އަންނަ އަހަރު ކެމަރޫންގައި ބާއްވާ އެފްރިކަން ކަޕް ނޭޝަންސްގެ ކޮލިފިކޭޝަންގައި ރޭ ނައިޖާގެ މައްޗަށް 0-6 އިން މިސްރުން ކުރި ހޯދައިފިއެވެ.

މިސްރުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ވަރަށް ކުރީކޮޅު މިސްރަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ލިވަޕޫލް އަށް ކުޅެމުން އަންނަ މުހައްމަދު ސަލާހު ފޮނުވާލި އެ ޕެނަލްޓީ ނައިޖާގެ ކީޕަރު ކަސަލީ ވަނީ ދިފާއުކޮށްފައެވެ.

ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް ސަލާހު ދިން ޕާހަކުން މެޗުގެ 13 ވަނަ މިނެޓްގައި މަރްވާން މުހުސިން ވަނީ މިސްރަށް ލީޑު ނަގާދީފައެވެ. މެޗުގެ 20 ވަނަ މިނެޓްގައި މިސްރުގެ ދެވަނަ ގޯލު އަޝްރަފް ކާމިޔާބު ކުރިއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ސަލާހު ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މިސްރުގެ ހަތަރުވަނަ ގޯލު މެޗުގެ 73 ވަނަ މިނެޓްގައި ސަލާހު މުހުސިން ކާމިޔާބު ކުރިއިރު ފަސްވަނަ ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަލާހުއެވެ. އަދި މިސްރުގެ ފަހު ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު އެލްނެނީއެވެ.

ނިމިގެންދިޔަ ވޯލްޑް ކަޕްގައި މިސްރު ވާދަކޮށްފައިވާއިރު އެފްރިކަން ކަޕް ނޭޝަންސްގެ ކޮލިފިކޭޝަންގައި އެޓީމު ލައްވާލާފައިވަނީ ގްރޫޕް ޖޭ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޓިއުނީޝިޔާ އާއި ސްވާޒިލަންޑްގެ އިތުރުން ނައިޖާއެވެ.

މިއީ މިސްރުން ގްރޫޕްގައި ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު ފުރަތަމަ މެޗުގައި އެޓީމު ވަނީ ޓިއުނީޝިޔާ އަތުން 1-0 އިން ބަލިވެފައެވެ.

މިސްރަކީ އެފްރިކަން ކަޕް ނޭޝަންސް މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމެވެ. އެގޮތުން އެޓީމުން ވަނީ މި މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށްފައެވެ.