ކްރިސްޓިއާނޯ ރޮނާލްޑޯ ދިޔުމުން ރެއާލް މެޑްރިޑް ބަލިކަށި ވެފައިވާ ކަމަށް ބާސެލޯނާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ބުނެފިއެވެ.

ރެއާލް ދޫކޮށްލުމަށްފަހު ޕޯޗުގަލް އަށް އުފަން ރޮނާލްޑޯ 99 މިލިއަން ޕައުންޑުގެ އަގަކަށް ބަދަލުވެފައިވަނީ އިޓަލީގެ ޔުވެންޓަސް އަށެވެ. ރޮނާލްޑޯ ނެތި ސްޕެނިޝް ލީގުގައި ރެއާލް އިން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އެ ތިން މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ.

ފާއިތުވި ސީޒަންތަކުގައި މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަން ސްޕެނިޝް ލީގުގައި ވަރަށް ބޮޑުވިއިރު "ކެޓަލޫނިއާ ރޭޑިޔޯ" އަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ ރެއާލް އަކީ އެންމެ މޮޅެތި ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބެއް ކަމަށާއި އަދި އެ ކްލަބުގައި ރަނގަޅު ސްކޮޑެއް ވެސް އެބައޮތް ކަމަށެވެ. ނަމަވެސް ރޮނާލްޑޯ ދިޔުމުން ރެއާލް ކުރިއަށް ވުރެ ބަލިކަށި ވެފައިވާ ކަމަށް މެސީ ބުންޏެވެ.

އަދި ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވުމުން ޗެމްޕިއަންސް ލީގުގެ ފެވަރިޓުންގެ ތެރޭގައި އެ ކްލަބު މިހާރު ހިމެނޭ ކަމަށްވެސް މެސީ ބުންޏެވެ.

މީގެއިތުރުން މެސީ ވަނީ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވުމުން އެކަމާ ވަރަށް ހައިރާންވިކަން ވެސް ހާމަކޮށްފައެވެ.

"ރޮނާލްޑޯގެ އެ ނިންމުމާ މެދު އަހަރެން ވަރަށް ހައިރާންވި. އަހަރެން ހިތަކަށް ވެސް ނާރާ ރޮނާލްޑޯ ރެއާލް ދޫކޮށްލާނެ އެކޭ. އަދި ޔުވެންޓަސް އަށް ބަދަލުވާނެ އެކޭ ވެސް ހިތަކަށް ނާރާ. ރޮނާލްޑޯ ހޯދަން ބޭނުންވެފަ ތިބި ބައިވަރު ކްލަބުތައް. އެކަމަކު ޔުވެންޓަސް އިން އޭނާ ހޯދަން ބޭނުންވި ވާހަކައެއް އަހަންނެއް ނާހަން. ރޮނާލްޑޯ އެ ބަދަލުވީ ވަރަށް ރަނގަޅު ޓީމަކަށް" މެސީ ބުންޏެވެ.

ޔުވެންޓަސް އާއެކު އިޓާލިއަން ލީގުގައި ރޮނާލްޑޯ މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެ ތިން މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. ނަމަވެސް ރޮނާލްޑޯ އަށް އަދި ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޒީ

    މިއީ މެސީ ބުނި އެއްޗެއްކަމާ މެދު ޝައްކު... ވަގުތަކީ އަބދުވެސް ފޭކް ހަބަރު ގެނައުމަށް މަޝްހޫރު ނިއުސްއަށް...