ސާފް ސުޒުކީ ކަޕްގައި މިރޭ ކުޅުނު މެޗުގައި ބޫޓާން ބަލިކޮށް، މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްއިން ފެށުން ރަނގަޅުކޮށްފިއެވެ.

ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކާއެކުގައެވެ. އެތައް ހާސް ސަޕޯޓަރުންނާއެކު ކުޅުނު މެޗުން މޮޅުވެ، ބަންގްލަދޭޝުން ވަނީ ގްރޫޕް އޭގެ އެއްވަނައަށް ޖެހިލައިފައެވެ. އެ ގްރޫޕްގައި މިއަދު ކުޅުނު އަނެއް މެޗުގައި ޕާކިސްތާނުން ނޭޕާލް ކައިރިން މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

ވަރުގަދަކޮށް މެޗު ފެށީ ބަންގްލަދޭޝްއިންނެވެ. އެޓީމުން ފުރަތަމަ ކަށިގަނޑާއެކުވެސް އެޓޭކް ކުރަން ވިސްނުން ގެންގުޅުކަން ފާހަގަކޮށްލެވުނެވެ. ހާއްސަކޮށް ސްޕީޑް ރަނގަޅު ކުޅުންތެރިން ކުރިއަށް ކުޅުމުގެ ފައިދާ ނަގަން މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. އަނެއް ކޮޅުން ބޫޓާންގެ ޒުވާން، ތަޖުރިބާ މަދު ޓީމަށް އެކަން ފަސޭހަ ނުވިއެވެ.

މެޗުގައި ލީޑު ނެގުމަށް ބަންގްލަދޭޝްއަށް މާ ގިނައިރެއް ނުނަގައެވެ. މެޗުގެ ދެވަނަ މިނެޓުގައި، ބޫޓާން ޑިފެންޑަރެއް، އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނެލްޓީން ބަންގްލަދޭޝް ލީޑު ނެގިއެވެ. ބާރު ޕެނެލްޓީއަކާއެކު އެޓީމަށް ލީޑު ނަގައިދިނީ ޑިފެންޑަރު ޓޮޕޫ ބާމަންއެވެ.

ޕެނެލްޓީއަށް ފަހުވެސް ނުރައްކާ ކުރީ ބްންގަލަދޭޝްއިންނެވެ. އެހެން ނަމަވެސް އެޓީމަށް ލީޑު ފުޅާކުރެވޭ ގޮތެއް ނުވިއެވެ. ބޫޓާނުންވެސް ހާފް ނިމުމުގެ ކުރިން ބަންގްލަދޭޝްގެ ގޯލަށް ނުރައްކާ ކުރިއެވެ. އެގޮތުން އެޓީމުގެ ތަރި، އިންޑިއާގެ ބެންގަލޫރު އެފްސީއަށް ކުޅެމުން އަންނަ ފޯވަޑް ޗެންޗޯ ޔެލްޓްޝެންގެ ނުރައްކާ ފާހަގަކޮށްލެވުނެވެ. އޭނާއަށް ދެ ފުރުސަތެއް ލިބުނު ނަމަވެސް، އެންމެ އެދެވޭ ގޮތުގައި އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފްގައި އިތުރު ގޯލެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފް ފެށިގެން ދެވަނަ މިނެޓުގައި ބަންގްލަދޭޝްއިން ލީޑު ފުޅާކުރިއެވެ. މަހެބުބޫރު ރަހްމާންގެ ރީތި ގޯލާއެކު ބަންގްލަދޭޝްއިން ލީޑު ފުޅާކޮށްފައިވާ އިރު، އޭގެ ފަހުންވެސް މެޗުގައި އޯގަނައިޒްކޮށް، ވަރުގަދަކޮށް ފެނުނީ ބަންގްލަދޭޝްއެވެ.

މުބާރާތުގެ ގްރޫޕް ބީގެ ކުޅުން މާދަމާ ފަށާ އިރު، މާދަމާ އޮންނަ މެޗުގައި ވާދަކުރާނީ ސްރީލަންކާއާއި އެންމެފަހުގެ ޗެމްޕިއަން އިންޑިއާއެވެ. ރާއްޖެވެސް ހިމެނެނީ އިންޑިއާއި ލަންކާ ހިމެނޭ ގްރޫޕް ބީގައެވެ. ރާއްޖެއާއި ލަންކާ ވާދަކުރާ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގައެވެ.

ގްރޫޕް ބީގައި ބަންގްލަދޭޝްއިން ދެން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ބޫޓާން ކުޅެން ޖެހޭނީ ނޭޕާލާއެވެ.