ޖަރުމަނު ލީގުގެ މެޗުތައް ދުވަހަކު ވެސް އެހެން ގައުމެއްގައި ނުކުޅޭނެ ކަމަށް، އެ ލީގުގެ ޗީފް އެގްޒެކެޓިވް ކްރިސްޓިއަން ސެއިފާޓް ވިދާޅުވެއްޖެއެވެ.

ސެއިފާޓް މިހެން ވިދާޅުވެފައިވާއިރު ސްޕެނިޝް ލީގުގެ ބައެއް މެޗުތައް އެމެރިކާގައި ކުޅުމަށް މިދިޔަ މަހުގެ ތެރޭގައި ވަނީ އެގައުމުގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން މި ސީޒަނުގެ ސްޕެނިޝް ލީގުގެ މެޗެއް އެމެރިކާގައި ކުޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެއީ ކޮން މެޗެއްކަން ސްޕެނިޝް ލީގުން އަދި ކަނޑައަޅާފައެއް ނުވެއެވެ.

ސްޕެނިޝް ލީގުގެ ބައެއް މެޗުތައް އެމެރިކާގައި ކުޅުމަށް ނިންމާފައިވާއިރު، ޖަރުމަނު ލީގުގެ ޗީފް އެގްޒެކެޓިވް ސެއިފާޓް ވިދާޅުވީ އެހެން ގައުމެއްގައި ލީގު މެޗުތައް ކުޅުމަކީ ޖަރުމަނުން ލީގުން، ކުޅުންތެރިންނާއި އަދި ސަޕޯޓަރުންނަށް ދެމުން އަންނަ އިހުތިރާމް ކުޑަވާނެ ކަމެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށާއި އެއީ އެ ލީގުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

"އަހަރުމެން ޖަރުމަނުން ބޭރުގަ ލީގު މެޗުތަކެއް ނުކުޅޭނަން. އެއީ އަހަރުމެން ހުރަސް ކުރާނެ ރޮނގެއް ނޫން" ސެއިފާޓް ވިދާޅުވިއެވެ.

ސްޕެނިޝް ލީގުގެ މެޗުތައް އެމެރިކާގައި ކުޅުމަށް ތައްޔާރުވަމުން އަންނައިރު، މިކަމާ އެ ލީގުގައި ކުޅޭ ބައެއް ކުޅުންތެރިންނާއި އަދި ސްޕެނިޝް ފުޓްބޯލާސް ޔޫނިއަން (އޭއެފްއީ) އިން ވެސް ވަރަށް ބޮޑަށް އަންނަނީ ދެކޮޅު ހަދަމުންނެވެ.

މީގެކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް އިނގިރޭސިވިލާތާއި ވޭލްސް ފިޔަވައި އެހެން ގައުމެއްގައި ކުޅުމަށް މަޝްވަރާ ކުރެވިފައިވެއެވެ. ނަމަވެސް ސަޕޯޓަރުންނާއި މީޑިޔާގެ ފާޑުކިޔުންތަކާ އެކު އެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު