ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭ ތިން މެޗަށް ސަސްޕެންޑްކޮށްފިއެވެ.

އުމުރުން 19 އަހަރުގެ އެމްބާޕޭ ތިން މެޗަށް ސަސްޕެންޑް ކޮށްފައިވަނީ ފްރެންޗް ލީގުގައި އެންމެފަހުން ނިމްސްގެ މައްޗަށް ޕީއެސްޖީން 4-2 އިން ކުރި ހޯދި މެޗުގައި ދެއްކި ރަތްކާޑާ ގުޅިގެންނެވެ.

އެ މެޗުގައި އެމްބާޕޭ ގޯލެއް ވެސް ކާމިޔާބުކޮށްފައިވާއިރު އޭނާ އަށް ރަތްކާޑު ދެއްކީ ނިމްސްގެ ކުޅުންތެރިއަކު އެމްބާޕޭ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރުޅި އައިސްގެން އޭނާ ކޮއްޕާލުމާ ގުޅިގެންނެވެ.

ތިން މެޗަށް ސަސްޕެންޑް ކުރުމުން ފްރެންޗް ލީގުގައި ސެއިންޓް އެޓިއެން އާއި ރޭންސް އަދި ރެއިމްސްއާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗުތަކުގައި އެމްބާޕޭ އަށް ނުކުޅެވޭނެއެވެ.

ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި އެމްބާޕޭ ހަތަރު ގޯލު ކާމިޔާބުކޮށްފައިވާއިރު، ޕީއެސްޖީ އޮތީ ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ.