ހެރީ ކޭންގެ ގޯލާ އެކު ޕްރިމިއަރ ލީގުގައި މިއަދު ހަވީރު އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗު 0-1 އިން ޓޮޓެންހަމް އިން ކާމިޔާބުކޮށްފިއެވެ.

މި މޮޅާ އެކު ޓޮޓެންހަމް މިހާރު އޮތީ 52 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. ނަމަވެސް ލީގުގައި މާދަމާ ރޭ ކުޅޭ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ އެޓީމަށް ތިންވަނަ އަލުން ލިބޭނެއެވެ. ލިވަޕޫލް މިވަގުތު އޮތީ 51 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. މިއަދުގެ މެޗުން ބަލިވި އާސެނަލް އޮތީ 45 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޓޮޓެންހަމްގެ ފޯވާޑް ކޭންއެވެ. ނަމަވެސް އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ކޭން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ކޭން ވަނީ ޓޮޓެންހަމް އަށް ލީޑު ނަގާދީފައެވެ. މިއީ ލީގުގައި ކޭން ކާމިޔާބުކުރި 23 ވަނަ ގޯލެވެ.

މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ވެސް ޓޮޓެންހަމް އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ކޭން އާއި ޑެލެ އަލީގެ އިތުރުން ދެވަނަ ހާފްގައި ކުޅެން އެރި ލަމޭލާ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

މެޗުގެ ފަހު ވަގުތުކޮޅު ތެރޭ ނަތީޖާ އެއްވަރުކޮށްލަން އާސެނަލްގެ ފޯވާޑް ލަކަޒެޓް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ އަށް އެ ފުރުސަތުގެ ބޭނުން ވަނީ ހިފޭގޮތް ނުވެފައެވެ.

މިއަދުގެ މެޗުން ބަލިވުމުން ލީގުގެ ގަދަ ހަތަރެކަށް އެރުމަށް އާސެނަލް އިން ކުރަމުން އަންނަ މަސައްކަތައް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ. ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީ އާއެވެ. ޓޮޓެންހަމް ނިކުންނާނީ ކްރިސްޓަލް ޕެލެސްއާއެވެ.