އެންޖަރީގައި ހުރުމުން މެޗް ނުކުޅުވުނަސް، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ނޭމާ ނުލައި ވެސް ރެއާލް މެޑްރިޑް ބަލިކުރެވޭ ފެންވަރު ޕީއެސްޖީގެ އެބަހުރި ކަމަށް އެ ޓީމުގެ ފުލްބެކް ޑެނީ އަލްވޭސް ބުނެފި އެވެ.

ޕީއެސްޖީ އަށް ކުއާޓާގެ ޖާގައެއް ކަޝަވަރުވާނީ މިރޭ ގެ މެޗުން ސީދާ ދެ ލަނޑުގެ ތަފާތުން މޮޅުވެގެން އެވެ. އެ ޓީމުގެ ކުރިން ބާސެލޯނާ އާއި ޔުވެންޓަސް އަށް ކުޅުނު އަލްވިސް ބުނީ ނޭމާ ނެތަސް އެ ޓީމު ގޮތް ހުސްނުވާ ކަމަށެވެ.

"އަަހަރެމެން ގޮތް ހުހެއް ނުވޭ. ނޭމާ ނެތްތަން ދައްކާނެ. އެކަމަކު އެއީ އަހަރެމެންނަށް ދުނިޔެ ނިމުމެއް ނޫން. މިއީ ކޮޅަށް ތެދުވެ ޕީއެސްޖީގެ ފެންވަރު ސާބިތުކޮށްދޭންވީ ވަގުތު. މުޅި ޓީމު އޮތީ އެ ރޫހުގައި،" އަލްވެސް ބުންޏެެވެ.

އޭނާ ބުނީ އަމިއްލަ ދަނޑުގައި ކުޅޭއިރު މި މެޗުން ޕީއެސްޖީ ބޭނުންވާ ނަތީޖާ ނެރުމަށް ސަޕޯޓަރުންގެ އެހީ ވަރަށް މުހިއްމު ކަމަށެވެ.

"މެޑްރިޑް ދަނޑުގައި އެ ޓީމަށް ވެސް ބޮޑަށް ލިބުނު އެޑްވާންޓޭޖަކީ ސަޕޯޓަރުން. އަހަރެމެން ވެސް ބޭނުން އަމިއްލަ ދަނޑުގައި އެ އެޑްވާންޓޭޖް ނަގަން. މި ކަހަލަ ޕްރެޝަރު މެޗެއްގައި އެއީ ވަރަށް މުހިއްމު ކަމެއް،" އަލްވެސް ބުންޏެވެ.

ޕީއެސްޖީން ވަނީ މީގެ ކުރިން ފުރަތަމަ ލެގުގައި ރެއާލް އަތުން 3-1 އިން ބަލިވެފައި އޮއްވައި ދެ ވަނަ ލެގުގައި ނަތީޖާ އަނބުރާލައިފަ އެވެ. އެއީ 1993 ވަނަ އަހަރުގެ ޔުއެފާ ސުޕަ ކަޕްގެ ކުއާޓާ ފައިނަލުގަ އެވެ. އެ ފަހަރު ދެ ވަނަ ލެގުން ޕީއެސްޖީ މޮޅުވީ 4-1 އިންނެވެ. އެ މެޗުގައި ޕީއެސްޖީ އަށް އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ މިހާރު ލައިބީރިޔާގެ ރައީސް ޖޯޖް ވެއާ އެވެ.

މިރޭ ޕީއެސްޖީ އާއި ރެއާލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.