މިވަގުތުވެސް ހުރީ ޓީމާއެކު ބަންގްލަދޭޝްގެ ޑާކާގައެވެ. އެހެން އެއްވެސް ކަމެއްގައެއް ނޫނެވެ. ޓީމަށް ދެވެން އޮތް ހިތްވަރެއް ދިނުމަށެވެ. ޒުވާން ކުޅުންތެރިންނަށް އޭރުވެސް ނަމޫނާއަށް ވި "ރަން ކެޕްޓަން"، މިއަދުވެސް ދައްކަމުންދަނީ އޭރުވެސް ދެއްކި ލާމަސީލު މިސާލެވެ.

އައްސަދު އަބްދުލްޣަނީ އަކީ ފުޓުބޯޅައިގައި ދިވެހިންނަށް އެންމެ ޝަރަފުވެރި އެއް ނަމަވެ. ގައުމީ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީގެ ހުންގާނެވެ. 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި، ހުރިހާ ދިވެހިންގެ ފަރާތުން އުފުލާލަދިން "ރަން ކެޕްޓަނެވެ." ގައުމީ ޓީމާއެކު އައްސަދު ވަނީ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ތިން އަހަރު ކުޅެފައެވެ. 2003 ވަނަ އަހަރުގެ ބަންގްލަދޭޝްގައި ކުޅުނު ފައިނަލްގެ އިތުރުން 2008 އަދި 2009 ވަނަ އަހަރުގެ ފައިނަލެވެ.

އޭރުގެ ހުރިހާ ކަމެއްވެސް އައްސަދުގެ ހަނދާނުގައި ހުރި އިރު، މިއަދު އޭނާ "ވަގުތަށް" ވަގުތު ހުސްކޮށްދިނީ 2008 ވަނަ އަހަރުގެ ރަން ހަނދާންތައް ހިއްސާ ކުރުމަށެވެ.

ޓީމުގެ ތައްޔާރީތަކުގެ ތެރެއިން ޖެހުނު މައްސަލަތައް - ހައްލު ކުރުމަށް ކުރި ބުރަ މަސައްކަތް

އައްސަދާއި ހާނިމް ގައުމީ ޓީމަށް މަރުހަބާ ކިޔުމުގައި --- ފޮޓޯ/ އެފްއޭއެމް

މުބާރާތެއްގެ ތަށްޓާ ހަމައަށް ދިއުމަކީ ގޮންޖެހުން ގިނަ މަރުހަލާއެކެވެ. ހާއްސަކޮށް، ޓީމުގެ ގުޅުމާ، އެކުވެރިކަން ހިފެހެއްޓުމަކީ ބުރަ ބޮޑު މަސައްކަތެކެވެ. ކެޕްޓަނެއްގެ ހައިސިއްޔަތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދިވެހި ޓީމު އެކަތި ގަނޑަކަށް ހަދަން އެންމެ މުހިއްމު ރޯލެއް އަދާކުރި އެކަކީ އައްސަދެވެ.

"ޓީމު ތައްޔާރުވާން ދުވަސްތަކެއް ލިބުނު. އެކަމަކުވެސް، ގައުމީ ޓީމަށް ވަރަށް ގިނަ ކަންތައްތަކެއް ދިމާވި އަހަރެއް 2008 ވަނަ އަހަރަކީ. އެ ހުރިހާ ކަމަކާއެކުވެސް މުބާރާތަށް ދިޔަ އިރު، ޓީމު އޮތީ އެއް އާއިލާއެއް ގޮތަށް، ބަދަހި ގުޅުމަކާއެކު ތައްޔާރުވެފަ. މުބާރާތުގެ ކުރިން ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި. ޓީމެއްގެ ސިފަ ގެއްލި. ޓީމުގެ އެތެރޭންނާ ބޭރުންވެސް ވަރަށް ގިނަ ކަންތައްތަކެއް ދިމާވި. ކޯޗިން ސްޓާފުންނާ ދޭތެރޭވެސް މައްސަލަތަކެއް އުފެދި. ކޯޗިން ސްޓާފުންވެސް ޓީމު ދޫކޮށް ދާ ހިސާބުގައި އޮތީ. އެކަމަކު ތައްޔާރީތައް ރަނގަޅު ކަމުން މުބާރާތަށް ދިޔަ އިރު، ޓީމު އޮތީ އެކައްޗެއްގެ ގޮތުގައި،" އައްސަދު މުބާރާތުގެ ތައްޔާރީތަކުގެ ވާހަކަ ފެށިއެވެ.

ނިއު ރޭޑިއަންޓް އޭއެފްސީ ކަޕް މެޗެއްގައި އަތް ބިންދައިގެން ގޮސް، އެކަމަށް ފަރުވާ ހޯދަމުން ދިއުމުން އައްސަދަށް ޓީމާއެކު ހުރިހާ ވަގުތެއް ހޭދަނުކުރެވުނު ނަމަވެސް، އޭނާ ދިޔައީ ކުޅުންތެރިންގެ ޝަކުވާ އަޑުއަހަމުންނެވެ. ޓީމުގެ ކުޅުންތެރިން ބަސް އަޑުއަހާ ކޯޗާ މަޝްވަރާކޮށް، ޓީމު ހަމައަކަށް އެޅުވުމަށް ބަލި އެނދުގައި އޮވެގެންވެސް އައްސަދު އޭނާގެ ޒިންމާ އަދާކުރިއެވެ.

އައްސަދު ބުނީ ޓީމު ތެރޭގައި ބައެއް މައްސަލަތައް އުޅުނު ނަމަވެސް، އަބަދުވެސް މުބާރާތަކަށް ދާން ޖެހޭނީ އެކައްޗެއް ކިޔައިގެން ކަމަށާއި، ގައުމު ރަމްޒު ކުރަން ނުކުންނަ އިރު، އެހެން އެއްވެސް ވިސްނުމެއް ގެންގުޅެގެން ނުވާނެ ކަމަށެވެ.

"ޓީމުގައި އަބަދުވެސް ބައެއް މައްސަލަތައް ދިމާވާނެ. އަންނަ ކޯޗުންނާވެސް ހިތްހަމަ ނުޖެހިދާނެ. އެއީ ބައެއް ކޯޗުންނަކީ އެމީހުންގެ ވަކި އުސޫލުތަކެއް ހިފަހައްޓަން ބޭނުންވާ ބައެއް. ވަކި ކަހަލަ ހަރިކަށި އުސޫލުތައްވެސް ބައެއް ކޯޗުން ގެންގުޅޭނެ. އެހެންވީމަ މިޒާޖުގެ ގޮތުން ބައެއް ކޯޗުން ތަފާތު ވާނެ. މީގެ ކުޅުންތެރިންގެ ޒިންމާއަކީ އެ ހުންނަ ކޯޗަކަށް ހޭނުން. ކޯޗެއް ކުޅުންތެރިންގެ ގޮތަކަށް ބަދަލެއް ނުވާނެ. އެއީ ގަބޫލުކުރާ އުސޫލެއް ނޫން. އެ ކޯޗަކު އައީމަ އެ ކޯޗެއްގެ އުސޫލު ދަސްކުރަން ޖެހޭ،" އައްސަދު އޭނާގެ މުހިއްމު ތަޖުރިބާއެއް ހިއްސާކުރިއެވެ.

ކުޅުނީ ޔަގީން ކަމާއެކު - އަބަދުވެސް ބުނަން ޖެހޭ ބަސް ބުނި

އަލީ އުމަރު އަދި ސޮބާވެސް ތަށްޓާއެކު އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

"އެ ދުވަސް މިހާރު ފެނުނަސް ގައިން ހީބިހި ނަގާވަރުވޭ. އެންމެ ބޮޑު އެއް ކަމަކާ ރަތްޔިތުންގެ ފަރާތުން ލިބުނު ހެޔޮ ދުއާއާ ލޯބި. އެކަން ދުވަހަކުވެސް ހަނދާން ނުނެތޭނެ. މެޗެއް ނިންމާފަ އަންނަ އިރު، ބަލިވި ނަމަވެސް ލިބުނު ސަޕޯޓް. އެއީ ކާމިޔާބާ ހަމައަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު. އެކަމަކު ޓީމަށްވެސް ކޮންފިޑެންސް އޮތް. އަޅުގަނޑުމެން ތިބި ހޮޓަލުން ނުނުކުންނަން ޔަގީންކަމާއި އުންމީދާ އެކުގައި ނޫނިއްޔާ. އެއީ ގަބޫލުކުރި ގަބޫލުކުރުމަކުން، މުޅި ޓީމުގެ ގުޅުން،" އައްސަދު 2008ގެ ސާފް ޗެމްޕިއަންޝިޕްގެ ވާހަކަ ފެށި ހިސާބަކީ މިއީއެވެ.

އޭރުގެ ޓީމުން ތަށި ނޫން އެއްވެސް އެއްޗަކަށް އުންމީދު ނުކޮށް ނުކުތުމަކީ 2008 ވަނަ އަހަރުގެ މުބާރާތަށް އައި ތަފާތު ކަމަށް އައްސަދު ބުންޏެވެ. މިހާރު އޮތް ޓީމަށްވެސް ގެނެވޭނެ ތަފާތަކީ އެއީ ކަމަށްވެސް އައްސަދު ފާހަގަކުރިއެވެ.

ރާއްޖެއިން ތަށި ހޯދި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގައި ކުޅުނު ގްރޫޕް ސްޓޭޖު ތިން މެޗުގެ ތެރެއިން ރާއްޖެ މޮޅުވީ ދެ މެޗުންނެވެ. ބަލިވީ އިންޑިއާ އަތުންނެވެ.

"އިންޑިއާ އަތުން ބަލިވެގެން ހޮޓަލަށް ވަންނަން ދިޔަ އިރުވެސް، ބޮޑު މޭޒު ޖަހާފަ އެތާ ދޮރުމަތީ ކާން ހަދާފަ، ދިވެހި އެތައް ބަޔަކު ޓީމަށް ހިތްވަރު ދޭން ގޮސް ތިބި. މިދިޔައީވެސް ބަލިވެގެން. ބަލިވީމަ މި ޖެހުނީ ސެމީ ކުޅެން ލަންކާއަށް ދާން،" އޭރު ދިވެހިންގެ ފަރާތުން ޓީމަށް ދިން ލޯބި އައްސަދު ކިޔައިދިނެވެ.

ސަޕޯޓަރުން ޓީމަށް ދިން ޔަގީންކަން ޓީމުގައިވެސް އޮތެވެ. އެ ދުވަހު މެޗު ނިންމާފަ، ހުރިހާ ކުދިން އެއްކޮށްފަ ކެޕްޓަން އައްސަދު ބުނި ވާހަކައިވެސް އެކަން ސާފުވެއެވެ.

"އިންޑިއާ މެޗު ނިންމާފަ އަޅުގަނޑު ބުނި ފުރަތަމަ ވާހަކައަކީ މިއަދު ގައުމުގައި ސެމީ ކުޅެގެން ތަށި ލިބެން ނެތިއްޔޭ. ތަށި ބަލާ އެހެން ގައުމަކަށޭ ދާންވީ. އެހެންވީމަ އެ ވިސްނުމޭ އިންޑިއާ މެޗުން ބަލިވި އިރުވެސް އިނީ. ސިކުނޑިއަކަށް ނައި އެނޫން އެހެން ވާހަކައެއް. ކުޅުންތެރިން ކައިރީގަވެސް ނުބުނަން އެނޫން ވާހަކައެއް. ބަލިވެގެން، ފެއިލް ވެގެން ނިންމާލަން ބޭނުން ނުވި އެހިސާބުންވެސް. ރައްޔިތުންވެސް ތިބީ އެގޮތުގައި. ސަޕޯޓް ކުރުމުގެ ގޮތުން ހިތްހަމަ ޖެހޭ ފަދަ ބަހެއް ނޫނިއްޔާ ނީވޭ،" އައްސަދު އޭރުގެ ހަނދާންތައް ހިއްސާކުރިއެވެ.

ލަންކާގައި ސެމީގެ މެޗަށް ނުކުތް އިރު، މުޅި ދަނޑުގައި އޮތީ ހުސް ދިވެހި ސަޕޯޓަރުންނެވެ. އެހިސާބުން އަމިއްލަ ގައުމުގެ އިހުސާސް ކޮށްލެވުނު ކަމަށް އައްސަދު ކިޔައިދިނެވެ. ސެމީ ފައިނަލުން މޮޅުވި އިރުވެސް ޓީމުގައި މުސާރައިގެ މައްސަލައެއް އޮތް ކަމަށާއި، އެކަން ހައްލުކުރަންވެސް ރަނގަޅު ވަގުތު ހިޔާރު ކުރިކަމަށް އައްސަދު ކިޔައިދިނެވެ. އޭރު ގައުމީ ޓީމަށް މުސާރު ކުޑަވުމުން ކުޅުންތެރިން ވިސްނީ ފައިނަލްގެ ކުރިން މުސާރަ ބޮޑުކޮށްދޭން އެދުމަށް ކަމަށް ނަމަވެސް، އެދުވަހު ކުޅުންތެރިން ކައިރީގައި އައްސަދު ބުނީ އެވާހަކަ ދައްކާނީ ފައިނަލް މެޗުން މޮޅުވުމަށް ފަހުގައި ކަމަށެވެ.

ތަށި ލިބުނު ވަގުތާއި - ރާއްޖެއިން ކީ މަރުހަބާ

ޓީމަށް މަރުހަބާ ކިޔުމަށް މާލެއަށް މީހުން ޖަމާވެފައި --- ފޮޓޯ/ ފްލިކާ

އިންޑިއާއާ ދެކޮޅަށް ކުޅުނު 2008 ވަނަ އަހަރުގެ ފައިނަލްގެ ފަހު ވަގުތު ކޮޅަކީ ދިވެހީންގެ ހިތް އަވަސްވެ، މުޅި ރާއްޖެއަށް ވަގުތު ކުޑަތަންވި ވަގުތު ކޮޅެކެވެ.

"ޓޫކިލޯ ގޯލް ޖެހި ގަޑީގައި ނޭނގުނު ކުރެވުނު އިހުސާސެއްވެސް. ގަބޫލުވެސް ނުކުރެވޭ ފުރަތަމަ. ދެން ހުރީ މެޗު ނުނިމިގެން. މެޗު ނިމުނު ހިސާބުން އެ ކުރެވުނު އިހުސާސް މިހެން އިނދެ ކިޔައިދޭންވެސް އުނދަގޫ. ރޮވެންވެސް ރޮވުނު. ހެވެންވެސް ހެވުނު،" ފައިނަލް މެޗުގެ ފަހު ކަށި ގަނޑާއެކު އައްސަދަށް ކުރެވުނު އިހުސާސް މިއަދު އޭނާއަށް ކިޔައިވެސް ނުދެވެއެވެ.

"ވަގުތަށް" ވާހަކަ ދައްކަމުން އޭނާއަށް އެވާހަކަތައް ކިޔައިދޭންވެސް އުނދަގޫވިއެވެ. މޫނު މައްޗަށް އައި ކުލަވަރުންވެސް، ކާމިޔާބީގެ ބޮޑުކަން ފެނުނެވެ. އެ ދުވަހު އައްސަދާއެކު ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް އުންމީދެއް ހަގީގަތަކަށްވީއެވެ. ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނިގެން، ކުޅެން ފުރުސަތު ހޯދައި، ތަށްޓެއް ދިވެހިންނަށް ގެނެސްދިނުމަކީ ހުރިހާ ކުޅުންތެރިންގެވެސް އުންމީދެވެ.

ތަށި ލިބިގެން ލަންކާގައި ތިބި އިރުވެސް ރާއްޖެއިން ކިޔާނެ މަރުހަބާއަކަށް މުޅި ޓީމުވެސް އިންތިޒާރު ކުރިއެވެ. ދިވެހިން އެކަމަށް ތައްޔާރުވި ނަމަވެސް، ފެންނާނެ މަންޒަރު ސިފަ ނުކުރެވޭ ކަމަށް އައްސަދު ކިޔައިދިނެވެ.

"މުޅި މާލެ އެއްކޮށް މަގުތަކަށް ނުކުމެ، ރަތް ކުލައިގައި އުފާފާޅުކުރަމުންދާ ކަމަށް ބުންޏަސް، އޭރު އަދި އެއްކޮށް ސިފައެއް ނުވޭ. އެކަމަކު މާލެ އައިސް ފޭބި އިރު، ކަނޑު މައްޗާ، މުޅި އެއާޕޯޓާ، ހުރިހާ ރަށްތަކުން ދިން ލޯބި ފެނުމުން ހަމަ އުފަލުން ގޮސް ރޮވުނު. ހަގީގަތުގައިވެސް ހިއެއް ނުކުރަން، ރާއްޖޭގެ ރައްޔިތުން ކުޅިވަރުގެ ތެރެއިން، ފުޓުބޯޅައިގެ ތެރެއިން ދާނެ ކަމަކަށް. އެއީ އުފާވެރި މަންޒަރެއް،" އައްސަދު ބުންޏެވެ.

އައްސަދަށްވެސް، މުޅި ދިވެހި ޓީމަށްވެސް ތަޖުރިބާ ކުރެވުނީ ލޯތްބާއި އިހުތިރާމްގައި ދިވެހިންގެ އެހެން ދަރަޖައެކެވެ. އޭރު މަގުމަތިންވެސް ބައްދާލާފަ މަރުހަބާ ނުކިޔާ މީހެއް ނެތެވެ. ދިވެހިން ކުޅިވަރަށް ކުރާ ލޯތްބާއި، ދިވެހިން ކުޅިވަރު ކުޅޭ މީހުންނަށް ކުރާ އިހުތިރާމް އެދުވަހު ފެނިގެންދިޔައެވެ. އެ ފަހުރާއި ޝަރަފު އެދުވަހު ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނު ކަމަށްޓަކައި އަބަދުވެސް ޝުކުރުވެރިވާ ކަމަށާއި ކާމިޔާބީގެ ހިއްސާވާ އެންމެ ބޮޑު ބަޔަކީ ސަޕޯޓަރުން، ލޮބުވެތި ރައްޔިތުން ކަމަށްވެސް އައްސަދު ބުންޏެވެ.

އަޝްފާގަކީ އޭރުވެސް އެންމެ މުހިއްމު ކުޅުންތެރިޔާ - މިއަދުގެ ޓީމަށް ދޭނެ ނަސޭހަތް

އޝްފާގާއި އޮއްޕް ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަަހަރުގެ ތަށްޓާއެކު --- ފޮޓޯ/ އިމޭޖްސް އެމްވީ

އޭރުގެ ސާފް ޗެމްޕިއަންޝިޕްގެ ހަނދާންތަކުގެ ތެރެއިން އައްސަދު ހާއްސަ ކަމެއް ފާހަގަކޮށްލިއެވެ. ޓީމަށް އަލީ އަޝްފާގު (ދަގަނޑޭ)ގެ މުހިއްމު ކަމެވެ. މިއަދު ޓީމުގައި އޭނާ ނެތަސް، ދަގަނޑޭއަށް އިހުތިރާމް ކުރާ ކަމަށް އައްސަދު ހާއްސަކޮށް ފާހަގަކޮށްލިއެވެ.

"ފާހަގަކޮށްލަން ބޭނުން، މިއަދު ޓީމުގައި އަޝްފާގު ނެތް ނަމަވެސް، 2008 ވަނަ އަހަރު މުބާރާތުގައި މުބާރާތް ކާމިޔާބު ވުމުގައި އެއީ ވަރަށް ބޮޑު ހިއްސާއެއް. އެއީ އެއްވެސް ގޯލެއްވެސް ނުޖަހާ. އެކަމަކު ޓީމެއްގެ ސިފަ އައިސް، ޓީމަށް އެންމެ ފައިދާ ހުރި ގޮތުގައި އޭނާ ބޭނުން ކުރެވުނު. އޭނާގެ ބުރަ މަސައްކަތާއި، ކުޅުނު ކުޅުމާއެކު ދެން ތިބި ކުޅުންތެރިން ގޯލްވެސް ޖެހި. އެހެންވީމަ މިއަދުވެސް އެ ޓީމެއްގެ ސިފަ އަންނަންވީ. މޮޅެތި ބައިވަރު ކުޅުންތެރިން ޓީމުގައި އެބަ ތިބި،" އައްސަދު ބުންޏެވެ.

އޭރުގެ ކެޕްޓަނެއްގެ ހައިސިއްޔަތުން މިއަދުގެ ޓީމަށް އައްސަދު ދޭން އޮތް ނަސޭހަތް ބޮޑެވެ. އެހާމެ ހިކުމަތްތެރި އަގުހުރިވެސް މެއެވެ.

"ގައުމީ ޓީމަކީ މިއަދު ގައުމުގައި ތިބި އެތައް ލައްކައެއްގެ މީހުންގެ ތެރެއިން ގައުމީ ޖާޒީގައި ތިބި ކުޅުންތެރިން. އެހެންވީމަ ވަކި މީހަކަށް ކޮށްދޭ ކަމެއް ނޫން. އަމިއްލައަށް ގަބޫލުކުރަންވީ އަމިއްލަ ކުރިއެރުމަށާ، ގައުމަށް ކޮށްދޭ ހިދުމަތެއްގެ ގޮތުގައި. އެ ވިސްނުމުގައި މަސައްކަތް ކޮށްފިއްޔާ، ނުވެގެން ހުއްޓާލަން ޖެހޭ، ނޫނީ ނުބައި މަގު ހިޔާރު ކުރަން ޖެހޭ އެއްވެސް ކަމެއް މިކަމުގެ ތެރޭގައި ނޯންނާނެ. މީހަކު ބުނެގެން އެކަން ކުރުމަކީ މައްސަލައެއް. އަމިއްލައަށް ބޭނުން ވެގެން، ގައުމީ ރީތި ނަން ހޯދައިދޭން. ގައުމީ ޖާޒީ ލައިގެން، ގައުމީ ޖާޒީއަށް ފަހުރުވެރިވާ ކަމަށްވާނަމަ، އެކުވެރި މާހައުލެއްގައި މަސައްކަތް ކުރެވޭނެ" އައްސަދު ބުންޏެވެ.

އައްސަދު ބުނީ ފާޑު ކިޔުމަކީ ކުރިއެރުމަށް ކަމަށް ބެލުމަށާއި އެއީ ދޭ ނަސޭހަތެއް ކަމަށް ވިސްނުމަށެވެ. އަދި ހުރިހާ ކުޅުންތެރިންގެވެސް އަޒުމަކަށް ވާންވީ ދިވެހި ތާރީހުގައި ނަން ލިޔެވިގެންދާނެ ކުޅުންތެރިޔަކަށް ވުމަށް ކަމަށާއި، މިއަދުވެސް ކާމިޔާބާއެކު މާލެ ފައިބާ އިރު، ކޮންމެ ކުޅުންތެރިއެއްގެ ނަން ތާރީހުގައި ލިޔެވިގެންދާނެ ކަމަށެވެ.

އައްސަދުގެ އެންމެފަހު ބަހަކަށްވެސް އޭނާ އެދުނީ 2008ގެ ކާމިޔާބީ ތަކުރާރު ކޮށްދިނުމަށެވެ.

"އަޒުމަކަށް ވާންވީ ތަށި، މިކަން ނިމޭ އިރު، ގައުމަށް ކޮންމެވެސް ކަމެއް ކޮށްދިނުން. ދެން އޮތް ޖީލަށްވެސް އެ މެސެޖު ދީފަ ދާން،" އައްސަދު ނިންމާލަމުންވެސް ބުންޏެވެ.