ސާފް ޗެމްޕިއަންޝިޕަކީ ދިވެހި ފުޓުބޯޅައިގެ އެންމެ މުހިއްމު މުބާރާތެވެ. އެ މުބާރާތުގައި ފުރަތަމަ ވާދަކޮށް، ރާއްޖެއިން ގެނައި ރިހި މެޑައްޔާއެކު ދިވެހިންނަށް މުބާރާތް ހާއްސަވިއެވެ. ދިވެހި ޓީމަށް ކުރެވޭ އުންމީދުތައް ބޮޑުވިއެވެ. ހަމައެކަނި ކުޅެލާ މުބާރާތެއްގެ ގޮތުގައި ދާ ދިއުން ބަދަލުވެ، ގައުމުގެ ހުރިހާ ރައްޔިތުންވެސް އެ މުބާރާތުގެ ރަން މެޑައްޔަކަށް ބޮޑު އުންމީދެއް ކުރިއެވެ.

އެ އުންމީދުތަކުގައި ގައުމީ ރަތް ކުލަ، ޖައްސުވާލަދިން ޓީމަކީ 2008 ވަނަ އަހަރު މުބާރާތަށް ދިޔަ، ރާއްޖޭގެ "ރަން ޖީލެވެ". އެޓީމުގެ މެނޭޖުމަންޓުން ފެށިގެން، ޓީމުގެ ކޮންމެ ކުޅުންތެރިޔަކީވެސް ދިވެހި ފުޓުބޯޅައިގައި ޝަރަފުވެރިއެކެވެ. ދިވެހި ފުޓުބޯޅަ ތާރީހުގައި "ހީރޯ"އެކެވެ. "މިއީ އަހަރެމެންގެ ފަހަރޭ" ބުނެ، މުބާރާތުން ދިވެހިންނަށް ގައުމީ އީދެއް ގެނުވީ އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންގެ މިންނެތް މަސައްކަތުންނެވެ.

ޓީމުގައި އެކަމަށް ގަދައަޅާ މަސައްކަތް ނުކުރާނެ އެއްވެސް ކުޅުންތެރިޔަކު ނެތެވެ. ޓީމުން ހޯދި ކާމިޔާބީގެ ފޮނިމީރުކަން، އެންމެ ފުރިހަމައަށް ލިބުނު ސަބަބަކީވެސް އެއީ ކަމަށް އިއްތިފާގު ވެވިދާނެއެވެ. ޓީމުގެ ކާމިޔާބީ އެންމެ ރަނގަޅަށް އެނގޭނީ ޓީމުގެ ކުޅުންތެރިންނަށެވެ. ގައުމީ ޒިންމާއެއް ކަމުގައި ބަލައިގެން ރާއްޖޭގެ ޑިފެންސް އޮގަނައިޒް ކުރި، އޭރު އުމުރުން 28 އަހަރުގެ ސޮބާހް މުހައްމަދު (ސޮބާ) އޭނާގެ ތަޖުރިބާ "ވަގުތާ" ހިއްސާ ކުރިއެވެ.

ޓީމުގެ ކޮންމެ ކުޅުންތެރިޔަކީ ލީޑަރެއް

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށްޓާއި އެކު ދަގަނޑޭ އާއި އޮއްޕޮ -- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޑިފެންޑަރު ސޮބާ، ގައުމީ ޓީމަށް ކުޅެން ފެށީ 2000 ވަނަ އަހަރުގައެވެ. އޭނާ ވަނީ ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕްގެ ހަތަރު މުބާރާތެއް ކުޅެފައެވެ. 2003 ވަނަ އަހަރު، ސާފް ޗެމްޕިއަންޝިޕުން ލިބުނީ ރިހި މެޑައްޔެކެވެ. 2005 ވަނަ އަހަރު ކެޓީ ސެމީ ފައިނަލުންނެވެ. އެހިސާބުން ނާކާމިޔާބީގެ ހިތި ރަހަ، ޓީމަށް ތަހައްމަލު ކުރެވިއްޖެއެވެ.

