އެމެރިކާގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުން ރަފޭލް ނަޑާލް ކެޓިއިރު މުބާރާތުގެ ފައިނަލަށް ނޮވަކް ޖޮކޮވިޗް ދަތުރުކޮށްފިއެވެ.

މި މުބާރާތުން ނަޑާލް ކެޓީ ސެމީފައިނަލްގައި ރޭ އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޮޓްރޯއާ ބައްދަލުކުރި މެޗު އަނިޔާގެ ސަބަބުން ދޫކޮށްލުމާ ގުޅިގެންނެވެ. ފައިގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ނަޑާލް މެޗު ދޫކޮށްލިއިރު ދެ ސެޓުން ކުރީގައި އޮތީ ޑެލް ޕޮޓްރޯއެވެ.

އެގޮތުން ރޭގެ މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު އެ ސެޓު ޑެލް ޕޮޓްރޯ ގެންދިޔައީ 6-7 އިންނެވެ. އެ ސެޓު ނިމުނުތަނާހެން ގޮތަކަށް ކަކުލަށް ތަދުވާތީ ނަޑާލް ވަނީ މެޑިކަލް ޓީމުގެ އެހީ ހޯދާފައެވެ.

ނަޑާލްއާ ޑެލް ޕޮޓްރޯ ބައްދަލުކުރި މެޗުގެ ތެރެއިން

އަނިޔާގައި ހުރެ ދެވަނަ ސެޓު ނަޑާލް ކުޅުނުއިރު އެ ސެޓުގައި އޭނާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އާދައިގެ ކުޅުމެކެވެ. އެގޮތުން އެ ސެޓު ވަރަށް ފަސޭހަ ކަމާއެކު ޑެލް ޕޮޓްރޯ ވަނީ 6-2 އިން ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓު ނިމުމުން މެޑިކަލް ޓީމުގެ ލަފަޔާއެކު ނަޑާލް ވަނީ މެޗު ދޫކޮށްލަން ނިންމާފައެވެ.

ރޭގެ މެޗަށްފަހު އުމުރުން 32 އަހަރުގެ ނަޑާލް ބުނީ އެ ހާލަތުގައި ހުރެ ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި އޭނާގެ ފަޔަށް ވަރަށް ބޮޑަށް ތަދު އިހުސާސު ކުރެވުނު ކަމަށެވެ. އަދި މުޅި މެޗުގައި ވެސް ކުޅުނީ އެންމެ ކުޅުންތެރިއެއް ކަމަށްވެސް ނަޑާލް ބުންޏެވެ.

"މެޗެއް ދޫކޮށްލުމަކީ އަހަރެން އެއްގޮތަކަށް ކުރަން ބޭނުންވާ ކަމެއް ނޫން. އެކަމަކު އެ ހާލަތުގައި ހުރެ އިތުރު ސެޓެއް ކުޅުމަކީ އަހަންނަށް ކުރެވޭ ވަރަށް ވުރެ ބޮޑު ކަމެއް" ސްޕެއިން އަށް އުފަން ނަޑާލް ބުންޏެވެ.

ޑެލް ޕޮޓްރޯ ފައިނަލަށް ދަތުރުކުރިއިރު އޭނާ ވަނީ 2009 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މާދަމާ ރޭ ކުޅޭ ފައިނަލްގައި ޑެލް ޕޮޓްރޯ ބައްދަލުކުރާނީ މި މުބާރާތް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ ނޮވަކް ޖޮކޮވިޗްއާއެވެ.

ޖޮކޮވިޗް ފައިނަލަށް ދަތުރުކުރީ ޖަޕާނުގެ ކެއި ނިޝިކޯރީއާ ބައްދަލުކުރި މެޗު ވަރަށް ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ސާބިޔާ އަށް އުފަން ޖޮކޮވިޗް ގެންދިޔައީ 3-6، 4-6 އަދި 2-6 އިންނެވެ.