ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި، އެއް ޕޮއިންޓް ތަފާތުން ޖަޕާނު އަތުން ބަލިވެއްޖެއެވެ.

މެލޭޝިއާއަކީ ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ފެވަރިޓުންނަށްވާ އިރު، އިއްޔެ ރާއްޖެއިން ކުޅުނު މެޗުގައި މެލޭޝިއާ އަތުން ބަލިވީ ބޮޑު ތަފާތަކުންނެވެ. މިއަދުގެ މެޗުން މޮޅުވެ، ރާއްޖެއަށް ޕްލޭޓް ގްރޫޕިންގައި ދެވަނަ ބުރުގައި ވާދަކުރުމުގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް، މިއަދުގެ މެޗުން 35-34 ޕޮއިންޓުން ބަލިވެ، ދެވަނަ ބުރުގައި ރާއްޖެ ވާދަކުރަން ޖެހޭނީ ބޯލް ގްރޫޕިންގައެވެ.

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ޖަޕާން ވާދަުކުރި މެޗުގެ ތެރެއިން ---

މިއަދުގެ މެޗުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު، ސްކޯއަކީ ޖަޕާން 15، ރާއްޖެ 10އެކެވެ. އެހެން ނަމަވެސް ދެވަނަ ކުއާޓާގައި ރާއްޖޭގެ ޓީމުން ވަނީ މޮޅަށް ކުޅެ، 7-5 ޕޮއިންޓުން ކުރީގައި އޮވެ ނިންމާލައިފައެވެ. ތިންވަނަ ކުއާޓާގައިވެސް ކުރީގައި އޮތީ ރާއްޖެއެވެ. އެ ކުއާޓާ ނިންމާލީ 10-8 ޕޮއިންޓުންނެވެ.

ޖަޕާނުން މެޗުން މޮޅުވީ ފައިނަލް ކުއާޓާގައި ތިން ޕޮއިންޓްގެ ލީޑެއްގައި އޮވެ މެޗު ނިންމާލައިގެންނެވެ. ފައިނަލް ކުއާޓާ ނިމުނީ 10-7 ޕޮއިންޓުންނެވެ.

ދެވަނަ ބުރުގައި ރާއްޖެ ހިމެނެނީ ގްރޫޕް ޖީގައެވެ. އެ ގްރޫޕްގައި ރާއްޖެއާއެކު ހިމެނެނީ ޗައިނީސް ޓައިޕޭއާއި ޕާކިސްތާނުގެ އިތުރުން ފިލިޕީންސެވެ. ދެވަނަ ބުރުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ ޗައިނީސް ޓައިޕޭއާ ދެކޮޅަށެވެ.

ސިންގަޕޫރުގައި މި މަހު އެކަކުން ނުވަޔަކަށް ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ޖުމްލަ 16 ގައުމަކުން ވާދަކުރެއެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، ފުރަތަމަ ބުރުގައި ރާއްޖެ ހިމެނުނީ ގްރޫޕް އޭގައެވެ. ދެވަނަ ބުރުގައި ގްރޫޕްތައް ބަހާފައި ވަނީ ހަތަރު ގްރޫޕްގެ ނަތީޖާތަކަށް ބަލައި، ޓީމުތައް ސީޑު ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު