ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނާއި ޖަޕާނުގެ ފުޓުބޯޅަ ފެޑެރޭޝަނާ ގުޅިގެން ކުރިޔަށް ގެންދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިިއަންޝިޕްގެ ފުރަތަމަ ބުރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސް ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެފައިވާ އިރު، މެޗުގައި ފެނިގެންދިޔަ ދެ ގޯލްވެސް ފެނުނީ ދެވަނަ ހާފްގެ ފަހުކޮޅުގައެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، މިހާތަނަށް މުބާރާތުގައި މާޒިޔާއަށް ކުޅެފައިވާ ދެ މެޗުން އެޓީމަށް ލިބިފައި އޮތީ އެންމެ ޕޮއިންޓެކެވެ. އަދި އީގަލްސް ވަނީ ފުރަތަމަ މެޗުގައި ނިއު ބަލިކޮށް، ދެވަނަ މެޗުގައި ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށް، ހަތަރު ޕޮއިންޓް ހޯދައިފައެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސްއާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މިއަދުގެ މެޗުގެ ފުރަތަމަ ހާފް ނިމިފައި ވަނީ 0-0ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. ދެވަނަ ހާފްގެވެސް ފުރަތަމަ ކޮޅުގައި ގޯލެއް ފެނިފައި ނުވާ އިރު، މެޗުގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ 77 ވަނަ މިނެޓުގައެވެ. މާޒިޔާއަށް އެ ގޯލް ކާމިޔާބުކޮށްދިނީ އިބްރާހީމް އަމްރު ޒިޔާއެވެ.

މާޒިޔާއިން މެޗުން މޮޅުވާން ދަނިކޮށް، މެޗުގެ ފަހު މިނެޓުގައި އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އީގަލްސްއަށް ގޯލް ޖަހައިދިނީ ހައިޝަމް ހަސެނެވެ.

މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ހަތަރު ޓީމަކުންނެވެ. މުބާރާތް ލީގު އުސޫލުން ކުރިއަށްދާ އިރު، ފައިނަލް ދަތުރުކުރާނީ ލީގުގެ ދެ ބުރު ނިމޭއިރު، އެންމެ ގިނައިން ޕޮއިންޓް ހޯދައިފައިވާ ދެޓީމެވެ.

މީގެ ކުރިން 23 އަހަރުން ދަށަށް އަމާޒުކޮށް ޔޫތު ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައިވާ އިރު، މިއަހަރަކީ އެ މުބާރާތް 19 އަހަރުން ދަށަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ފުރަތަމަ އަހަރެވެ. މުބާރާތުގައި މިހަތާނަށް އެންމެ ކާމިޔާބު ޓީމަކީ އީގަލްސްއެވެ. އެންމެފަހުން ތިން އަހަރުންވެސް ޗެމްޕިއަންކަން ހޯދީ އީގަލްސްއެވެ.