"ވަރަށް ގިނަ ފަހަރު ފެއިލްވި. ދެން އެގޮތަށް ލިބުނު ތަޖުރިބާތަކާއެކު 2008 ވަނަ އަހަރު ހުރީ ކެރިއަރުގައި ޑިފެންޑަރަކަށް ލިބެން ޖެހޭ އެންމެ ރަނގަޅު އެކްސްޕީރިއަންސާ އެއްކޮށް، ގޭމް އަންޑަސްޓޭންޑިންގައި ވެސް ތަޖުރިބާ ލިބިފައި ހުރީ. މުޅި ޓީމުންވެސް އެންމެ ބޮޑަށް ބެލި ކަމަކީ ރާއްޖެއަށް ނާކާމިޔާބު ވަނީ ކީއްވެތޯ. ވީޑިއޯތައްވެސް ބަލައިގެން ނާކާމިޔާބު ވުމަށް ހެދުނު ގޯސްތައް ބަލައި، އެކަން ރަނގަޅު ކުރަން މަސައްކަތް ކުރީ،" ސޮބާ ބުންޏެވެ.

ސޮބާގެ ހަނދާނުގައި ވާގޮތުން މުބާރާތަށް ދިޔައިރުވެސް އެންމެން ދައްކާނީ އަބަދުވެސް އިންޑިއާ ބަލިކުރުމުގެ ވާހަކައެވެ. އިންޑިއާއަކީ ރާއްޖެއަށް ސާފްގެ ރަން މެޑައްޔަކަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށްވެސް ވާތީއެވެ.

ޓީމުގެ ހުރިހާ އެންމެންވެސް ވިސްނީ އިންޑިއާ ބަލިކުރަން. އޭރުވެސް ދިވެހި ޓީމަށްވުރެ އިންޑިއާ އަބަދުވެސް އޯގަނައިޒްކޮށް ފެންނާނީ. ތައްޔާރުވިން ވަރަށް ބޮޑަށް. ކުރިން މެޗުތަކުގައި ވަދެފައިވާ ގޯލްތައް ބަަލައި، އެކަންކަން ރަނގަޅުކުރަން. އެންމެ ބޮޑަށް ފަސޭހަވީ އެއްކޮށް މެޗުތަކެއް ކުޅެފައިވާ ޑިފެންޑަރުން ތިބީމަ. ކޮންމެ ކުޅުންތެރިއަކީވެސް ކްލަބު ލެވެލްގައި ލީޑު ކުރާ ކުޅުންތެރިން. އެހެންވީ އޭރު ޓީމުގެ އެޓިޓިއުޑް ތަފާތު. ހުރިހާ ކުޅުންތެރިންވެސް، މުޅި ޓީމު އެންމެން ނިންމީ ތަށި ހިފައިގެން ނޫނީ ރާއްޖެ ނާންނަން،" ސޮބާ ބުންޏެވެ.

ޖޯކުވެސް ޖެހި، އިދިކޮޅަށްވެސް ބަޔަކު އުޅުނު - އެކަންކަމަށް ރައްދު ދެވުނީ މުޅި ޓީމުގެ ހިތްވަރުން

އޭރު ޓީމުގެ ކޯޗާއެކު މެނޭޖަރު ހާނިމް -- --

"ފްލައިޓަށް އަރަން ދިޔަ އިރުވެސް މީހަކު ބުނި ހަނދާންވެޔޭ، އަނެއްކާވެސް ބަލިވާން ދަނީއޭ. ބަލިވެގެން އަންނާނެއޭ. އެއާޕޯޓުންވެސް ޖޯކު ޖެހި. އޭގެ އިތުރުންވެސް ބަޔަކު އިދިކޮޅަށްވެސް މަސައްކަތްތަކެއް ކުރި. މީޑިއާގެ އިތުރުން ރާއްޖޭގައި އުޅުނު ބައެއް ކޯޗުން ތެރޭގައިވެސް އިދިކޮޅަށް އުޅުނު ބަޔަކު ތިބި،" ޓީމަށް އޭރު ލިބުނު ހިތްވަރުގެ ފެށުމާ ގުޅޭގޮތުން ސޮބާ ބުންޏެވެ.

ގައުމީ ޓީމުން ރަން މެޑަލް ހޯދުމާ ހަމައަށް ކުރި ދަތުރު ސޮބާ ކުރުކޮށް، ފޮނިކޮށް ސިފަކޮށްލީ ދެ ބަހަކުންނެވެ. "ހާޑްވޯކް، ޑިސިޕްލިން" މި ދެ ލަފްޒުންނެވެ.

