކަމަށެވެ.

އާޒީއަކީ ރާއްޖޭގެ ގައުމީ ޗެމްޕިއަންކަންވެސް ހޯދައިފައިވާ އުންމީދީ ކެރަމް ކުޅުންތެރިއެކެވެ. އޭނާއަކީ ކެރަމްގެ އިތުރުން ބޮޑުބެރުގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ. އެގޮތުން މީގެ ކުރިން ދަންމާނު ބޮޑުބެރު ގްރޫޕާއެކު ބޮޑުބެރު ޗެލެންޖުގެ އެންމެ މޮޅު ބެރު ޖެހުންތެރިޔާގެ އިތުރުން އެންމެ މޮޅު ހުނަރުވެރިޔާގެ މަގާމުވެސް ހޯދާފައިވާ އާޒީ މިހާރު މަސައްކަތް ކުރަނީ ބިދަބިން ބޮޑުބެރު ގްރޫޕާއެކުގައެވެ.