ޔުއެފާ ނޭޝަންސް ލީގުގައި ރޭ ފަހަތުން އަރާ 1-2 އިން އިންގްލޭންޑްގެ މައްޗަށް ސްޕެއިން ކުރި ހޯދައިފިއެވެ.

އިންގްލޭންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި އިންގްލޭންޑުން ވަނީ ލީޑު ނަގާފައެވެ. ލޫކް ޝޯ ހުރަސްކޮށްލި ބޯޅައަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑްއެވެ.

ނަމަވެސް އޭގެ ދެ މިނެޓްފަހުން ސައުލް ވަނީ ސްޕެއިން އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 32 ވަނަ މިނެޓްގައި ރޮޑްރިގޯ ވަނީ ސްޕެއިންގެ ދެވަނަ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑު އެޓީމަށް ނަގާދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ރަޝްފޯޑް އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ސްޕެއިންގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ސްޕެއިންގެ ކީޕަރު ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް ރަޝްފޯޑް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ސްޕެއިންގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އެ ދެ ހަމަލާ ވެސް ސްޕެއިންގެ ކީޕަރު ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ. މި ހާފުގައި ސްޕެއިން އަށް މާ ނުރައްކާތެރި ހަމަލާއެއް އިންގްލޭންޑްގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.

ރޭގެ މެޗުން ސްޕެއިން މޮޅުވިއިރު މިއީ އެޓީމުގެ ކޯޗުކަމާ ލުއިސް އެންރީކޭ ހަވާލުވިފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން މިއީ 2007 ވަނަ އަހަރަށްފަހު ވެމްބްލީ ސްޓޭޑިއަމްގައި ވާދަވެރި މެޗަކުން އިންގްލޭންޑް ބަލިވި ފުރަތަމަ މެޗުވެސް މެއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު ކޮންމެ ލީގެއްގައި ހިމެނެނީ ތިން ޓީމު ހިމެނޭ ހަތަރު ގްރޫޕެވެ. އެގޮތުން އިންގްލޭންޑް ލައްވާލާފައިވަނީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ލީގު ކަމަށްވާ އޭ ލީގުގެ ގްރޫޕް ހަތަރެއްގައެވެ. މި ގްރޫޕްގައި އިންގްލޭންޑާއި ސްޕެއިންގެ އިތުރުން ދެން ހިމެނެނީ ކްރޮއޭޝިޔާއެވެ.

ހަތަރު ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމުތަކުގެ މެދުގައި އިތުރު މުބާރާތެއް އަންނަ އަހަރުގެ ޖޫން މަހު އޮންނާނެއެވެ. އެ މުބާރާތް ފަށާނީ ސެމީފައިނަލާއި ހިސާބުންނެވެ.