"ޓީމު ދިޔައީ ވަރަށް ތައްޔާރުވެގެން. 2007 ވަނަ އަހަރުން ފެށިގެން ވަމުންއައި ތައްޔާރީއެއް އެއީ. ޔަންކޭޒްއަކީ ފަހުގެ ތާރީހުގައި ރާއްޖެ ދުށް އެންމެ މޮޅު ކޯޗު. އޭނާއަށް ޓީމުގެ ކުޅުންތެރިން ވަކިވަކިން އެނގޭ. އެކުވެރިކަމުގެ މެޗުތަކުގައި މެލޭޝިއާ ތަންތަންވެސް ބަލިކުރިން. ކޯޗު ޓީމަށް ނެގީވެސް ކޮންސިސްޓެންޓް ކުޅުންތެރިން. ކޯޗު ނުބަލާނެ ނަމަކަށް، މީހަކަށް. ކޯޗު ވިސްނައިދިނީ މިފަހަރު ޖެހޭނެކަން ތާރީހުގައި ރާއްޖޭގެ ނަން ލިޔެލަ ދޭން. އެކަން ކުރިން، ހާޑްވޯކް ޑިސިޕްލިން. ޔަންކޭޒް ބަދަލުކުރީ ރާއްޖޭގެ ފުޓުބޯޅައިގައި މިބުނާ ކަންތައް،" ކޯޗަށް ސޮބާގެ ތައުރީފް ބަންޑުން ކޮށްލިއެވެ.

ޓީމުގެ ރޫހަކީ ކޯޗުވެސް އެކަންޏެއް ނޫނެވެ. މުޅި ދިވެހިރާއްޖެއެވެ. ޓީމުގެ ކޮންމެ މުވައްޒަފެކެވެ. ހާއްސަ ގޮތެއްގައި މެނޭޖަރު މުހައްމަދު ހާނިމްގެ މަސައްކަތް ސޮބާ ވަރަށް ބޮޑަށް ފާހަގަކުރިއެވެ. "ޓީމުގެ ހުރިހާ ކަމެއް ހިފަހައްޓައި، ޓީމު މެނޭޖުކުރީ ހާނިމް" ކަމަށް ސޮބާ ބުންޏެވެ. މިހާތަނަށް ރާއްޖެއިން މުބާރާތަކަށް ދިޔަ އެންމެ ވަރުގަދަ ސްކޮޑުގެ ހިތްވަރު ދެމިއޮތީ ޓީމުގެ ފަހަތުގައި އޮތް ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިންނެވެ.

"އެފްއޭއެމްގެ އިތުރުން އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް، މިއީ ސިޔާސީ ވާކަށް ނޫން. ރައީސް، ޓީމުގެ ކަންކަން ބައްލަވާ ލެއްވުމަށް ދާނެ. މެލޭޝިއާގައި ޓީމު ތިބިއިރު، ޓީމުގެ ހޮޓަލަށް ގޮސް ހިތްވަރު ދިން. އޭގެ އިތުރުން ޓީމަށް މުސާރަވެސް ބޮޑުކޮށް، ގިނަ ކަންތައްތަކެއް ފަހިކޮށްދިން. ޓީމުގެ މަސައްކަތް ބަލައިގަތް މުޅި ދިވެހި ގައުމުވެސް. އެހެންވެ ހުރިހާ ކުޅުންތެރިންވެސް ބޭނުންވި ތަށި ގެނެސްދޭން،" ސޮބާ ބުންޏެވެ.

ކެރިއަރުގެ އެންމެ އަގުބޮޑު ހަތަރު މިނެޓް

އަލީ އުމަރު އަދި ސޮބާވެސް ތަށްޓާއެކު އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ބައިނަލްއަގުވާމީ 100 އަށްވުރެ ގިނަ މެޗު ކުޅެފައި ނުކުތް ފައިނަލް މެޗެވެ. ޓީމަކީ ތަޖުރިބާ ބޮޑު، ބޮޑެތި މެޗުތަކަށް ފަރިތަ ޓީމެއް ނަމަވެސް، ފައިނަލްގެ ކުރިން ސޮބާއަށް ވެސް ކުރެވުނީ ތަފާތު އިހުސާސެކެވެ. ގައުމު ގޮވަމުން ދިޔަ ގޮވުމުގެ ޒިންމާ ކޮނޑުގައި އެޅިފައި އޮތުމުން މީހާ ފިނިވިއެވެ.

"މުޅި ރާއްޖެ އޮތީ ރަތް ކުލައިގަ. މުޅި ލަންކާ ސްޓޭޑިއަމްގައިވެސް ދިވެހިން. 2008ގެ ފައިނަލަށް ނުކުތުމުގެ ކުރިން އެތައް މެޗެއް ކުޅެފައިވާނީވެސް. އެކަމަކުވެސް ގައުމު އެދެމުން ދިޔަ އެދުން ފުރިހަމަކޮށްދިނުމަށް އޮތް ޒިންމާ ބޮޑުކަމުން، ގައުމީ ސަލާމް ކިޔަމުންދިޔަ އިރުވެސް މީހާ ތުރުތުރު އަޅާ. މެޗުގެ ކުރީކޮޅުގައިވެސް ހިތަށް އެރި، މަގޭ ޒިންމާއަކީ އޭރު ސަރަހައްދުގައި ތިބި އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިން ކަމަށްވާ ސުނިލް ޗެތުރީއާއި ބުޓިޔާ ހިފެހެއްޓުން ކަން. އެމީހުން ކައިރީ ގޯހެއް ހެދިއްޖެއްޔާ ރާއްޖޭގެ ރައްޔިތުން ދުވަހަކުވެސް މައާފް ނުކުރާނެކަން އެނގޭ،" ސޮބާ ފައިނަލް މެޗުގެ ތަޖުރިބާތައް ހިއްސާކުރިއެވެ.

ސޮބާ ބުނި ގޮތުގައި މެޗުގައި ކޯޗުގެ ޓެކްޓިކަލް ވިސްނުން ފުރިހަމަވުމުގެ އިތުރުން ފައިނަލަކަށް މެންޓަލީ ދޭން ޖެހޭ އެންމެ މުހިއްމު އިރުޝާދު އޭނާ ދިނެވެ. "ކޯޗު ބުނީ ކެތްތެރިވާން، ލިބޭ ފުރުސަތަށް މަޑުކުރަން،" ސޮބާ ބުންޏެވެ.

"ޓޫކިލޯގެ ގޯލަށްފަހު އައީ ކެރިއަރުގައި ކުޅުނު އެންމެ އަގުބޮޑު، އެންމެ ޕްރެޝަރު، އެންމެ މުހިއްމު ހަތަރު މިނެޓް. އެވަގުތު ކޮޅުގައިވެސް އިންޑިއާއަށް ލިބުނު ރަނގަޅު ފުރުސަތެއް. އަހަރެން ކައްސާލައިގެން ވެއްޓުނީމަ ޖަމްބޭ ކައިރިންވެސް ނައްޓާލައިފަ ސުނިލް ޗެތުރީ ފޮނުވާލި ބާރު ހަމަލާއެއް އިންމަ ސޭވް ކުރާނީ. އެކަންތައްވެސް ހަނދާން އެބަހުރި. އެއީ މިބުނި ވަގުތުކޮޅު،" ސޮބާ އޭނާގެ ކެރިއަރުގެ މުހިއްމު ހަތަރު މިނެޓެއްގެ ވާހަކަ ކިޔައިދިނެވެ.

ސާފް ޗެމްޕިއަންޝިޕާއެކު ސޮބާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަ ޖެހުނެވެ. 12 އަހަރުގެ ގައުމީ ކެރިއަރު ނިންމާލި އިރު، ރަން މެޑަލް ހޯދައިދީ، ދިވެހިން ހެއްވާލެވުން ސޮބާއަށް ސިފަކުރެވުނީ ދިވެހިންނަށް ވޯލްޑް ކަޕް ލިބުމެވެ. މުޅި ގައުމު އެއްމަސް ދުވަހު އުފާފާޅުކުރީ، ފުޓުބޯޅައިގެ އީދާއެކުގައެވެ.

"ވަރަށް އުފާވި. މުޅި ހަޔާތުގައިވެސް ދެން ދިވެހީންނަށް އެކަހަލަ ދުވަހެއް ނާންނާނެ ކަންނޭނގެ. ދުވަހަކުވެސް ހީނުކުރާ ވަރުގެ މަރުހަބާއެއް ކިއީ. މުޅި ރާއްޖެ އޮތީ ޓީމާއެކު. މަހެއް ވަންދެން ސެލެބްރޭޓް ކުރި. ވީޑިއޯތައް އަޅުވާލީމަ އުފަލުން ރޮވޭ. ވަރަށް މަސައްކަތް އެއީ. އެ މެޗުތައް ބަލާލުމުންވެސް އެނގޭ ވަރަށް ރަނގަޅަށް ކުޅުވުނުކަން،" ސޮބާ ބުންޏެވެ.

