ޅޮހީ ޕީސް ކުލަބުގެ ފަރާތުން އިސްނަގައިގެން ބާއްވާ ޕީސީ ސޮކާ ކަޕްގެ ޗެމްޕިއަންކަން ބޯއީޒް ހޯދައިފިއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ބޯއީޒް ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި އެކްސީޑު ބަލިކޮށްގެންނެވެ. އެ މެޗު ބޯއީޒްއިން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ.

މެޗުގައި އެކްސީޑުން ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ އަލީ އަކްޝާމެވެ. ބޯއީޒްއިން ޖެހި ތިން ގޯލްގެ ތެރެއިން އެއް ގޯލް އެކްސީޑުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަދެފައިވާ އިރު، އަނެއް ދެ ގޯލް ޖަހައިދިނީ މައުރޫފް އަދި މުހައްމަދު އިހުސާނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އެކްސީޑުގެ އަލީ އަކްޝާމް ހޮވުނު އިރު، މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވުނީވެސް އެޓީމުގެ ހަސަން ޔާސިރެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ނަރުކަނޑާގެ މުހައްމަދު އިމާދު ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައި ވަނީ ބޯއީޒްގެ މުހައްމަދު ނައީމް އިބްރާހީމް ދީދީއެވެ.

ޕީސް ކްލަބުގެ ފަރާތުން ބޭއްވި ޕީސީ ސޮކާ ކަޕްގައި މިފަހަރު ހަތަރު ޓީމަކުން ވާދަކޮށްފައިވެއެވެ. އެ މުބާރާތް ޅޮހީގައި ބާއްވަނީ ޅޮއްސަކީ ހުނަރުވެރި ކުޅުންތެރިން އުފެދޭނެ ރަށަކަށް ހެދުމުގެ އިތުރަށް ޒުވާނުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރުކުރުމުގެ މަގުސަދުގައި ކަމަށް މުބާރާތް އިންތިޒާމުކުރާ ފީސް ކުލަބުން ބުނެފައިވެއެވެ.

ޅޮހީ ޕީސް ކުލަބަކީ އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ އެކި މުބާރާތްތަށް ބާއްވަމުން އަންނަ ކުލަބެކެވެ. އެގޮތުން ފާއިތުވި ތިން އަހަރު ވަނީ ކާމިޔާބު ކަމާއި އެކު ތިން ވޮލީ މުބާރާތް ކުރިއަށް ގެންގޮސްފައެވެ.

ޕީސީ ސޮކާ ކަޕްގެ މެއިން ސްޕޮންސަރަކީ ޅޮހީ ކައުންސިލްއެވެ. އަދި ކޯ ސްޕޮންސަރުންނަކީ އޭވީއީ، ނޯތް ރީފްއެވެ. އަދި އިތުރު ސްޕޮންސަަރުންގެ ތެރޭގައި ހިމެނެނީ އެކްސީޑް، ރިއަލް އިންވެސްޓްމެންޓް، އަރޯމާ ކެފޭ، ނިއު ވިއު މަނަދޫއެވެ. މި މުބާރާތުގެ ޑިޒައިން ޕާޓްނަރަކީ ޑިޒައިނާސްއެެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަގުތު އެމްވީ" އެވެ.