ފަހު ވަގުތު ނޭޕާލްގެ މައްޗަށް 1-2 އިން ކުރި ހޯދައި ސާފް ޗެމްޕިއަންޝިޕްގެ ފެށުން ޕާކިސްތާނުން ރަނގަޅުކޮށްފިއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަންދުބަންދު ނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް ޕާކިސްތާނުންނެވެ. މެޗުގެ 36 ވަނަ މިނެޓްގައި ޕާކިސްތާނަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ރިޔާޒްއެވެ. މި ޕެނަލްޓީ ޕާކިސްތާނަށް ލިބުނީ ނޭޕާލްގެ ކެޕްޓަން ބިރާޖް މަހަރްޖަން ޕާކިސްތާނުގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ފުރަތަމަ ހާފްގައި ޕާކިސްތާނުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ހާފްގެ ފަހު މިނެޓްގައި ނޭޕާލްގެ ސުމަން އަރްޔާލް އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ޕާކިސްތާނުގެ ކީޕަރު ޔޫސުފް ބަޓް ވަނީ ދިފާއުކޮށްފައެވެ.

އެ ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 83 ވަނަ މިނެޓްގައި ބިމަލް ގާތީ މަގަރް ވަނީ ނޭޕާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ޕާކިސްތާނުގެ މުހައްމަދު އަލީ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ޕާކިސްތާނާއި ނޭޕާލް ހިމެނެނީ ގްރޫޕް އޭ ގައި ކަމަށްވާއިރު މި ގްރޫޕްގައި ދެން ހިމެނެނީ ބަންގްލަދޭޝް އާއި ބޫޓާންއެވެ. މުބާރާތުގެ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނޭޕާލް ނިކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.

މުބާރާތުގައި މިރޭ ރާއްޖެގަޑިން ހަޔެއް ޖަހާއިރު ވެސް މެޗެއް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ބޫޓާންއެވެ.