ސްޕެނިޝް ލީގުގެ ކްލަބެއް ކަމަށްވާ ރެއާލް ވަލަޑޮލިޑްގެ މެޖޯރިޓީ ހިއްސާ ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑޯ ގަނެފިއެވެ.

ވަލަޑޮލިޑަކީ މި ސީޒަނުގެ ސްޕެނިޝް ލީގަށް މުޅިން އަލަށް ޕްރޮމޯޓްވި ކްލަބެއް ކަމަށްވާއިރު ރޮނާލްޑޯ ގަނެފައިވަނީ އެ ކްލަބުގެ 51 އިންސައްތަ ހިއްސާއެވެ. އެއާއެކު އެ ކްލަބުގެ އޯނަރަކަށް ރޮނާލްޑޯ މިހާރު ވަނީ ވެފައެވެ.

ވަލޮޑޮލިޑްގެ އޯނަރުކަމުގެ އިތުރުން އެ ކްލަބުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަން ވެސް އޭނާ ކުރާނެއެވެ. ނަމަވެސް ވަލަޑޮލިޑްގެ ރައީސްގެ މަގާމުގައި ހުންނަވާނީ އެ މަގާމުގައި މިހާރު ވެސް ހުންނެވި ކާލޯސް ސުއަރޭޒްއެވެ.

"ރޮނާލްޑޯ އައުމާއެކު ފުޓްބޯޅައިގެ ޗާޓަށް ވަލަޑޮލިޑް މިހާރު ވަނީ އަރާފަ. އަދި މީގެ ސަބަބުން ފެންވަރުގެ ގޮތުން މި ކްލަބު އިތުރު ހަރުފަތަކަށް ދިޔުމަށް ވެސް މަގުފަހިވެގެންދާނެ" ސުއަރޭޒް ވިދާޅުވިއެވެ.

ވަލަޑޮލިޑްގެ އޯނަރުކަމާއި ހަވާލުވުމަށްފަހު ރޮނާލްޑޯ ވިދާޅުވީ މި މަގާމަށް ތައްޔާރުވުމަށް އޭނާގެ ފުޓްބޯޅައިގެ ކެރިއަރުގައި ވަރަށް ގިނަ ސްޓޭޖުތަކެއް ގިރާކޮށްފައިވާ ކަމަށާއި އަމާޒަކީ މުބާރާތްތަކުގައި ވާދަކުރުމަށް ވީހާވެސް ރަނގަޅު ޓީމެއް ބިނާކުރުން ކަމަށެވެ. އަދި މި ޕްރޮޖެކްޓަށް ވަލަޑޮލިޑްގެ ސަޕޯޓަރުންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށް ރޮނާލްޑޯ ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓުގައި ބައިވެރިވުމަށް ސަޕޯޓަރުންނަށް ދައުވަތު އަރުވަން. އަހަރުމެންނަށް ހިޔާލުތަކާއި ފާޑުކިޔުންތަކާއި އުއްމީދުތައް ދީ. އަހަރެން ބޭނުން މި ކްލަބުގެ މިހާރާއި މުސްތަގުބަލުގެ ބައިވެރިއަކަށް ވާން. އަހަރުމެން އެކުގައި ކުރާ މަސައްކަތުން ކުރިއަށް އޮތް ތަނުގައި ވަލަޑޮލިޑް ބަލިކުރުން ވާނީ އުނދަގޫ ކަމަކަށް" ބްރެޒިލް އާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ވިދާޅުވިއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ރޮނާލްޑޯ ވަނީ އޭނާގެ 18 އަހަރުގެ ފުޓްބޯޅަ ކެރިއަރުގައި މަޝްހޫރު ގިނަ ކްލަބުތަކަކަށް ކުޅެފައެވެ. އޭގެތެރޭގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އިންޓަ މިލާން އަދި އޭސީ މިލާން ހިމެނެއެވެ.

ވަލަޑޮލިޑްގެ އޯނަރުކަން ރޮނާލްޑޯ އަށް ލިބުނުއިރު، މި ސީޒަނުގެ ސްޕެނިޝް ލީގުގައި ކުޅުނު ތިން މެޗުން ވެސް އެ ކްލަބަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ވަލަޑޮލިޑް މިވަގުތު އޮތީ ލީގުގެ 16 ވަނައިގައެވެ.