އެމެރިކާގެ ސެރީނާ ވިލިއަމްސް ބަލިކޮށް ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖަޕާނުގެ ނަޔޯމީ އޮސާކާ ހޯދައިފިއެވެ.

އުމުރުން 20 އަހަރުގެ އޮސާކާ ރޭ ކުޅުނު ފައިނަލް މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.

އޮސާކާގެ ފަރާތުން މޮޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައެވެ. އޭނާ މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 2-6 އިންނެވެ. ދެވަނަ ސެޓު ދެ ކުޅުންތެރިން ވަރަށް ހަމަހަމަކޮށް ފެށިއިރު އެ ސެޓުގެ ކުރީކޮޅު މެޗުގެ އަމްޕަޔަރު ވަނީ ސެރީނާ އަށް ކޯޑް ވަޔޮލޭޝަނަކާއެކު އިންޒާރެއް ދީފައެވެ. މި ކޯޑް ވަޔޮލޭޝަން ދިނީ މެޗުގެ ތެރެއިން ސެރީނާގެ ކޯޗު އޭނާ އަށް އިރުޝާދު ދިން ކަމަށް ބުނެއެވެ. މެޗެއްގެ ތެރެއިން ކުޅުންތެރިއަކަށް އިރުޝާދު ދިނުމަކީ ގްރޭންޑް ސްލޭމް މުބާރާތްތަކުގައި މަނާ ކަމެކެވެ.

އެ އިންޒާރާއެކު ސެރީނާ ވަނީ ނުރުހުން ފާޅުކޮށް އޭނާ އަކީ މަކަރު ހަދާނެ ކުޅުންތެރިއެއް ނޫން ކަމަށް އަމްޕަޔަރާއި ދިމާލަށް ބުނެފައެވެ. އަދި ދެވަނަ ސެޓުގެ ތެރެއިން ރެކެޓެއް ހަލާކު ކޮށްލުމާ ގުޅިގެން އަމްޕަޔަރު ވަނީ ސެރީނާ އަށް ދެވަނަ ކޯޑް ވަޔޮލޭޝަން ދީފައެވެ. މި ކޯޑް ވަޔޮލޭޝަނާއެކު އަމްޕަޔަރު ވަނީ ސެރީނާ އަތުން ޕޮއިންޓެއް އުނިކޮށްފައެވެ.

އެއާއެކު ސެރީނާގެ ރުޅިގަނޑު އިތުރަށް ގަދަވެގެން ގޮސް އެންމެފަހުން ވަނީ އަމްޕަޔަރާއި ޒުވާބުކުރަން ވެސް ފަށާފައެވެ. އެގޮތުން ސެރީނާ ވަނީ އަމްޕަޔަރަކީ ދޮގުވެރިއެއް ކަމަށާއި އަދި "ވަގެއް" ކަމަށް ވެސް ބުނެފައެވެ. ސެރީނާގެ މި ތުހުމަތުތަކާއެކު އަމްޕަޔަރު ވަނީ ތިންވަނަ ކޯޑް ވަޔޮލޭޝަނާއެކު ސެރީނާ އަތުން ގޭމެއް ވެސް އެންމެފަހުން އުނިކޮށްފައެވެ. އެއާއެކު އޮސާކާ އަށް ވަނީ 3-5 ގެ ލީޑެއް ލިބިގެން ގޮސްފައެވެ.

ގޭމެއް އުނިކުރުމާ ގުޅިގެން ސެރީނާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއިރު ޖެހިގެން އައި ގޭމު އޭނާ ވަނީ ހޯދާފައެވެ. ނަމަވެސް ދެން ޖެހިގެން އައި ގޭމު ވަރަށް ފަސޭހަ ކަމާއެކު ކާމިޔާބުކޮށް 4-6 އިން ދެވަނަ ސެޓު ހޯދައި އޮސާކާ ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މިއީ އޮސާކާ އޭނާގެ ކެރިއަރުގައި ހޯދި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާއިރު މިއީ ޖަޕާނަށް ނިސްބަތްވާ ކުޅުންތެރިއަކަށް ގްރޭންޑް ސްލޭމެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރުވެސް މެއެވެ.