މިދިޔަ ޓްރާންސްފާ މާކެޓުގައި ޗެލްސީ ދޫކޮށްލުމާ މެދު ވިސްނި ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް އަލްވަރޯ މޮރާޓާ ބުނެފިއެވެ.

އުމުރުން 25 އަހަރުގެ މޮރާޓާ ޗެލްސީ އަށް ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ރެއާލް މެޑްރިޑުންނެވެ. މިދިޔަ ސީޒަނުގެ ކުރީކޮޅު މޮރާޓާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ސީޒަނުގެ ވަކި ހިސާބަކުން އޭނާ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައެވެ. އެއާއެކު ވޯލްޑް ކަޕަށް ނެގި ސްޕެއިންގެ ސްކޮޑުން ވެސް މޮރާޓާ އަށް ފުރުސަތު ލިބިފައެއް ނުވެއެވެ.

މިދިޔަ ޓްރާންސްފާ މާކެޓުގައި މޮރާޓާ ގެންނަން އިޓަލީގެ ބައެއް ކްލަބުތަކުން ޝައުގުވެރިވިއިރު ނޫސްވެރިންނައި ވާހަކަދައްކަމުން މޮރާޓާ ބުނީ މިދިޔަ ސީޒަން ފެށިގެން އައީ ވަރަށް ރަނގަޅު ގޮތަކަށް ކަމަށާއި ނަމަވެސް ސީޒަން ނިމުނީ އޭނާ ހީކުރި ގޮތަކަށް ނޫން ކަމަށެވެ. އަދި ކަންތައްތައް ދިޔަގޮތުން ހުރީ އުފަލުން ނޫން ކަމަށާއި އެކަމާ ގުޅިގެން ސްޕެއިން ނޫނީ އިޓަލީ އަށް ބަދަލުވުމާ މެދު ވިސްނި ކަމަށްވެސް މޮރާޓާ ބުންޏެވެ.

"މިދިޔަ ސީޒަން އަހަންނަށް ނިމުނީ ރަނގަޅު ގޮތަކަށް ނޫން. ދަނޑު މަތީގައި ހުންނައިރު އަހަންނަކަށް ނޭނގޭ ހުރެވޭ ތަނެއް ވެސް. އުފަލަކުން ނޫން އަހަރެން ހުރީ. އެ ކަންތައްތަކާ ގުޅިގެން ވިސްނިން އިޓަލީ ނުވަތަ ސްޕެއިން އަށް ދާން ވެސް" މޮރާޓާ ބުންޏެވެ.

ރެއާލް ދޫކޮށްލުމަށްފަހު ޗެލްސީ އަށް ބަދަލުވީ ވޯލްޑް ކަޕްގައި ކުޅުމުގެ އުއްމީދުގައި ކަމަށައި ނަމަވެސް އެކަން ހާސިލުނުވުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު ކަމަށްވެސް މޮރާޓާ ބުންޏެވެ. އަދި ދެން އޮންނަ ވޯލްޑް ކަޕަކަށް ދިޔުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މިދިޔަ ސީޒަނުގައި މޮރާޓާ ޗެލްސީ އަށް 48 މެޗު ކުޅުނުއިރު ކާމިޔާބު ކުރެވުނީ އެންމެ 15 ގޯލެވެ.