އަލަށް ފެށި ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޕޮލެންޑާއި އިޓަލީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

އިޓަލީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ޕޮލެންޑަށް ވަނީ ލީޑު ނަގާނެ ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އިޓަލީގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ޕޮލެންޑުގެ ޒީލިންސްކީ ފޮނުވާލި އެ ހަމަލާ އިޓަލީގެ ޒުވާން ގޯލްކީޕަރު ޑޮނަރުއްމާ ވަނީ ދިފާއުކޮށްފައެވެ.

މި ފުރުސަތުގެ ބޭނުން ޕޮލެންޑަށް ނުހިފުނު ނަމަވެސް މެޗުގެ 40 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ލެވެންޑޯސްކީ ނަގައިދިން ހުރަހަކުން މި ގޯލު ޕޮލެންޑަށް ކާމިޔާބުކޮށްދިނީ ޒީލިންސްކީއެވެ.

ޕޮލެންޑް ލީީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 78 ވަނަ މިނެޓްގައި އިޓަލީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އިޓަލީ އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ޖޯޖީނިއޯއެވެ.

ރޭގެ މެޗުން އިޓަލީ އެއްވަރުވިއިރު މިއީ އިޓަލީގެ ކޯޗުކަމާ އަލަށް ހަވާލުވި ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އިޓަލީ ދެން ބައްދަލުކުރާނީ ޕޯޗުގަލްއާއެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރެއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު ކޮންމެ ލީގެއްގައި ހިމެނެނީ ތިން ޓީމު ހިމެނޭ ހަތަރު ގްރޫޕެވެ. އެ ހަތަރު ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމުތަކުގެ މެދުގައި އިތުރު މުބާރާތެއް އަންނަ އަހަރުގެ ޖޫން މަހު އޮންނާނެއެވެ. އެ މުބާރާތް ފަށާނީ ސެމީފައިނަލާއި ހިސާބުންނެވެ.