ރާއްޖޭގެ ސަޕޯޓަރުން އުފާފާޅުކުރަނީ --- ފޮޓޯ/ ފްލިކާ

ރާއްޖޭގެ ޒުވާން ޓީމަށްވެސް ސޮބާ އެދެނީ ކާމިޔާބަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގަށް އިތުރު ވިސްނުމަކުން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އޭނާ ދެކެއެވެ.

"މިހާރު ޓީމަށް އެދެނީ ކާމިޔާބަށް. އެކަމަކު ވަރަށް ހިތާމައާއެކު ބުނަން ޖެހެނީ މާ ބޮޑު ފިއުޗާއެއް އަދި ނެތޭ. ޓެކްނިކަލް ޑިރެކްޓަރު އަބަދު ބަދަލުވުމާ، ކޯޗު ބަދަލުވުމާ، މި ކަންކަމަށް ސިސްޓަމެއް ބޭނުންވޭ. މިހާރު ކުޅުންތެރިންގެ ސްކިލް އެބަހުރި. ވިސްނުން ގޯސް ވަނީ. އެޓިޓިއުޑް ގޯސް ވަނީ. އެކަންކަން ރަނގަޅުކުރަން ވިސްނަން ޖެހޭ،" ސޮބާ ދިވެހި ފުޓުބޯޅައަށް އޭނާގެ ވިސްނުން ހިއްސާކުރިއެވެ.

ސޮބާ އެދެނީ ގައުމީ ޓީމުން އިތުރު ތަށްޓެއް ހޯދުމަށެވެ. ތާރީހުގައި ލިޔެވިގެންދާނެ ކާމިޔާބީއަކަށެވެ. 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ހޯދައިދިން "ރަން ޓީމުގައި" ހިމެނޭ ކޮންމެ ކުޅުންތެރިއެއްގެ އެދުމަކީ ވެސް އެއީއެވެ. ކޮންމެ ދިވެއްސެއް ވެސް ބޭނުންވަނީ އަނެއްކާވެސް "މިއީ އަހަރެމެންގެ ފަހަރަށް" ހަދާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒުލްފިގާރު.

    މިހާތަނަށް މި ސަރހައްދުގެ ފުޓްބޯލަ މުބާރާތެއްގެ އެންމެ ރަނގަޅު ޓީވީ ކަވރޭޖް އެއް ހެދީ 2008 ވަނަ އަހަރު ޓީވީއެމް އިން. މިއީ ޓީވީއެމް ވެގެން ބުނާ ވާހަކައެއްނޫން. މިއީ މި މުބާރަތުގެ ޓީވީ ރައިޓްސް ގަނެފައިވާ ފަރާތުގެ ބަހެއް. އަދި މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ގައި ބޭނުންކުރި އެންމެ ގިނަ ކެމެރާ ބޭނުން ކުރި 2008 ގައި. އަދި މި މުބާރަށް ކާމިޔާބު މުބާރަތށް ހެދުމަށް " މިއީ އަހަރުމެންގެ ފަހަރު" މި ޝިއާރު ގައި ޓީވީ ކަވަރޭޖް ގެ މަސައކަތް ކުރިޔަށް ގެންދަން ފެށީ ޓީވީއެމް އިން. އޭގެ ފަހުން ގައުމީޓީމް މި ޝިއާރު ހިފައިގެން ތެދުވީ

  2. ދިވެހި މީހާ

    އަރޓިކަލް ކިޔަމުންދިޔައިރު އެ ހަނދާންތައް ދިޔައީ ކުރިމަތީގައި ސިފަވަމުން،ގައިން ހީބިހިނަގަމުން ،އަރޓިކަލް ނިމާލިއިރު ހުރީ ފެންކަޅިވެފަ. ހިތައް އެރީ އަދިވެސް އެ ޖޯޝު މި ހަށިގަޑުގަ އެބަހުރިތާ ދޯއޭ..ކިހިނެއް ވެފަ ބާއޭ މިހުރީ..ފެހި،ރަތް،ހުދު ނޫން ކުަލައެއް ބޭނުމެއްނޫންތާއޭ..ކުރިޔައް ދިވެހި ގައުމު - ކުރިޔައް ދިވެހީން